web analytics
ރިޕޯޓް

ރީތި މިސާލެއް، އޭނާ ހަދިޔާ ކުރީ ކިޑްނީ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ނުވަދިހައިގެ ތެރެ އެވެ. ލޭ ދިނުމަކީ ދިވެހިން ވަރަށް ޖެހިލުންވާ ކަމެކެވެ. އޭރު ގިނަ މީހުން އެކަމަށް އެހާ ހޭލުންތެރިއެއް ނޫނެވެ. އެކަމަކު އެއް ދިވެއްސަކު އެއްވެސް ބިރެއް ނެތި ލޭ ދެމުން އައެވެ. އޭނާ ބެލީ އިންސާނިއްޔަތު އެންމެ ކުރީގައި އޮންނަން ޖެހޭ ކަމަށެވެ.

ލޭ ދިނުމުގެ ވާހަކަ ބާއްވާފައި، އޭނާގެ ހަޔާތުގެ ސޮފްހާތަކުން ދެން އޮތީ މާ ބޮޑު ވާހަކަ އެކެވެ؛ އެއީ 2014 ވަނަ އަހަރުގެ ތެރެ އެވެ. ސަރުކާރު ކުންފުންޏެއްގެ މެނޭޖަރަކަށް އުޅެމުން އަންނަ، މިހާރު 39 އަހަރުގެ އެ ފިރިހެން މީހާ ފޭސްބުކް ބަލަމުން ދަނިކޮށް ފެނުނީ ކިޑްނީއެއް ދޭނެ މީހަކު ބޭނުންވެގެން ޖަހާފައި އޮތް ޕޯސްޓެކެވެ. އެ ހިސާބުން އޭނާ އެކަމާ ވިސްނަން ފެށި އެވެ. އެކަން ދިރާސާ ކުރަން ފެށި އެވެ. އަދި، އެއީ ކިހާވަރެއްގެ ކަމެއްތޯ ބެލުމަށް އިންޓަނެޓް މެދުވެރިކޮށް އެކިއެކި އާޓިކަލްތަކާއި ދިރާސާތައް ކިޔައި، ޑޮކްޓަރުން ކައިރިން ވެސް އޮޅުންފިލުވަން ފެށި އެވެ.

“އޭރު ވެސް އެނގޭ ދެ ކިޑްނީ އިންނައިރު އޭގެން އެއް ކިޑްނީން ވެސް އުޅެވޭނެކަން. ކިޑްނީ ސްޕެޝަލިސްޓެއް ކައިރިއަށް ގޮސް ވަރަށް ސުވާލުކޮށް އެހިން. އަމިއްލަ އަށް ވެސް ރިސާޗް ހެދިން. ބޭރުގެ ބައެއް ޕްރޮފެސަރުންނާ ވެސް ވާހަކަ ދެއްކިން. އެ ހުރިހާ ކަމަކުން އެނގުނީ މިއީ (ކިޑްނީ ހަދިޔާ ކުރުމަކީ) މައްސަލައެއް ނޫންކަން،” ނަމާއި ފޮޓޯ ނުޖަހަން އެދެމުން އޭނާ ކިޔައިދިނެވެ.

އެކަމަކު އޭރު ކުޑަ ދަރިފުޅަކު އޮތުމާ އެކު އޭނާ އެކަމާ ދޭތެރޭ އިތުރަށް ވިސްނަން ފެށި އެވެ. އޭނާ ކުރާ ކަމަކުން، ދަރިފުޅުގެ ކުރިމަގު ބަނަވެދާނެތޯ، މިއީ އޭނާގެ ސިކުނޑީގައި އޮތް އެންމެ ބަރު ސުވާލަށް ވި އެވެ. އެހެން ނަމަވެސް، އޭނާ އަކީ މީހުންނަށް އެހީތެރިވުމުގެ ނިޔަތް އަބަދުވެސް އޮންނަ މީހަކަށް ވާތީ އާއި ކިޑްނީ ހަދިޔާ ކުރިޔަސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާތީ، އޭނާ އެންމެ ފަހުން ނިންމީ ކިޑްނީ ހަދިޔާ ކުރާށެވެ!

ކިޑްނީ ލިބި، އާއިލާ އަށް ޝޮކެއް!

ކިޑްނީ ހަދިޔާ ކުރަން ނިންމައި، އެކަން ކިޑްނީ ބޭނުންވާ އާއިލާ އަށް އޭނާ އެންގި އެވެ. އެ އާއިލާ އަށް އެކަންވީ ބޮޑު ޝޮކަކަށެވެ. މީހަކު ކިޑްނީއެއް ދީފާނެތޯ އެ މީހުންނަށް ވީ ގަބޫލުކުރަން ދަތި ކަމަކަށެވެ. ސަބަބުތައް ބައިވަރެވެ؛ މައިންބަފައިންނަށް ޓަކައި ވެސް ކިޑްނީ ދޭން ދަރިން ވެސް ދެކޮޅު އެބަ ހަދަ އެވެ.

