web analytics
ރިޕޯޓް

ކޯލިޝަން “ރޫޅި” އަނެއްކާވެސް އެ ތަޖުރިބާ! ހައްލެއް ނެތް؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ހަމަޖެހުމަކަށް ދިވެހިން ދުށް ހުވަފެން ވިއްސިވިހާލިވާ މަންޒަރުގެ ތެރެއިން ކުރެހެނީ އެއްބަޔަކަށް ފެންނަ ގޮތުގައި، އާ ގުޅުންތަކެކެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ސިޔާސީ މަސައްކަތް ކުރެއްވުމެވެ. ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޔާމީނާ އެކު މަޝްވަރާ ނުކުރަންވީ ސަބަބެއް ނެތް ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ގާނޫނީ މައްސަލަތަކާ ހެދި ސިޔާސީ ގޮތުން، މިސްރާބު ގެއްލިފައިވާ ޔާމީންގެ ޓީމަށް ގާސިމަކީ މިވަގުތަށް “ޖަވާހިރެކެ”ވެ. ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން، ގާސިމާ ނުގުޅެންވީ ސަބަބެއް އޮތް ކަމަކަށް އެ ޓީމުން ނުދެކެ އެވެ. ސިޔާސީ އަނެއް ފައިދާ އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް ޔާމީންގެ ޓީމުން ދެއްކެވި ވާހަކަތައް ރައްޔިތުންނަށް ވިސްނައިދޭން ފަސޭހަވުމެވެ. ޔަގީނުން ވެސް މިހާރު މިއޮތީ އެ ހާލަތެވެ.

މައްސަލައަކީ މަޖިލީހުގެ އަޣުލަބިއްޔަތު!

ގާސިމް ވިދާޅުވި ގޮތުގައި، ވެރިކަން އުފެދުނީ ޖޭޕީގެ ބޮޑު ހިއްސާއާ އެކު ކަން ހަނދާން ނައްތާލައި އެ ޕާޓީ “ނިކަމެތިކޮށް ނާށިގަނޑާ އެކު ސަލާން ޖަހަން މަޖުބޫރުކުރުވީ” އެމްޑީޕީންނެވެ. އެމްޑީޕީން މި ވާހަކަ އަށް އިންކާރު ކުރެ އެވެ.

އެ ޕާޓީން ދެކޭ ގޮތުގައި، ރައްޔިތުންގެ މައްޗަށް މިފަހަރު ވެސް ގާސިމް އިސްކުރައްވަނީ އަމިއްލަ މަސްލަހަތެވެ. އެއީ، 2008ގެ ފަހުން އޭނާ ބައިވެރިވެވަޑައިގެން އުފެއްދި ހުރިހާ ކޯލިޝަންތަކުގައި ވެސް އަމަލުކުރެއްވި ގޮތް ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މިފަހަރު ވެސް ޖޭޕީގެ ހުރިހާ ހުށަހެޅުމަކަށް އިއުތިރާޒުކުރުމެއް ނެތި ސަރުކާރުން ބައި އެޅި ކަމަށް ޖޭޕީ އަށް ފާޑުކިޔާ އެމްޑީޕީގެ މެމްބަރުން ދެކެ އެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީން 2008 ގައި އެމްޑީޕީއާ އެކު އަދި 2013 ގައި ޕީޕީއެމާ އެކު ކޯލިޝަން ހެދި އެވެ. މި ދެ ވެރިކަމުގައި ވެސް އުފެދުނު އިތުބާރުގެ މައްސަލަތަކާ ހެދި ޖޭޕީ ކޯލިޝަނުން ވަކިވީ އެވެ.

ރާއްޖޭގައި، އެއް ޕާޓީއަކުން އެކަނި ނުކުމެ ވެރިކަން ހޯދުމަކީ، މިހާތަނަށް ނުވެ އޮތް ކަމެވެ. އިންތިޚާބުތަކުގައި ކޯލިޝަން ފޯމިއުލާ އެހާ ކާމިޔާބީ ވެސް އެހެންވެ އެވެ.

މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ބޭއްވި މަޝްވަރާއަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. —

ކޯލިޝަން ރޫޅުމުގެ ބިރަށް، ވެރިކަން ފެށުމުގެ ކުރިން އެއްބަސްވުމަކުން ހައްލެއް ހޯދި އެވެ. އެ އެއްބަސްވުމުގައި އޮތީ، ސަރުކާރުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން ހިއްސާވާނެ ނިސްބަތެވެ. އޭގެ އިތުރުން އޮތީ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެކުގައި ވާދަކުރާ ވާހަކަ އެވެ. އެކަމަކު، ގޮނޑިތައް ބަހާނެ ގޮތުގެ ތަފްސީލެއް ލިއެފައެއް ނެތެވެ.

