ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ބޭއިންސާފުން ވަޒީފާ ގެއްލިފައިވާ 451 މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ހާސިލްވި މިންވަރާ ގުޅޭ މައުލޫމާތި ދިނުމަށް މިއަދު ރައީސް އޮފީހުން ދެއްވި ޕްރެޒެންޓޭޝަނެއްގައެވެ.
ރައީސް އޮފީހުން ވިދާޅުވީ ބޭއިންސާފުން ވަޒީފާއިން ވަކިކުރި ނުވަތަ ބަދަލުކުރި 451 މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން 30 ދުވަސްތެރޭގައި ރައީސް އޮފީހާއި މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 03 ވަނަ ދުވަހު އެވެ.
ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި، ރައީސް ސޯލިހް ވަނީ ކޮމެޓީއެއް އުފައްދަވާފައެވެ.
އެފަދަ ފަރާތްތަކަށް އަނބުރާ ވަޒީފާ ހޯދައިދީ، އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ބޭއިންސާފުން މުވައްޒަފުން ވަޒީފާ އިން ވަކިނުކުރާނެ ކަމާއި އަދި ވަޒީފާ ބަދަލު ވެސް ނުކުރާނެ ކަމަށް އެތައް ފަހަރަކު ވައުދުވެ ވަޑައިގެންނެވުމަށް ފަހުއެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ވަނީ މުލީއާގޭގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައެވެ. އޭގެތެރޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ރިޔާސީ ގަނޑުވަރުގައި މަސައްކަތް ކުރެއްވި މުވައްޒަފުން ވެސް ހިމެނެއެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންތަކެއް ވަޒީފާ އަދާކުރާ ރަށް ވަނީ ބަދަލު ކޮށްފައެވެ. ވަޒީފާ އަދާކުރާ ރަށް ބަދަލުކުރި ސްޓެލްކޯ މުވައްޒަފުންނަކީ ޕީޕީއެމް މެންބަރުންތަކެކެވެ.
މުލީއާގެ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ސްޓެލްކޯ މުވައްޒަފުން ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރި މައްސަލައިގައި ސަރުކާރުން ވާހަކައެއް ނުދައްކައެވެ.
Facebook Comments