ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރާއްޖޭގައި މަސައްކަތް ކުރާ ތަންތަނުގައި މަސައްކަތް ކުރުން ޤަވާއިދަކަށް އެޅުވުމަށް ފުރަތަމަވެސް ކުރަންޖެހޭ އެއްކަމަކީ މަގުމަތިން ހޮވާ މީހުން ލައްވައި ސައިޓުތަކުގައި މަސައްކަތް ނުކުރުވޭނެ ގޮތް ހެދުމެވެ. އެކަން ކުރަން ކެރޭނެބާވައެވެ!
150،00 އެއްހައި ބިދޭސީން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ކަމަށް ގިނަ ބައަކު ލަފާ ކުރެއެވެ. މިއަދަދު ޞައްޙަތޯ ބަލާނެ ފަރާތެއް ނެތެވެ. ބެލޭނެ އިންތިޒާމެއް ވެސް ނެތެވެ. މަގުތަކަށް ވިއްސިވިހާލިވެފައިވާ މިމީހުންތައް ލައްވައި ކޮންމެ ދުވަހަކު ސައިޓުތަކުގައި މަސައްކަތް ކުރުވައެވެ. މަސައްކަތު ގެންދަނީ އެންމެ ކުޑަ އުޖޫރައަކަށް މަސައްކަތް ކުރަން ބުނާ މީހުންނެވެ. އެއްވެސް ތަޖުރިބާއަކަށް ވެސް ބަލައިގެނެއް ނޫނެވެ.
މަގުތަކަށް ގިނަވެގެން މިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަކީ ވެސް ކުންފުނިތަކުން އެތެރެކޮށް މަގުމައްޗަށް އުކާލާފައިވާ މީހުންނެވެ. ކުޑަ އުޖޫރައަކަށް މަސައްކަތް ކުރުވުމުގެ ބޭނުމުގައެވެ. ނިދާނެ ތަނާއި ކާން ނުދީ އަދި ސަރުކާރަށް ދައްކަން ޖެހޭ ވިސާ ވެސް ނުދައްކައި ބައަކު ލައްވައި މަސައްކަތް ކުރުވައި މަޝްރޫޢުތަކުން ބޮޑު ފައިދާ ނެގުމުގެ ބޭނުމުގައެވެ.
މާލޭގައި މަސައްކަތްކުރާ ބައެއް ސައިޓުތަކުގައި މަސައްކަތްކުރަން ގިނައިން ބޭނުންކުރަނީ މަގުމަތިން ހޮވާ މީހުންނެވެ. ބައެއް ސައިޓުތަކުގައި އެމީހުން ލައްވައި މަސައްކަތް ކުރުވަން ތިބެނީ ވެސް ހަމަ މަގުމަތިން ހޮވާ މީހުންނެވެ. ވީމާ ސަލާމަތީ ކަންކަން ބެލެހެއްޓޭނެ ގޮތެއް އޮންނާނެތޯއެވެ؟
ރާއްޖޭގައި ބިދޭސީންނަށް މިހައި މިނިވަންކަމާއިއެކު ޤަވާއިދާއި ޚިލާފަށް އުޅެވޭއިރު ކުދި ވިޔަފާރިކުރާ ދިވެހިންނަށް ތިބެންޖެހިފައިވަނީ ފިތި ބާރުވެފައެވެ. ދައުލަތަށް ދައްކަން ޖެހޭ ވިސާ ދުވަހަކު ނުދެއްކި ނަމަވެސް ބިދޭސީންނަށް ހަމަ ބޭނުން މަސައްކަތެއ ކޮށްގެން އާމްދަނީ ހޯދޭއިރު ދިވެހި ވިޔަފާރިވެރިއަކު ލޯލާރިއެއް މީރާއަށް ނުދެއްކި އޮތް ނަމަވެސް އެމީހަކު އެތެރެކުރާ މުދާކޮޅު ކަސްޓަމުން ހިފަހައްޓައެވެ. ޑެމުރޭޖާއި ޖުރުމަނާތައް ކިތަންމެ މަތިވި ނަމަވެސް ނެރެވޭނީ ހަމަ މީރާއިން ކްލިއަރެންސް ދިން ދުވަހަކުންނެވެ.
މިކަމުން އެނގެނީ ސަރުކާރުން ބަލަހައްޓަން ބޭނުންވާ ކަންކަން ވަރަށް ފުރިހަމައަށް ބަލަހައްޓާ ކަމެވެ. ފިޔަވަޅުވެސް އަޅާ ކަމެވެ. ދައުލަތަށް ލިބެން ޖެހޭ އާމްދަނީވެސް ހޯދާ ކަމެވެ.
ހަޤީޤަތަށް ބަލައިފިނަމަ ރާއްޖޭގައި ޤާނޫނާއި އެއްގޮތަށް އުޅެން ޖެހިފައި މިވަނީ ދިވެހިންނަށެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން މިޖެހެނީ ޤަވާއިދުން މީރާ ގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށެވެ. ބިދޭސީއެއް ނަމަ ބޭނުންހައި ގޮތަކަށް އުޅެންވީއެވެ. ދައުލަތަށް ދައްކަން ޖެހޭ ވިސާ ވެސް ދައްކާނެ ކަމެއް ނެތެވެ.
1987 ވަނަ އަހަރު ހައިތަނުގައި ރައީސް މައުމޫނުގެ ވެރިކަމުގައި 5 މިނިސްޓްރީ އެއްކޮށްގެން އުފައްދައި ރައީސް ޔާމީނު ރުއްސަން ވެދުންކުރި ބޮޑު މިނިސްޓްރީ އުފެއްދީންސުރެ ހިންގަން ފެށި މި ބޮޑު ޖަރީމާ ބިޔަވެ މިހާރު މިވަނީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލަކަށްވެފައެވެ. ހައްލުކުރަން އުނދަގޫ ވަރަށް މުޅި ޤައުމަށް ބޮޑު ވަބާއެއްގެ ގޮތުގައި ޢާންމުވެފައެވެ. މިހާލަތުން ޤައުމާއި ރައްޔިތުން ސަލާމަތް ކޮށް ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމެވެ.
Facebook Comments