ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އަހަރު ނިމުމަކަށް އަންނަ އިރު މި އަހަރަކީ ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ހޮލީވުޑްގެ ސިނަމާތަކަށް އައި އަހަރެކެވެ.
ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި “ބްލެކް ޕެންތާ” އާއި “އެވެންޖާޒް: އިންފިނިޓީ ވޯ” ގެ އިތުރުން “ޑެޑްޕޫލް 2″، “މިޝަން އިމްޕޮސިބަލް: ފޯލް އައުޓް”، “އަ ސްޓާ އިޒް ބޯން”، “އަކުއަމޭން”، “ފަސްޓް މޭން”، “ބޮހީމިއަން ރެޕްސޮޑީ” އަދި “ވެނަމް” ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ދެން އޮތީ އަންނަ އަހަރަށް އިންތިޒާރު ކުރުމެވެ. އަންނަ އަހަރަކީ ވެސް ޝައުގުވެރި ފިލްމުތަކެއް ސިނަމާތަކަށް އަންނާނެ އަހަރެކެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކުގެ ޓީޒާ/ޓްރެއިލާތައް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބައެއް ޓީޒާތަކާއި ޓްރެއިލާތައް ބަލައިލަން ހިނގާށެވެ.
ޓްރިޕްލް ފްރިންޓިއާ
ނެޓްފްލިކްސް އިން އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ އެކްޝަން/އެޑްވެންޗަ ތުރިލާ ފިލްމު “ޓްރިޕްލް ފްރޮންޓިއާ” ގެ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ.
މިއީ އޭ ލިސްޓް ތަރިންތަކެއް ފެނިގެން ދާނެ ފިލްމެކެވެ. އޭގެ ތެރޭގައި ބެން އެފްލެކް، ޕެޑްރޯ ޕާސްކަލް، އޮސްކާ އައިޒަކް، ޗާލީ ހަނަމް، ޖެރެޓް ހެޑްލަންޑް ހިމެނެ އެވެ. ޖޭސީ ޝެންޑޯ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ނިންމާފައިވީ ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
އެކަމަކު އޭގެ ކުރިން މާޗް މަހުގެ ތެރޭގައި މި ފިލްމު ލިމިޓެޑް ސިނަމާތަކުގައި ދައްކާނެ އެވެ.
އެވެންޖާޒް: އެންޑްގޭމް
މާވެލްގެ ސުޕަހީރޯ ބައިގަނޑާ އެކު “އެވެންޖާޒް” ސީރީޒްގެ ހަތަރު ވަނަ ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެނެސް ދޭން ނިންމާފައިވާ އިރު، މި ފިލްމުގެ ޓީޒާ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި މި ސީރީޒްގެ ކުރީގެ ފިލްމުތަކުން ފެނުނު މައިގަނޑު ކާސްޓުން އަލުން ބެލުންތެރިންނާ ބައްދަލު ކުރާނެ އެވެ. އޭގެ ތެރޭގައި ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް ހެމްސްވޯތު، މާކް ރަފަލޯ، ކްރިސް އެވަންސް، ބެނެޑިކްޓް ކަމްބަބެޗް، ޓޮމް ހޮލަންޑް، ޒޯއީ ސަލްޑާނާ، ބްރީ ލާސަން، ޖޮން ފެވަރޫ، ޖެރެމީ ރެނާ، ޑޭވް ބަޓިސްޓާގެ އިތުރުން ޖޯޝް ބްރޯލިން ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
ދެބޭން ކަމަށްވާ އެންތަނީ އާއި ޖޯއީ ރުސޯ ޑައިރެކްޓްކޮށްފައިވާ “އެވެންޖާޒް: އެންޑްގޭމް” ސިނަމާތަކަށް އަންނާނީ އެޕްރީލް 26 ގަ އެވެ.
