web analytics
ސިއްޙަތު

ހިލޭ ޖެހޭ ކެއުމެއް، ޚިދްމަތެއް ނުހުރެ އެވެ.

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

“ނޯ ފްރީ ލަންޗް” މިއީ މަޝްހޫރު އިނގިރޭސި މުހާވިރާ ބަހެކެވެ. ހިލޭ ޖެހޭ ކެއުމެއް ނުހުންނަ ވާހަކަ އެވެ. ތިމާގެ ޖީބުން ޚަރަދު ނުކުރި ނަމަވެސް، ކޮންމެވެސް މީހެއްގެ ޖީބުން ކެއުމަށް ޚަރަދު ހިނގާނެ ވާހަކަ އެވެ. ކޮންމެ މީހަކު އަގު ދެއްކި ނަމަވެސް، ކެއްކުމަށް ބޭނުންކުރި ހަނޑުލާއި، މަހާއި، ހަވާދާއި، ތެޔޮ އަދި ފިޔާ މިރުސް ގަތުމަށް ޚަރަދު ހިނގާނެ އެވެ. ރައްޓެއްސަކު، ހިލޭ އެތަކެތި ދިން ކަމުގައި ވިޔަސް، އޭނާ އެތަކެެތި ހޯދާފައި ހުންނާނީ ހިލެއަކު ނޫނެވެ. ފިހާރައަކުން “ސިއްރުން” ނެގި އެއްޗެތި ކަމުގައި ވިޔަސް، އެފިހާރައާ ހަމައަށް ތަކެތި އަންނާނީ ކޮންމެވެސް ބަޔަކު އުފައްދާ، އެތަކެތި ވިއްކައިގެންނެވެ. މިރުހާއި ފިޔާ ހެއްދީ ގޭގައި ކަމުގައި ވިޔަސް، އެކަމަށް ވެސް ޚަރަދާއި ވަގުތު ހިނގަ އެވެ. ކެއްކީ ތިމާގެ ދެ އަތުން، ކަމުގައި ވިޔަސް، ކެއްކުމަށް ކޮންމެވެސް ބާވަތެއްގެ ހަކަތައެއް ބޭނުން ކުރަން ޖެހެ އެވެ. އަދި ތިމާގެ ވަގުތަކީ އަގެއް އެކުލެވިގެންވާ، މުދަލެކެވެ. ހިލޭ ޖެހޭ ކެއުމެއް، ޚިދުމަތެއް ނުހުރެ އެވެ.

ރައްޓެއްސަކު ދަޢުވަތު ދިނީތީ މާކުންބެ ލަދުން އިސްޖަހަލާ މިންވަރަށް ކައިގެން ބަނޑުދަމާލާއިރު، ތިމާގެ ޖީބުން ކެއުމަށް އަގު ދައްކަން ނުޖެހުނު ކަމުގައި ވިޔަސް، އެއަކީ ހިލޭ ޖެހުނު ކެއުމެއް ނޫނެވެ. ކޮންމެވެސް މީހަކު، ނުވަތަ ބަޔަކު އެކެއުމަށް އަގު ދައްކަ އެވެ. ފަރުދަކު ކުރި ނަމަވެސް، ކުންފުންޏަކުން ކުރި ނަމަވެސް، ކޮންމެ މުދަލަކަށް، ކޮންމެ ޚިދްމަތަކަށް، އަގެއް ޖެހެ އެވެ. އެއްވެސް މުދަލަކީ، ޚިދްމަތަކީ ހިލޭ ޖެހޭ އެއްޗެއް ނޫނެވެ. މިއީ އިންތިޚާބު ބޯމަތި ވުމަކުން، ނުވަތަ، ފުރަތަމަ 100 ދުވަސް ވިޔަތީ ބަދަލު ނާންނާނެ އިޤްތިޞާދީ މުހިންމު އަސާސެކެވެ.

