web analytics
ޙަބަރު

ކޮރަޕްޝަން ބަލާ ކޮމިޝަންގެ މަސައްކަތް ލަސް ދުވެލީގައި!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން ސަރުކާރުގެ ފުރަތަމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރަމުން އަންނަ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އެއީ، ދައުލަތުގެ ތެރޭގައި އާދައިގެ ކަމަކަށް ވެފައި އޮތް ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ޚިޔާނާތްތެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދުމެވެ.

ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތް އާންމުން އަޅާބަލަނީ، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދެވި ކޮމިޝަނާ އެވެ. އެ ކޮމިޝަނުން ހަލުވި ސްޕީޑުގައި ތަހުގީގުތައް ހިންގައި ކުރިއެރުންތަކެއް ވެސް ވަނީ ހޯދައިފި އެވެ. މިހާތަނަށް ކުރި މަސައްކަތްތަކުގެ މައްޗަށް ހާމަކުރި މައުލޫމާތުތަކުން، އާއްމުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ވެސް ލިބުނެވެ.

އެއާ ޚިލާފަށް، ދައުލަތުގެ ފައިސާ އަށް އިހުމާލުވި މީހުން މިނިވަންކަމާ އެކު އުޅޭއިރު، ފިޔަވަޅެއް ނޭޅި ލަސްވަމުން ދިއުމަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ކޮރަޕްޝަން ބަލާ ކޮމިޝަންގެ މަސައްކަތް، ޣާޒީ ބިލްޑިންގުގައި ކުރަމުން އައި ނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލަތަކެއް ކަން ވެސް އަދި ސާފެއް ނޫނެވެ.

އެއްވެސް މައްސަލައެއްގައި، މީހަކާ ސުވާލު ކުރި ކަން ނުވަތަ ނޫން ކަން ވެސް އާއްމެއް ނުކުރެ އެވެ. އެކަމަކު ރައީސްގެ ގަރާރަކުން އުފައްދާފައި އޮތް އެ ކޮމިޝަނަށް ވަނީ، މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ވެސް ދީފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ ކޮމިޝަނަށް ބޭނުންވެގެން އެއްވެސް މައްސަލައަކާ ގުޅޭ މައުލޫމާތެއް ހޯދަން، މިހާތަނަށް ރަސްމީ އިދާރާއެއްގައި އެދިފައެއް ނުވެ އެވެ.

ކޮރަޕްޝަން ބަލާ ކޮމިޝަންގެ ރައީސް ފޯނު ނުނަންގަވާތީ، ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބަހެއް ނުލިބުނެވެ. އެކަމަކު ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ކޮމިޝަންގެ ބައްދަލުވުންތައް ބާއްވައި މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލްތައް ވަނީ ކަނޑައަޅައިފަ އެވެ. އެއާ އެކު، ތަހުގީގަށް ރާއްޖެ އިން ބޭރުން ތަޖުރިބާކާރުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

“ކޮމިޝަންގެ މަސައްކަތަށް ބޭނުންވާ ސަޕޯޓް ސްޓާފުން ސްކްރީން ކުރުމާއި މުއައްސަސާތަކާ އެކު ބައްދަލުވުންތައް ވެސް ކުރިއަށް އެބަ ދޭ،” ހޫދު ވިދާޅުވި އެވެ.

ގާނޫނީ ހުރަސްތަކެއް؟

މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ފުލުހުންގެ ފުރިހަމަ އެއްބާރުލުމާ އެކު މަރު ކޮމިޝަނުން މަސައްކަތް ކުރަމުން އަންނާތީ މައްސަލަތަކުގެ ފުނަށް ފީނައިގަނެ، ތަހުގީގު ހިންގަން ފަސޭހަވިޔަސް ކޮރަޕްޝަން މައްސަލަތައް ބަލަން ކުރިމަތިވާނެ ގޮންޖެހުން ބޮޑެވެ.

މަޖިލީހަށް ހުށަހަޅާފައި އޮއްވައި އެ ބިލް ފާސްނުކޮށް، މަޖިލިސް މިދިޔަ އަހަރު ނިންމާލީ ކޮރަޕްޝަން ބަލާ ކޮމިޝަނަށް ބާރުތައް ދޭން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުންނާއި އިދިކޮޅުގައި މިހާރު ތިއްބެވި މަޖިލީހުގެ މެމްބަރުން ވެސް ބޭނުން ނުވާތީ ކަމަށް ތުހުމަތު ކުރެވެ އެވެ. ސަބަބަކީ، ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާނާތުގެ އިނގިލި ދިއްކުރެވޭ މީހުން ކޯލިޝަން ސަރުކާރުގެ އެކި ޕާޓީތަކުގައި ވެސް ތިބުމެވެ. މިއީ، އެ ކޮމިޝަނަށް ކުރިމަތިވެދާނެ ހުރަހެކެވެ.

