ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މަރުތަކާއި ކޮރަޕްޝަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނުގައި ހަގީގީ މިނިވަން ކަމެއް ނެތް ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ “ސިޔާސަތު ނޫރުބާންއާ އެކު” ޕްރޮގްރާމްގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އުގެއިލް ވިދާޅުވީ މަރުގެ ކަންތައްތަކާއި ގެއްލުވާލާފައިވާ މީހުންގެ ކަންތައްތަކަށް ބަލާއިރު ކޯޓުތަކުގެ މަރުހަލާއިން ނިމިފައި ހުރި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ނަމަވެސް މިކަމުގެ މިނިވަންކަމާ މެދު އަދިވެސް ވަރަށް ބޮޑަށް ސުވާލު އުފައްދަމުންދާ ކަމަށެވެ.
އަދި މިފަދަ ކޮމިޝަންތަކެއް އެކުލަވާލައިގެން، އެ މިނިވަންކަން ރައްޔިތުންގެ ކުރިމައްޗަށް ދައްކާލެވޭނެތޯ އެއީ ކުރަންޖެހޭ ސުވާލެއް ކަމަށާއި ރާއްޖެ އަކީ ވަރަށް ކުޑަކުޑަ މުޖުތަމައު އަކަށްވެފައި، ވަކި ކޮޅަކަށް ބުރަވުން ނުހިމެނޭ ގޮތަކަށް މި ކަންތައްތައް ކުރުން ވަރަށް މުހިއްމު ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.
“އެހެން ބަލާއިރު، އަޅުގަނޑުމެން ހުސް ދިވެހިން މި ކޮމިޝަނަށް ލައިގެން މަސައްކަތް ކުރީމަ ހަމަ އުފެދޭ ސުވާލެއް އެބައޮތް އަބަދުވެސް މި މިނިވަންވާނެ ބާއޭ. އެ ސުވާލު އުފެދޭނެ މިނިވަން ކަމާއެކީ ވިސްނާ ކޮންމެ މީހަކަށް. ވަކި ކުލަޔަކަށް ނުބަލާ ވިސްނާ ކޮންމެ މީހަކަށް އެ ސުވާލު އުފެދޭނެ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ހަގީގީ މިނިވަން ކަމެއް އަދި މި ކޮމިޝަނަކު ނެތް” އުގެއިލް ވިދާޅުވިއެވެ.
އުގެއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ މާހައުލުން ބޭރުގެ އެހެން ބަޔަކު މި ކޮމިޝަންތަކުގެ ކޮންމެވެސް ފަންތިއެއްގައި މަސްއޫލުވެރިކަން އަދާކޮށްގެން ނޫނީ ކޮމިޝަން ހަގީގީ މުސްތަގިއްލު ތަނަކަށްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިފަދަ ތަހުގީގުތައް ކުރާއިރު ބޭރުގެ ފަރާތްތަކުގެ އެހީ ބޭނުންވާނެ ކަމަށާއި މި ކަންކަމުގެ އެންމެ ފުނަށް ދިޔުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.
މިފަދަ ކޮމިޝަންތައް އިފްތިތާހުކުރުމަކީ ވަރަށް ރަނގަޅު ފާލެއް ކަމަށާއި މި ކޮމިޝަންތަކުގެ މަސައްކަތް ރަނގަޅަށްދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ. މީގެއިތުރުން އެ ކޮމިޝަންތަކަށް ވެސް އަދި އެހެން މުއައްސަސާތަކަށް ވެސް ދެވެން އޮތް ހުރިހާ އެހީއެއް ދެއްވާނެ ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.
Facebook Comments