“އެ އާއިލާ މީހުން ވަރަށް ހައިރާންވި ކުއްލިއަކަށް ގުޅާފަ ކިޑްނީ ދޭން ބޭނުމޭ ބުނީމަ. އެމީހުން ވަރަށް ސުވާލުކުރި. ކިޑްނީ ދީގެން ޑިމާންޑް ކުރާނެ ކަމެއް އޮތްތޯ ވެސް އެހި. އެކަމަކު އެއީ ހަމަ އެއްވެސް އިތުރު ބޭނުމެއް އޮވެެގެން ދިން އެއްޗެއް ނޫން. އޭރު ވެސް ބުނިން އެ މީހުން ގާތު އެއްވެސް ކަމެއް ބޭނުމެއް ނޫނޭ ބަދަލުގައެއް.”

ކިޑްނީ ފެއިލްވެފައިވާ މީހެއް ޑައިލަސިސް ހަދަނީ–

މާލެ އަށް އުފަން އެ އަންހެން މީހާ އަކީ ދިގު މުއްދަތަކަށް ބޭސް ކަމުން އައި މީހެކެވެ. ބޮޑު ހަ ކުދިންގެ މަންމަ ކިޑްނީ މައްސަލަ ޖެހުނުކަން އެނގުނީ ހަމަ ކުއްލިއަކަށެވެ. އެންމެ ފަހުން ޑޮކްޓަރުން ލަފާ ދިނީ ކިޑްނީ ބަދަލު ކުރުން ނޫން ގޮތެއް ނެތް ކަމެވެ. އޭނާގެ ހަ ކުދިން ޓެސްޓް ހެދިއިރު، ކްރޮސްމެޗް ވީ އެންމެ ހަގު ކުއްޖާއާ އެވެ. ނަމަވެސް އެ ކުއްޖާގެ ހަކުރު ބަލި ހުރުމުން ކިޑްނީ ދެވޭ ގޮތެއް ނުވި އެވެ. އެ އާއިލާ އަށް ދެން ޖެހުނީ ކިޑްނީއަކަށް އެދި ސަލާން ޖަހާށެވެ.

“ގަބޫލުކުރަން ވަރަށް ދަތިވި މީހަކު ކިޑްނީ ހަދިޔާކުރަން ބުނީމަ. އެއްވެސް ކަމެއް ބޭނުންތޯ ތަކުރާރުކޮށް ވެސް އެހިން. ބުނި ބޭނުމެއް ނުވެއޭ. ކިޑްނީ ހަދިޔާކުރި މީހާ ފާހަގަވީ ހަމަ އިންސާނީ ހިދުމަތަށް ކަމެއް ކޮށްދިން މީހެއްގެ ގޮތުގައި،” އަންހެން މީހާގެ ދަރިފުޅު ބުންޏެވެ.

ކިޑްނީ ދިމާވޭތޯ ޓެސްޓްތައް ހެދީ ސްރީ ލަންކާއިންނެވެ. ލޭގެ ގުރޫޕާއި ޓިޝޫތައް ދިމާވޭތޯ ބެލުން ފަދަ އެތައް ޓެސްޓެއް ހެދިއިރު ވެސް އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. އެތައް ޓެސްޓަކަށް ފަހު ޑޮކްޓަރުން ދިން ޖަވާބަކީ ކިޑްނީ ބަދަލު ކުރެވިދާނެ ކަމެވެ.

“އެކޮޅުން (ޑޮކްޓަރުން) ވެސް ވަރަށް ސުވާލުކުރި. އެއްވެސް މަޖުބޫރު ކަމެއް އޮވެގެންހޭ ތި ކިޑްނީ ދެނީ. ނޫނީ ފައިސާ ދީގެންތޯ ވެސް. އެތައް ޕްރޮސެސްއެއް ކަޑައްތުކުރުމަށް ފަހުގައި އެކަން ވާ ގޮތްވީ،” ކިޑްނީ ހަދިޔާ ކުރި މީހާ ބުންޏެވެ.

ކިޑްނީ ހަދިޔާ ކުރީ ސިއްރުން!

