ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ފުލުހުންގެ ޚިދުމަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި، އަމާޒަކީ ރައްޔިތުންގެ މެދުގައި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ޤާއިމްކޮށްދިނުން ކަމަށް ފުލުހުންގެ ޖާސޫސީ ޚިދުމަތުގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އެމްސީ ހަމީދު ލީކް ކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ކުރެވިގެން 2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން ވަކިކުރި އެމްސީ ހަމީދަށް އަލުން ވަޒީފާ ދިނުމަށާއި ފާއިތުވި ހަތް އަހަރު ދުވަހުގެ މުސާރަ އޭނާ އަށް ދިނުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ.
އެމްސީ ހަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރަން އުޅޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސުޕްރީމް ކޯޓުން އެމްސީ ހަމީދު ކޮޅަށް މައްސަލަ ނިންމުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އަލުން ޔުނީފޯމް އަޅައި، ފުލުހުންގެ ޚިދުމަތާއި ގުޅޭނެ ކަމަށެވެ. ކޮންމެ ރޭންކެއް ނުވަތަ މަޤާމެއްގައި ހުރި ނަމަވެސް، ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މެދުގައި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ޤާއިމްކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްސީ ހަމީދު މަގާމުން ވަކިކުރި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.
މިހަފްތާ ނިމުމުގެ ކުރިން އެމްސީ ހަމީދު ފުލުހުންގެ ކޮމިޝަނަރު ކަމަށް އައްޔަން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ހަމީދަކީ އެމްޑީޕީގެ އިތުބާރު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
Facebook Comments