އެ އެއްބަސްވުން މާނަކޮށްގެން، ފޯމިއުލާއެއް ހޯދާ ނަމަ މަޖިލީހުގެ ގޮނޑިތައް ވެސް ބަހަން ޖެހެނީ ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުންނެވެ. އެއީ، އެމްޑީޕީ އަށް 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.

ރައީސްއާ އެކު މައުމޫން ފިޔަވައި، ޕާޓީތަކުގެ އިސް ބޭފުޅުން ސޮއިކޮށްފައިވާ މި އެއްބަސްވުމަށް މަޖިލީހުގެ އިންތިޚާބުގައި އަމަލުކުރަން އެމްޑީޕީން ރުހުމެއް ނުދިނެވެ. ރައްޔިތުންގެ ބަހެއް ނެތި، ޕާޓީތަކުގެ ލީޑަރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ގޮނޑިތައް ބެހުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް ބުނެ އެވެ. އަދި އެކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދު ވެސް ތަން ނުދޭ ކަމަށް ބުނެ އެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމަކަށް ވީ ހުރިހާ ދާއިރާތަކަކަށް ވާދަކުރުމެވެ.

ކޯލިޝަނަކުން ވެރިކަން ކުރިއަސް އެމްޑީޕީން ދެކޭ ގޮތުގައި މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ލިބެން ޖެހޭނީ ވެސް އެ ޕާޓީ އަށެވެ. މި ވާހަކައާ، ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކޮޅެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ. މަޖިލީހުގައި ނަޝީދުގެ މަސައްކަތްޕުޅު ކުރައްވާނީ އެ ބަދަލަށް ކަމަށް ވެސް ގާސިމާއި ޖޭޕީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ: އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭ ކަމަށް ދެ ބޭފުޅުން ވިދާޅުވާ ވާހަކަފުޅާ އެހެން ޕާޓީތަކުން ދެކޮޅު.

ކުރީގެ ނައިބު ރައީސް އަދި ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ވައުދުތަކަކާއި އަހުދުތަކަކާ އެކު ވެރިކަމަށް އަޔަސް މިސްރާބު ޖަހާފައި ވަނީ، ސިޔާސީ ގޮތުން ހަމައެކަނި އެމްޑީޕީ ބާރުވެރިވާ ގޮތަށް ކަންކަން ބައްޓަންކުރަން ކަމަށެވެ. ވާދަވެރިން ނައްތާލުމަކީ ޔާމީންގެ ވެރިކަމުގައި ވެސް ކަންކުރެއްވި އުސޫލް ކަމަށް ޖަމީލް ވިދާޅުވި އެވެ.

“އަޅުގަނޑަކަށް އޭގެ މާ ބޮޑު ތަފާތެއް ނުފެނޭ، ޔާމީން ކުރެއްވި ކަންތައްތަކާ މިހާރު އެމްޑީޕީގެ ވިސްނުމާއި މިސްރާބު ދަތުރުކުރާ މަންޒިލުން،” ޖަމީލް ވިދާޅުވި އެވެ.

މަޖިލީސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވެސް ވަކިން ވާދަކޮށްގެން ގިނަ ގޮނޑިތައް ނެގުމުގެ ކެރުންތެރިކަން ހުންނަން ޖެހޭނެ ކަމަށް އެމްޑީޕީން އަމާޒުކުރާ ފާޑުކިއުމަށް ޖަމީލް ވިދާޅުވީ “ވެރިކަމަށް އައުމަށް އެއްބަސްވުން ހެދިއިރު އެ ޝަރުތު އެއްބަސްވުމުގައި ހިމަނަން ޖެހޭ” ކަމަށެވެ. މައްސަލައަކީ، އޭރު ވަކި ގޮތަކަށް އެއްބަސްވެ ފަހުން ޚިލާފުވުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

“އެ ވާހަކަ [ޖޭޕީން ވެސް ވަކިން ވާދަކުރާށޭ] ކީއްވެތޯ އެމްޑީޕީން ރިޔާސީ އިންތިޚާބުގެ އެއްބަސްވުން އެކުލަވާލިއިރު ނުދެއްކީ. އެއީ ތެދުވެރިކަމާ އެކު އެ ދުވަހު ވެސް ވިދާޅުވެވެން ޖެހޭނެ ވާހަކައެއް. ރިޔާސީ އިންތިޚާބު މިގޮތަށް ދިޔަޔަސް މަޖިލީސް އިންތިޚާބުގައި ތަބަކަކަށް ލާފައި ގާސިމާއި ޖަމީލާއި އެ ނޫން ވެސް ތިބި ބަޔަކަށް ދޭކަށް ބޭނުމެއް ނުވެއޭ. ރިޔާސީ ޓިކެޓް އެމްޑީޕީ އަށް ދީފައި އެ އޮތީ ތަބަކަކަށް ލާފައި،” ޖަމީލް ވިދާޅުވި އެވެ.