ކިޑްނީ ހަދިޔާ ކުރަން ނިންމި ނިންމުން އޭނާ އެހާ ގިނަ ބަޔަކާ ހިއްސާއެއް ނުކުރެ އެވެ. އޭނާގެ އަންހެނުންނާއި ރަހުމަތްތެރިންނަށް ވެސް އެކަން ސިއްރު ކުރި އެވެ. ސަބަބަކީ އެއީ ގިނަ ބަޔަކު އެއްބަސްވާނެ ކަމަކަށް ނުވާނެތީ އެވެ. އެކަމަކު އާއިލާގެ މަދު ބަޔެއް ކައިރީގައި އެ ވާހަކަ ބުންޏެވެ. ޖަވާބު އައީ ހަމަ ހީކުރި ގޮތަށެވެ. އެކަން ނުކުރުމަށް އެދުނެވެ.

“ފަހަރި ބުނި ކީއްކުރަން ކުރާ ކަމެއްހޭ. ތިހާ ޅަ އުމުރުގައި މަރުވާންހޭ ތި އުޅެނީ. އެކަހަލަ އެއްޗެހި ކި. އެކަމަކު އޭރު ވަރަށް ރަނގަޅަށް ރިސާޗްކޮށް އެއީ މައްސަލައެއް ނޫންކަން އަހަރެން ދެނެގެންފިން. އެހެންވީމަ އެ ވާހަކަތަކުން އަޒުމަކަށް ބަދަލެއް ނާދޭ.” އޭނާ ބުންޏެވެ.

ކިޑްނީ ހަދިޔާ ކުރުން ޕްރޮމޯޓް ކުރާ ވޯލްޕޭޕާއެއް–

ބިރު ކަނޑާލުމަށް ފަހު އޭނާ ނިންމީ ކިޑްނީ ހަދިޔާ ކުރާށެވެ. މީގެ ހަތަރު އަހަރު ކުރިން އޭޕްރީމް 22 ވަނަ ދުވަހު ސްރީލަންކާ އަށް ދިޔައީ ކަމުގެ ބޮޑުކަން އެނގިގެންނެވެ. އޮޕަރޭޝަންގެ ކުރިން ހޮސްޕިޓަލުން އޭނާ އަށް ހުރިހާ ކަމެއް ބުނެދިނެވެ. ދިމާވެދާނެ ކަންތައްތައް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. ކިޑްނީ ހަދިޔާ ކުރަން ބޭނުންތޯ ތަކުރާރުކޮށް ޔަގީން ކުރި އެވެ. އޭނާ އޯކޭ ދިނެވެ.

ހަވީރު 4:30 ކަންހާއިރު އޮޕަރޭޝަނަށް ވެއްދި މީހާ ހޭވެރިކަންވީ އެ ރޭ 11 ޖަހާކަންހާއިރު އެވެ. ނަސީބު ވެސް ރަނގަޅެވެ. ބޮޑު އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ.

“އެރޭ ފަތިސް ނަމާދުކުރީ ކޮޅަށް ހުރެގެން. އޮޕަރޭޝަން ކުރަން މިތަނުން [އަރިކަށި ދައްކާލަމުން] ކަފާލި ތަނުގައި ތަދު ހުރި. ދެން އޭގެ ފަހުން ވެސް އައްސި ހުރި. އެ ނޫން އެއްވެސް އުނދަގުލެއް މިހާތަނަށް ވެސް ދިމައެއް ނުވޭ.”

އޭނާގެ އޮޕަރޭޝަން ނިމުނުއިރު ހަދިޔާކުރި ކިޑްނީ ލެއްވި އަންހެން މީހާ އޭރު އޮތީ އޮޕަރޭޝަނަށް ފަހު އައިސީޔޫގަ އެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ.

“މީހަކަށް ކަމެއް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެ ވަގުތު ލިބުނީ. ވަރަށް ވަރަށް އުފާވި،” އުފަލުން ފެންކަޅިވެ ހުރެ އޭނާ ބުންޏެވެ.

ކިޑްނީ ހަދިޔާ ކުރުން ޕްރޮމޯޓް ކުރާ ވޯލްޕޭޕާއެއް–

މާލީގޮތުން އެއްޗެއް ހޯދަން ނޭދުނު ނަމަވެސް އޭނާ އަށް ބޮޑު އެހެން ހަދިޔާއެއް ލިބުނެވެ. އެއީ އިތުރު އާއިލާއެއް ލިބުމެވެ. އަންހެން މީހާ އެ ދުވަހުން ފެށިގެން އޭނާ ދެކެނީ ދަރިއެއްގެ ގޮތަށެވެ. މިއަދު އޭނާއަކީ އެ އާއިލާ އަށް ނުއުފަން މެމްބަރެކެވެ.