ލަޔަން ކިންގް
މި ފިލްމަކީ ޑިޒްނީން މީގެ އަހަރުތަކެއް ކުރިން ގެނެސް ދީފައިވާ އެނިމޭޓެޑް ފިލްމު “ލަޔަން ކިންގް” ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައިވާ ފިލްމެކެވެ.
ކުރީގެ ފިލްމު ކާޓޫނުކޮށް އޮތަސް އަންނަ އަހަރު ގެނެސްދޭ ފިލްމު ވެގެން ދާނީ އަސްލާ އެއްގޮތަށް ކެރެކްޓާތައް ފެނިގެން ދާނެ ފިލްމަކަށެވެ.
“ލަޔަން ކިންގް” ގެ ޓީޒާ ޓްރެއިލާ ވެސް ދައްކާލައިފައިވާ އިރު، މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 19 ގަ އެވެ. ފިލްމަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ބިޔޯންސޭ، ޑޮނަލްޑް ގްލޯވާ، ސެތު ރޯގެން، ޖޯން އޮލިވާ އަދި ޖޭމްސް އާލް ޖޯންސް ހިމެނެ އެވެ.
“ލަޔަން ކިންގް” ގެ ޑައިރެކްޓަރަކީ 2016 ގެ ކާމިޔާބު ފިލްމު “ޖަންގަލް ބުކް” ވެސް ގެނެސް ދިން ޖޮން ފެވަރޫ އެވެ.
ކެޕްޓަން މާވެލް
މިއީ އަނެއްކާވެސް ޑިޒްނީ އާއި މާވެލްގެ ސުޕަހީރޯ ފިލްމެކެވެ. “ކެޕްޓަން މާވެލް” ގެ މައި ތަރިއަކީ ބްރީ ލާސަން އެވެ.
މި ފިލްމުގެ އިތުރު ކާސްްޓުންގެ ތެރޭގައި ސެމުއެލް އެލް ޖެކްސަން، ބެން މެންޑެލްސޯން، ޖޫޑް ލޯ، ލީ ޕޭސް، ގެމާ ޗަން ފަދަ ތަރިން ހިމެނެ އެވެ.
އެނާ ބޯޑެން ޑައިރެކްޓްކޮށްފައިވާ “ކެޕްޓަން މާވެލް” ސިނަމާތަކަށް އަންނާނީ މާޗް 8 ގަ އެވެ. މި ފިލްމަކީ 152 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
އެލީޓާ
“އެވެޓާ” އާއި “ޓައިޓޭނިކް” ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ޖޭމްސް ކެމެރެން ޕްރޮޑިއުސްކޮށްފައިވާ “އެލީޓާ: ބެޓްލް އެންޖެލް” އަކީ ކުރިން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސިނަމާ އަށް ގެންނަން ނިންމި ފިލްމެކެވެ.
މިހާރު މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 14 ގަ އެވެ. މިހާރު ޓްރެއިލާ ވެސް ދައްކާލާފައިވާ “އެލީޓާ” އަކީ ކެމެރެންގެ ސްކްރިޕްޓަކަށް، ރޮބަޓް ރޮޑްރިގޭޒް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ޖަޕާންގެ މަންގާ އާޓިސްޓް ޔުކީޓޯ ކިޝިރޯގެ “ބެޓްލް އެންޖެލް އެލީޓާ” އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
“އެލީޓާ” އަކީ އާދަޔާހިލާފު ގޮތަކަށް އުފެދިފައިވާ އަދި ތަފާތު ބާރުތަކެއް ލިބިފައިވާ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މި ފިލްމަށް އަޑު އަޅައިދީފައިވާ ފަންނާނުންގެ ތެރޭގައި މެހެރުޝާލާ އަލީ، ރޯޒާ، ސެލަޒާ، ޖެނިފާ ކޮނަލީ، އެޑް ސްކެރިން އަދި ކިއާން ޖޯންސަން ހިމެނެ އެވެ.
Facebook Comments