ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަން ބޭނުން ވެގެން އުޅޭ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އިންޑިއާގެ ބައެއް ޓްރެވަލް އެޖެންޓުން، ޗުއްޓީ އަށް އަންނަން ބޭނުންވާ މީހުންނަށް ލަނޑުދެމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ “މުމްބާއީ މިރާ” ގައި ބުނެފައި ވަނީ ސަންތޯސް މެހްރާ ނަމަކަށް ކިޔާ މީހަކު ރަހުމަތްތެރިންނާއި އެކު ރާއްޖެއަށް ދަތުރު ކުރަން މީގެ ހަމަސް ދުވަސް ކުރިން ޓްރެވަލް އެޖެންޓަކަށް ފައިސާ ދެއްކި ނަމަވެސް އޭނާ އަށް އެންމެ ފަހުވަގުތު ދަތުރު ނުކުރެވުނު މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
މެހްރާ އާއި މެހްރާގެ ރަހުމަތްތެރިންނަށް ލަނޑުދީފައި ވަނީ ނިއުދިއްލީގެ ޓްރެވެލަް އެޖެންޓެކެވެ. އެޖެންޓް ވަނީ އެމީހުން ރާއްޖެ ގެނައުމަށް 70000 ރުޕީސް ނަގާފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެނގުނީ ޓިކެޓާއި، ދަތުރުގެ އެހެން އެއްވެސް އިންތިޒާމެއް ވެސް އެޖެންޓް ހަމަޖައްސާފައި ނުވާ ކަމެވެ.
ހަނީމޫނަށް އަންނަން އުޅުނު އިންޑިއާގެ ދެމަފިރިއަކަށް ޓްރެވަލް އެޖެންޓަކު ލަނޑުދިން މައްސަލައެއްގެ މައުލޫމާތު ވެސް “މުމްބާއީމިރާ” ގައި ގެނެސްދީފައި ވެއެވެ. ހަމަސް ދުވަސް ކުރިން ރާއްޖެ އަންނަން ތައްޔާރުވަމުން ދިޔަ ދެމަފިރިން ވަނީ ޓްރެވަލް އެޖެންޓަށް 1.4 ލައްކަ އިންޑިއާ ރުޕީސް ދައްކާފައެވެ. އެމައްސަލަ ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އިންޑިއާ ފުލުހުން ވަނީ ޗުއްޓީ ދަތުރުތައް ރާވާއިރު އެއީ އިތުބާރު ކުރެވޭ ޓްރެވަލް އެޖެންސީ އެއްތޯ ކަށަވަރު ކުރުމަށް އިންޑިއާ ރައްޔިތުންގެ ކިބައިން އެދިފައެވެ.
އިންޑިއާ މީހުންގެ މެދުގައި މިހާރު އެންމެ މަގުބޫލް އެއް މަންޒިލަކީ ރާއްޖެ އެވެ. ރާއްޖެ އަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.
Facebook Comments