އެކަމަކު ބިލް ފާސްނުވެގެން މަސައްކަތް ލަސްވާން ޖެހޭނެ ކަމަކަށް ގާނޫނީ ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ: ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދޭ ބިލް އޮތީ މަޖިލީހުގައި. – ފޮޓޯ/ މަޖިލިސް

ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި، ކޮމިޝަނަށް ބާރުދޭ ބިލް ފާސްނުވެ އޮތުމަކީ ތުހުމަތުކުރެވޭ މީހުންގެ މައްސަލަަތައް ބެލުން ލަސްކުރަން ޖެހޭ ސަބަބެއް ނޫނެވެ.

“އެ މައްސަލަތައް ބަލަން ނުފަށައި ލަސްކުރާ ކޮންމެ ދުވަހަކީ ހެކި ފޮރުވަން ލިބޭ ފުރުސަތެއް. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ބަންދުކުރެވޭ ފަަދަ ގާނޫނީ ރަނގަޅު ހުއްޖަތްތައް މިހާރު ވެސް އެބަހުރި. ގާނޫނެއް ނެތިގެން އެކަން ލަސްވާން ޖެހޭ ސަބަބެއް ނެތް. އެންޓި ކޮރަޕްޝަން ގާނޫނާއި ފުލުހުންގެ ގާނޫނުން ވެސް އެ ބާރު ލިބިދޭ،” ޖަމީލް ވިދާޅުވި އެވެ.

“ތުހުމަތުކުރެވޭ މީހުން ދޫވެފައި ތިބީމާ، މައްސަލަތައް ބަލަން ފަހުން އުނދަގޫވާނެ.”

ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ކުރިން އިހުމާލުވި ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިން އަދިވެސް މަގާމުތަކުގައި ތިއްބެވުމާ އެކު އެ މީހުންގެ އަތުން މައްސަލަތަކާ ގުޅުން ހުރި މައުލޫމާތު ހޯދުމަކީ ވެސް ކުރިމަތިވެދާނެ ދައްޗެކެވެ. އެއާއެކު އެ މަސައްކަތުގައި ކޮމިޝަނަށް އެއްބާރުލުން ދޭނެ ޓެކްނިކަލް މުވައްޒަފުންނާއި ވަސީލަތްތައް ނެތުމަކީ ވެސް ދިމާވާނެ ހުރަހެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަނެ އެވެ.

ދަތިތަކެއް ހުއްޓަސް އާއްމުން އެދޭ މިންވަރަށް ކޮމިޝަނުގެ މަސައްކަތް ކުރިއަށް ނުދިއުމަކީ މައްސަލައެކެވެ. ގޮންޖެހުންތަކެއް ހުރި ނަމަ ހައްލު ހޯދައި ކޮމިޝަނުގެ މަސައްކަތްތަކުން ނަތީޖާ ނެރެދޭން ޖެހެ އެވެ.

ޔާމީނަށް، ދެ ވަނަ ދައުރެއް ނުދިނުމުގެ މައިގަނޑު އެއް ސަބަބަކީ، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވީ މީހުންނަށް އަދަބުދީ، އެ ފައިސާ ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދެވެ. ޚިޔާނާތުގެ ހެކިތައް ނައްތާލަން ފުރުސަތުދީ، ކޮމިޝަން ލަސް ދުވެލީގައި އޮތުމުން މިހާރު ދަނީ ނުރުހުން އަމާޒުވަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދެން އުފެދޭނީ ބޮޑެތި ވަގުން ހިފާ މަޖިލީހެއް: ރައީސް ނަޝީދު

ސުވާދީބު

މިތިބީ ވައްޓާލީމާ ތެދުވެގެން، ދެނެއް ވައްޓައެއް ނުލެވޭނެ – ނަޝީދު

ސުވާދީބު

ނުހައްގުން ވަޒީފާއިން ވަކިކުރި މައްސަލަތައް ހުށަހަޅަން ހުޅުވާލައިފި

ސުވާދީބު
Share