ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ހޮސްޕިޓަލަށް ގެންގޮސް، އިންޓާނަލް ބްލީޑިންއަށް ފަރުވާ ދިނުމަށްފަހު ޑިއޭގޯ މަރަޑޯނާ ދޫކޮށްލައިފިއެވެ.
މަރަޑޯނާގެ އަންހެން ދަރިފުޅު ބުނެފައި ވަނީ ޑޮކްޓަރުން ހެދި ޗެކަޕަކުން ފެނުނު ގޮތުގައި މަރަޑޯނާގެ އިންޓާނަލް ބްލީޑިންއެއް އުޅުނު ނަމަވެސް، އެއީ ސީރިއަން މައްސަލައެއް ނޫނެވެ. އަދި ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން މަރަޑޯނާ ދޫކޮށްލައިފި ކަމަށް އޭނާގެ ދަރިފުޅު، ޑަލްމާ ބުނެފައިވެއެވެ.
” އަހަރެންގެ ބައްޕަގެ ސިއްހީ ހާލަތާ ގުޅިގެން ކަންބޮޑުވާ އެންމެންނަށް ބުނެލަން، ބައްޕަގެ ހާލު ރަނގަޅު. ބައްޕަ މިހާރު ހުރީ ގޭގަ،” ޑަލްމާ ބުނެފައިވެއެވެ.
އާޖެންޓީނާއާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ނެގި، އުމުރުން 58 އަހަރުގެ މަރަޑޯނާއަކީ ސިއްހާ ހާލު އެންމެ ރަނގަޅު މީހެއް ނޫނެވެ. މިދިޔަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ބަލަން ގޮސް، އާޖެންޓީނާ ކުޅުނު މެޗެއްގައިވެސް މަރަޑޯނާގެ ސިއްހީ ހާލު ގޯސްވެ، ވަގުތުން ސްޓޭޑިއަމްގައި ފަރުވާ ދީފައިވެއެވެ.
އާޖެންޓީނާއާ ނައިޖީރިއާ، ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗަށްފަހު މަރަޑޯނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަހުން ބުނެފައި ވަނީ ރަނގަޅު ކަމަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ހުއްޓާލި އިރު، އޭނާއަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް އަދިވެސް ގިނަ ބަޔަކު އިއްތިފާގުވެއެވެ. މިހާރު ކޯޗިން ކެރިއަރުގައި މަސައްކަތް ކުރަމުންދާ މަރަޑޯނާ އަކީ މެކްސިކޯ ދެވަނަ ޑިވިޝަންގެ ޑޮރާޑޯސް ޑި ސިނާލޯގެ ކޯޗެވެ.
Facebook Comments