“ހުރިހާ ކުދިން ވެސް އަހަންނަށް ކިޔާނީ ބޭބެ. އެ ފެމެލީގެ ފޮޓޯއެއް ނެގިޔަސް އަހަރެން މިހާރު އިނދޭ. ކޮންމެ ދުވަހަކު ގުޅައި ހާލު ބަލާ ހަދާ.”

އިންސާނީ ހިދުމަތް އެ އާއިލާއިން ވެސް ބަލައިގަނެ އެވެ. އޭނާގެ ދަރިއަކު ބުނީ މަންމަގެ ކިޑްނީ މައްސަލައަކީ ހަތަރެސްފައި ބަނދެވުނު ކަމެއް ކަމަށާއި މަންމަ އަށް ޝިފާ ލިބުމަކީ ކިހާ ވަރެއްގެ ބޮޑު އުފަލެއްކަން ބުނެދޭން ވެސް ނޭނގޭ ވަރުގެ ކަމެއް ކަމަށެވެ.

“ބުނަން ވެސް ނޭންގެ ކިހާވަރުގެ ބޮޑުކަމެއްކަން އެ ކޮށްދިނީ. އާއިލާގެ ޝުކުރު އޭނާ އަށް އަބަދުވެސް އޮންނާނެ. އަލްހަމްދުލިއްލާހި، މިހާރު މަންމަ ހަމަ ނޯމަލް،” އޭނާ ބުންޏެވެ.

އެއް ކިޑްނީގައި ދިރިއުޅޭތާ މިހާރު ފަސް އަހަރުވާން ކައިރިވެފައިވާއިރު އޭނާ ގަވައިދުން ޓެސްޓްތައް ހަދަ އެވެ. އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާއިރު، ކުރިން އުޅުނު އާންމު ދިރިއުޅުން އުޅުމަށް ވެސް އޭނާއަކަށް އެއްވެސް ހުރަހެއް ނެތެވެ.

“[ފުޓްބޯޅަ] ކުޅެން ވެސް ދަން. ދުވަން ވެސް ދަން. ކުރިއެކޭ އެއްގޮތަށް ވަޒީފާ އަށް ވެސް ދަން. މީހަކާ އިނދެގެން ހަމަ އުފަލުގައި މިއުޅެނީ. އެއްވެސް މައްސަލައެއް ދިމައެއް ނުވޭ ﷲ އިރާދަފުޅުން.”

އަމިއްލަ އެދުމެއްނެތި ކިޑްނީ ހަދިޔާ ކުރަމާ!

އެއް ކިޑްނީއާ އެކު ދުނިޔޭގައި އުޅުމަކީ އެއްވެސް ދައްޗެއް އޮތްކަމެއް ނޫންކަން އޭނާ ތަޖުރިބާ ކުރާތާ ފަސް އަހަރުވަނީ އެވެ. އެ ތަޖުރިބާކާއެކު އޭނާގެ އިލްތިމާސް އަކީ ކިޑްނީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމެވެ. “ކޮންމެ މީހަކަށް ވެސް މި އޮންނަނީ ދެ ކިޑްނީ ލިބިފައި. އެކަމަކު އެއް ކިޑްނީން އެބަ އުޅެވޭ. އެހެންވެ އަޅުގަނޑު ދުށީ ހަދިޔާކުރަން ކަމަށް އަނެއް ކިޑްނީ ލިބިފައި އެވަނީ،” އޭނާ ބުންޏެވެ.

ނަމަވެސް އެކަން މާލީ ފައިދާއެއް ހޯދުމަށް ކުރުމުގެ ބަދަލުގައި އިންސާނިޔަތަށް ކުރާ ހިދުމަތެއްގެ ގޮތަށް ކުރުމަށް އޭނާ ބާރުއަޅަ އެވެ.

“ދުނިޔޭގެ ފައިދާއަކަށް، ނޫނީ ފައިސާ ހޯދަން މިކަން ނުކުރާށޭ ބުނަން ބޭނުމީ. ހަގީގީ ހިތްހަމަ ޖެހުމަކީ އިންސާނެއްގެ ފުރާނަ ސަލާމަތް ކޮށްދޭން މިކަން ކޮށްދިނުން.”

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކޮންމެ ފިކުރަކަށްވެސް އިހުތިރާމް ކުރަމާ!

ސުވާދީބު

ޕާޓީ ބަދަލުކުރިޔަސް، ކުރި ކަންތައް ނުކުރާ ކަމަކަށް ނުވާނެ

ސުވާދީބު

2018: ރައީސް ޔާމީނުގެ “ބާރުގަދަ” ވެރިކަން ނިމުން، އިބްރަތް ހާސިލް ކުރޭ!

ސުވާދީބު
Share