ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ހދ.ނޮޅިވަރަމަށް އުފަން ޢަލީ ޙުސައިން ގެ ޢުމުރުން މިހާރު 38 އަހަރު ވީއެވެ. އޭނާގެ ޢުމުރުން އެންމެ 10 އަހަރުގައި ބަނޑުގައި ރިއްސާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން ރިހުން އިތުރަށް ގަދަވެ، ކެތް ނުކުރެވޭވަރު ވުމުން އާއިލާއިން އޭނާ މާލެ ގެންދިޔައެވެ. މާލޭގެ ސެންޓްރަލް ހޮސްޕިޓަލަށް ދެއްކުމުން ޢަލީ ޙުސައިންގެ ގޮހޮރުގެ ހަ ތަނެއް ފޫގޮސްފައިވާ ވާހަކަ ޑޮކްޓަރު ބުންޏެވެ. އާއިލާއަށް ލިބުނު ކުއްލި ޝޮކާއި އެކު އިތުރު ފަރުވާއަށް ލަންކާ އަށް އޭނާ ގެންދެވުނެވެ. ވާހަކަ ދެއްކޭވަރުވީ ވެސް ދެމަހެއްހާ ދުވަސް ފަހުންނެވެ.
ޢަލީ ޙުސައިންގެ މި އުނދަގޫ ޙަޔާތް ވޭތުކުރަމުންދާތާ އެތަކެއް އަހަރުތަކެއް ވީއިރުވެސް ހިނގޭނެ ކަމުގެ އުންމީދަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އުފާވެރި ދިރިއުޅުމަކާއި މެދު ދެކޭ ހުވަފެންތަކަށް ފަނޑުކަމެއް ނާދެއެވެ. ޢަލީ ޙުސައިންގެ ދިރިއުޅުންވެސް އެހެންމީހުންނެކޭ އެއްފަދައިން ހިތްހަމަޖެހުމާއި އުފާވެރިކަމާއި އެކު ކުރިއަށްގެންދިއުމަށް އޭނާ ބޭނުންވެއެވެ. އެގޮތުން މި އުންމީދުތަކަށް އިތުރު ކުރިއެރުމެއް ގެނުވައިދިނީ ، 2016 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު ނޮޅިވަރަމް އިންޖީނުގެއިން ހަމަޖެހިގެން ދިޔަ ޓެކްނީޝަނެއްގެ ވަޒީފާއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފެނަކައިން ދިން ވަޒީފާތަކުގެ ތެރެއިން ޢަލީ ޙުސައިނަށް ލިބުނު ފަޒީފާއެކެވެ.

ޢަލީ ޙުސައިނަށް ނުހިނގެން ފެށުނީންސުރެ، އޭނާ އެއްތަނުން އަނެއްތަނަށް ދަނީ ބައިސްކަލުގައެވެ. މީހުންނާ ބައްދަލުކުރުމާއި ރަށުގެ އެކި ތަންތަން ކޮންމެ ދުވަހަކުވެސް ބަލާލަން ދިއުމަކީ ޢަލީގެ އާދައެކެވެ. ލިބުނު ވަޒީފާއާއި ގުޅިގެން ލިބޭ މުސާރައިން ބޮޑުބައި ރައްކާކޮށްގެން އެންމެ ފުރަތަމަވެސް ޢަލީ ގަތީ ރަށު ޕިކަޕެކެވެ. ސަބަބަކީ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭ އެހެން މަސައްކަތެއްވެސް ކުރަން ބޭނުންވާތީއެވެ. ވިހި ރުފިޔާއަށް ދަތުރެއްގެ ރޭޓުން ކޮންމެ ދަތުރެއްވެސް ކޮށްދެއެވެ. ކޮންމެ ދުވަހަކުވެސް އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ޢަލީގެ ގިނަ ވަގުތު ހޭދަކުރަނީ އެ މަސައްކަތުގައެވެ.
ލިބުނު ވަޒީފާގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންކަން ހަމަޖެހިފައިހުއްޓަސް، ޢަލީގެ އެންމެ ބޮޑު އުންމީދު އަދި ޙާޞިލެއް ނުވެއެވެ. އެއީ މީހަކާ އިނދެގެން ޒަވާޖީ ޙަޔާތެއް ފެށުމެވެ. ޖުމްލަ ހަތަރު ކުދިންނާއި ރައްޓެހިވިއިރުވެސް ކައިވެންޏަކާއި ހަމައަށް އަދި ދެވޭވަރެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް އަންހެން ކުއްޖާގެ އާއިލާއިން ފާހަގަ ކުރަނީ ހަމަ އެންމެ ކަމެކެވެ. އެއީ ޢަލީ އަކީ ނުހިނގޭ މީހަކަށް ވުމެވެ. މީހަކާ އިނދެގެން ޢަލީ އަށް އެމީހަކު ނުބެލޭނެކަމަށް އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުމެވެ.

“އަހަރެން ވަރަށް ބޮޑަށް ދެރަވޭ އެމީހުންނަށް ނުވިސްނޭތީ. އަހަރެންނަށް ކީއްވެ މީހަކު ނުބެލެންވީ. އަހަރެންނަށް ކީއްވެ އަހަރެންނަށް ލިބޭ ދަރިން ނުބެލެންވީ. އަހަރެންގެ ހުރިހާ ޙިއްސުތަކެއް އެބަހުރި. އަހަރެންނަށްވެސް ރިޒްޤު ދެއްވަނީ ﷲ. އަހަރެން އެދެނީ އެމީހުންނަށް ރަނގަޅު ވިސްނުން ﷲ ދެއްވުން” ވަރަށް އަސަރާއި އެކު ޢަލީ ގެ އިޙްސާސްތައް ޙިއްސާކުރިއެވެ.
ޢަލީގެ ދުޢާ އަކީ ޙަޔާތުގެ ކޮންމެވެސް ދުވަހަކުން ޢަލީއަށްވެސް ހިނގޭނެ ގޮތް ﷲ ތަޢާލާ މިންވަރުކޮށްދެއްވުމެވެ. އަދި ޒަވާޖީ ޙަޔާތެއްފެށި އުފާވެރި ދުވަސްތަކެއް ލިބުމެވެ.
Facebook Comments