ކޮންމެ މުދަލަކަށް، ކޮންމެ ޚިދްމަތަކަށް އަގެއް ދައްކަން ޖެހޭކަން ޔަގީން ވާހިނދު، ދައުލަތުން ފޯރުކޮށްދޭ ޚިދްމަތްތައް ހިލޭ ޖެހޭނޭ ކަމުގައި ދެކެންވީ ސަބަބެއް ނެތެވެ. ދައުލަތުން ފޯރުކޮށްދޭ ކޮންމެ ޚިދްމަތެއްގެ ވެސް އަގެއް ހިމެނެ އެވެ. ޚިދްމަތް ލިބިގަންނަ ފަރާތަށް އަގު ހެޔޮ ކޮށްދެވޭނީ، ކޮންމެވެސް އެހެން ނިސްބަތަކުން އެ ޚިދްމަތުގެ އަގު ދައްކައިގެންނެވެ. ސަބްސިޑީ ފޯރުކޮށްދެނީ އެގޮތުންނެވެ. ޚިދްމަތް ލިބިގަންނަ ފަރާތުން އަގު ނުނަގާ، ދައުލަތުން އެ ޚިދްމަތަށް އަގު ދެއްކުމުންނެވެ. ޚިދްމަތް ލިބިގަންނަ ފަރާތުން އެ ޚިދްމަތަށް އަގު ދައްކަން ނުޖެހުމުން، އެ ޚިދްމަތަކީ ހިލޭ ޖެހޭ ޚިދުމަތަކަށް ނުވެ އެވެ. ހަމައެކަނި އަގު ދައްކާ ފަރާތް ތަފާތުވުން ފިޔަވައި އިތުރު ބަދަލެއް ނާދެ އެވެ. މެންދުރުގެ ކެއުމަށް، ދަޢުވަތުދިން މީހާގެ ޖީބުން ކެއުމަށް އަގު ދެއްކިބީދައިންނެވެ.

ނަމަވެސް ދައުލަތަކީ އޭގެ ޒާތުގައި އަމިއްލަ މުއްސަނދި ކަމެއް ހުންނަ މުއައްސިސެއް ނޫނެވެ. ޢާންމު ގޮތެއްގައި ދައުލަތުގައި ހުންނާނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އެވެ. ޚިދްމަތް ލިބިގަންނަ ފަރާތަށް ލުއި ދިނުމުގެ ގޮތުން، އަގު ހެޔޮ ކޮށްދީފި ނަމަ، ނުވަތަ އެއްވެސް މިންވަރަކަށް އަގު އަގުދައްކަން ނުޖެހެނީ ނަމަ، މަދުވާ ބައި ދައުލަތުން ދައްކަން ޖެހެ އެވެ. މީ އާންމު އުސޫލެވެ. މިގޮތުން އިތުރަށް ދައްކަން ޖެހޭ މިންވަރު ހަމަޖައްސަން ޖެހޭނީ ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގައިގެންނެވެ. މި އަސާސަކަށް ބަދަލެއް ނާންނާނެ އެވެ.

މީގެ އިތުރުން ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީއެއް މަދުކުރަނީ ނަމަ، އެގޮތުން ނުލިބިދާ އާމްދަނީ ވެސް، ކޮންމެވެސް އެހެން ގޮތަކުން ހޯދައިގެން މެނުވީ، މިހާރު ވެސް ދަރަނިވެފައިވާ ބަޖެޓުގެ ފުލެއް ނޭޅޭނެ އެވެ. ތެލުން ނަގާ ޑިޔުޓީ ކަނޑާލުމުން، ދައުލަތުގެ އާމްދަނީ އެހެން ގޮތަކުން އިތުރު ކުރަން މަޖްބޫރުވާނެ އެވެ.

