web analytics
ޙަބަރު

ރޮކް ސްޓްރީޓުން ތިން ވަނަ ޑިވިޝަން ކާމިޔާބުކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު 2-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލަށް ދިއުމުން މި ދެ ޓީމަށް ވެސް ވަނީ އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ފަރުހާދު އިސްމާއިލް (ފަރޭ)ގެ އިރުޝާދުގެ ދަށުން ކުޅުނު ރޮކް ސްޓްރީޓް ވަނީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީ ވެސް މި އަހަރު ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ފަރޭ އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކާއި ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު އަހުމަދު އަޝްފާން (އަޝްކޮ)ގެ ކެޕްޓަންކަމުގައި ކުޅެމުންދިޔަ ސުޕަ ޔުނައިޓެޑްގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެ ޓީމުގެ ކޯޗަކީ ކުރީގެ ކުޅުންތެރިއާ އަދި މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ނައިބަކަށް ހުރި އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.

ރޮކް ސްޓްރީޓްގެ ފުރަތަމަ އެގާރައިގައި ކުރިން ބީޖީ އާއި ނިއު ރޭޑިއަންޓަށް ކުޅުނު މުހައްމަދު އިމްރާން (އިންމި) ހިމެނެ އެވެ. އެ ޓީމުގެ ފޯވާޑް ހަސަން ނޫރިޝް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.

ރޮކް ސްޓްރީޓްގެ ކޯޗު ފަރޭ މިއަދުގެ މެޗުގައި ޓީމަށް އިރުޝާދުދެނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗުގެ ކުޅުން ފަށައިގެން ދެ ވަނަ މިނިޓްގައި ސުޕަ ޔުނައިޓެޑަށް ލީޑުނަގައިދޭން އަހުމަދު ސިމްހާނަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ 20 މިނިޓް ތެރޭ ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ.

ސުޕަ ޔުނައިޓެޑްގެ އަލީ މާއިޝް (މައްޓު) މެޗުގެ 32 ވަނަ މިނިޓްގައި ކުޅުންތެރިއަކު ކައިިރިން ނައްޓާލުމަށް ފަހު ނަގައިދިން ހުރަސް ރޮކް ސްޓްރީޓްގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ރޮކް ސްޓްރީޓްގެ ފޯވާޑް މުހައްމަދު ނާފިއު ޖެހި ބޯޅަ ސުޕަ ޔުނައިޓެޑްގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ސުޕަ ޔުނައިޓެޑުން ވަނީ ރޮކް ސްޓްރީޓްގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެކަމަކު އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވި އެވެ.

ދެ ވަނަ ހާފްގައި ފުރަތަމަ ހަމަލާ ފޮނުވާލީ ރޮކް ސްޓްރީޓުންނެވެ. މެޗުގެ 52 ވަނަ މިނިޓްގައި ރޮކް ސްޓްރީޓްގެ ހުސެއިން އަބްދުލް މަޖީދު ބޮލުން ޖެހި ބޯޅަ ކީޕަރު ތާޑޭ ވަނީ ފައިން މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ސުޕަ ޔުނައިޓެޑްގެ އަހުމަދު އަޝްރަފު އޭރިއާ ތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 56 މިނިޓްގައި ރޮކް ސްޓްރީޓުން ވަނީ، ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށާއި ގައުމީ ޓީމަށް ކުޅުނު ހުނަރުވެރި ފޯވާޑް އަބްދުﷲ މުއާޒް (އޮޓޯ) ކުޅެން އަރުވައިފަ އެވެ. އޭގެ މިނިޓެއް ފަހުން ރޮކް ސްޓްރީޓުން ލީޑުނެގީ ހުސެއިން ޖެހި ގޯލުންނެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކީޕަރު ތާޑޭ އަށް ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ހުސެއިން އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ރޮކް ސްޓްރީޓްގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނާހިލް އުފާފާޅުކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުޕަ ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 75 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ރޮކް ސްޓްރީޓުން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު ނާހިލް އިބްރާހިމް އެވެ. ރޮކް ސްޓްރީޓްގެ އިސްމާއިލް ނަސީމް (ބޯވަ) ޖެހި ބޯޅަ ކީޕަރު ތާޑޭ އަތުގައި ޖެހިފައި ލިބުނީ އޭރިއާތެރޭގައި ހުސްކޮށްހުރި ނާހިލް އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 81 ވަނަ މިނިޓްގައި އޭރިއާތެރެއިން ސުޕަ ޔުނައިޓެޑްގެ މައްޓު ޖެހި ބޯޅަ ރޮކް ސްޓްރީޓްގެ ކީޕަރު ތޮއްލަތު ރަޝީދު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޮކް ސްޓްރީޓްގެ ނާހިލް އެވެ. އުމުރުން 16 އަހަރުގެ ނާހިލް އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އެންމެ މޮޅު ކީޕަރަކަށް ބުރު ސްޕޯޓްސްގެ އަދި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އަބްދުﷲ އަރުޝަން ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ބައުސް ސްޕޯޓްސް ކްލަބް އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މިނިސްޓަރ އިމްރާނަކީ ތެދުވެރިއެއްނޫން – މެމްބަރު ޔާމީން

ސުވާދީބު

ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ މުހިއްމެއް ނޫން: މައުމޫން

ސުވާދީބު

އެމްޑީޕީ ދޫކޮށް، އެހެން ޕާޓީތަކާ ގުޅެން ޖޭޕީ ތައްޔާރު ވެއްޖެ

ސުވާދީބު
Share