ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރާއްޖޭގައި މަދުމަދުން ނަމަވެސް އެއިޑްސް ބަލި ގިނަވަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
“ލިބިފައިވާ ބޭސްތަކާއި ފަރުވާތައް ދަނީ ކުރިއަށް. ރާއްޖޭގައި އެއިޑްސް ބަލި މަޑުމަޑުން މައްޗަށް ދާ ކަމަށް ފެންނައިރު، ޓެސްޓު ކުރުމާއި ޕަބްލިކް އެވެއާނަސް ވަރަށް މުހިއްމު ކަމެއް. މި ސްލޯގަނާ އެކު، އިތުރު ހިތްވަރާ އެކު މި ކެމްޕެއިން ފައްޓަނީ އެވެއާނަސް ޕްރޮގްރާމެއް ގޮތުގައި ހުރިހާ ބޭފުޅުން އެއްބާރުލުން ދެއްވުން އެދި ދަންނަވަމުން،” ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގައި ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކާއި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އެޗްއައިވީ އަށް ޕޮޒިޓިވް ވެގެން ފާއިތުވި 36 އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވަނީ 25 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ.
އެއިޑްސް ބައްޔަށް ބޭސް ބޭނުން ކުރުމުން، އެޗްއައިވީން އެއިޑްސް އަށް ބަދަލުވުމަށް ނަގާ މުއްދަތު އިތުރުވެގެންދެ އެވެ. އެހެންވެ އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދެ އެވެ.
އެޗްއައިވީ ޖެހުމަށް މަގުފަހިވާ ކަންތައްތައް ޒުވާނުންގެ ތެރޭގައި އަދި ވެސް ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ. އޭގެ ތެރޭގައި އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖް ބޭނުން ކުރުމާއި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން ފަދަ ކަންތައްތައް ހިމެނެ އެވެ. އެހެންވެ އެކަންކަމުން ރައްކާތެރިވުމަށް ހުރިހާ އެންމެން ވެސް އެޗްއައިވީއަށް ޓެސްޓު ކުރުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ.
Facebook Comments