އައިޖީއެމްއެޗުގެ ލެބޯރަޓަރީ: އާސަންދައަކީ ހިލޭ ހިދުމަތެއް ނަމަވެސް އެއަށް ހަރަދުކުރަނީ ހުރިހާ ރައްޔިތުން
ޚިދްމަތް ލިބިގަންނަ ފަރާތުން، އެ ޚިދްމަތުގެ އަގު ދައްކަން ނުޖެހެނީ ނަމަ، އަގުގެ ތަފާތު “ފާލަން” ކުރަން ޖެހޭނީ ހުރިހާ ރައްޔިތުން އަތުން ނަގާ އިތުރު ޓެކްސް އިންނެވެ. އާސަންދަ ޚިދްމަތަކީ އެންމެނަށް ހުޅުވާލެވިފައިވާ ހިލޭ ޚިދްމަތެކެވެ. އެ ޚިދްމަތަށް އަގު ދައްކަނީ ޓެކްސް ދައްކާ ހުރިހާ ރައްޔިތުންނެވެ. މަދުން ބޭސްކުރާ ފަރާތްތަކާއި، އެއްވެސް ގޮތަކަށް ޑަކްޓަރުގެޔެއް ފެންނަ ހިސާބަށް ދާން ނުޖެހޭ ނަސީބުވެރިޔާ ވެސް އެ ޚިދްމަތަށް ޓެކްސް ދައްކާނެ އެވެ.

އެހެންކަމުން، ޚިދްމަތުގެ އަގު ހެޔޮކުރުމަށް، ނުވަތަ ޚިދްމަތުގެ އަގު އެއްކޮށް ކަނޑާލުމަށް، ދައުލަތުގައި އެދޭ އިރު، އެގޮތުން ދައުލަތަށް މަދުވާ މިންވަރު، ކޮންމެވެސް ގޮތަކުން ދައުލަތަށް ލިބޭނޭ ގޮތެއް އޮންނަން ޖެހޭނޭކަން ޤަބޫލުކުރެވެން ޖެހެ އެވެ. ތިމާއަށް ދައްކަން ނުޖެހޭ އަގު، ހުރިހާ ރައްޔިތުން އަތުން ހޯދުމަށް ދައުލަތަށް މަޖްބޫރުވާނެކަން އެނގެން ޖެހެ އެވެ.

އިންތިޚާބު ބޯމަތި ވުމުން، ނުވަތަ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނިގެން ނަމަވެސް މިގޮތުން އަގުހެޔޮ ކޮށްދެވޭ ޚިދްމަތުގެ އަގު އެހެން ނިސްބަތަކުން ދައުލަތުން ހޯދާން މަޖްބޫރުވާނެ ކަމުގައި އަޅުގަނޑުމެން ދަންނަން ޖެހޭނެ އެވެ. މިއީ ރައްޔިތުން ދަސްކޮށް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. އެއްވެސް މުދަލެއް، ޚިދްމަތަކީ ހިލޭ އެއްޗެއް ނޫނެވެ. އެ ޚިދްމަތް ލިބިގަންނަ ރައްޔިތުމީހާ، ޚިދްމަތަށް ދައްކަން ޖެހޭ އަދަދު ނުދައްކަނީ ނަމަ، ހުރިހާ ރައްޔިތުން އަތުން ނަގާ ޓެކްސްގެ މިންވަރު އިތުރުވާނެ އެވެ. މިއީ ވަކި ދާއިރާއަކަށް، ވަނި ސިނާޢަތަކަށް، ވަކި ޚިދްމަތަކަށް، އަދި ވަކި ބަޔަކު ވެރިކަމުގައި ތިބުމަކުން ބަދަލު އަންނަ ސިފައެއް ނޫނެވެ. އިޤްތިޞާދީ އަސާސެކެވެ.

އެޑިޓަރުގެ ނޯޓު
އާތިފަކީ އިގުތިސާދީ ދާއިރާ އިން ކިޔަވާވިދާޅުވެގެން ހުންނެވި އިގުތިސާދީ ދާއިރާގެ މައުލޫއުތަކަށް ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވައިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕެރަލައިޒްވެފައިވާ އަނބިމީހާއަށް ޚިދުމަތް ކުރުމުގައި 31 އަހަރު، ކޮންފަދަ ލޯތްބެއް!

ސުވާދީބު

އައިޖީއެމްއެޗްގެ ހާލަތު ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް ވެއްޓިއްޖެ – ޕީޕީއެމް

ސުވާދީބު

ދުންފަތުގެ ދުމުން ތުއްތު ކުދިންނަށް ލިބޭގެއްލުން އެނގޭތަ؟

ސުވާދީބު
Share