“އެ ދުވަހު އެމްޑީޕީ އަށް ވިދާޅުވެވެން ވާނެ، މިއީ ޑިމޮކްރަސީއޭ އެއް ކެންޑިޑޭޓެކޭ ކިޔާނެ ކަމެއް ނެތޭ. ޖުމްހޫރީ ޕާޓީން ވެސް ވެރިކަމަށް ކެންޑިޑޭޓަކު ނެރޭށޭ. ތަބަކަކަށްލާފައި ކީއްކުރަންތޯ އެމްޑީޕީ އަށް ދޭންވީ؟”

ޖަމީލް ވިދާޅުވި ގޮތުގައި 2008 ގެ ތަޖުރިބާ އަށް ބަލާއިރު ވެސް ކޯލިޝަނެއްގައި އެމްޑީޕީ އަށް އިތުބާރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އެކަމަކު އެ އިތުބާރުކުރީ ކޯލިޝަން ދަމަހައްޓާނެ ކަމަށް ރައްޔިތުންނާ އެކު އަހުދުވުމުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

“ރިޔާސީ ހުވާކުރި ދުވަހު ވެސް [ރައީސް] އެގޮތަށް ވިދާޅުވި،” ޖަމީލް ވިދާޅުވި އެވެ.

ޔާމީން-ގާސިމް ކޯލިޝަން: ދެކޮޅު ހެދުންތައް!

ކޯލިޝަންގައި އުފެދިފައިވާ މައްސަލަތަކާ އެކު މިހާރު އޮތް ބިރަކީ، ޔާމީނާއި ގާސިމް ކޯލިޝަން ހެއްދެވުމެވެ. އެމްޑީޕީ އާއި ޖޭޕީގެ މައްސަލަތަކަށް ހައްލު ހޯދަން ގާސިމްގެ ވިސްނެވުމަކީ، އެ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން އެދުނު ކޮންމެ ބަޔަކާ އެކު ކުރިއަށް ދިއުމެވެ. އެއީ ޔާމީނަށް ވިޔަސް ތައްޔާރު ކަމަށް ދޭހަވާ ގޮތަށް ގާސިމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

“އެކުގައި މަސައްކަތް ކުރަން އެދޭ ކޮންމެ ބަޔަކާ އެކު މަޝްވަރާ އަށް އަޅުގަނޑުމެން ތައްޔާރު. ވަކި ބޭފުޅަކާ މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވުމުގެ އެއްވެސް މާނައެއް ނެތް،” ޔާމީނާ ގުޅިވަޑައިގެންފާނެތޯ ތަކުރާރުކޮށް ނޫސްވެރިން އެހުމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ޖަލްސާގައި ވާހަކަ ދައްކަވަނީ: ސަރުކާރު ކޯލިޝަން ދެމިއޮތްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައި.

އެއީ، ގާސިމްގެ ވިސްނުން ކަމަށް ވިއަސް ޔާމީނާ އެކު މަސައްކަތް ކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ޔާމީންގެ ވެރިކަމުގައި ގާސިމް ހިމެނޭ ގޮތުން ރައްޔިތުންގެ އެތައް ބަޔަކަށް ދިން އަނިޔާ ހަނދާން ނައްތާލައި އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

“ޔާމީނާ އެކު މަސައްކަތް ކުރެވޭނީ ކައުންސިލުގެ ރުހުން ލިބިގެން. އެ މަގަށް އެކަން ހިނގާނެ ކަމަކަށް ނުބެލެވޭ. ކައުންސިލްގެ ތާއީދު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ޔާމީންއާ އެކު މަސައްކަތް ކުރަން،” ޖޭޕީގެ ކައުންސިލް މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި މައުމޫނާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންގެ ވެސް ރުހުން އޮތް ކަމެއް ނޫނެވެ.

ރައީސް އިސްވެ މަޝްވަރާގެ މޭޒަށް

ކޯލިޝަން ދެމިއޮންނާތޯ ސުވާލު އުފެދިފައި އޮތް މި ދަނޑިވަޅުގައި އެންމެ މުހިއްމީ، ކޯލިޝަންގެ އިސް ބޭފުޅުން ދެކޭ ގޮތުގައި މަޝްވަރާ އެވެ. ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހިސާބަށް ނުދާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

“ކޯލިޝަން ދެމިއެބަ އޮތް. ލީޑަރުންނަށް އެއް މޭޒެއްގެ ދޮށުގައި ވާހަކަ ނުދެކެވެންޏާ، އެއީ މައްސަލައެއް. ވެރިކަމުގެ ހަގީގީ ފެށުން ގުޅިފައި އޮތީ ރައްޔިތުންނާ. ވިސްނަންވީ އަމިއްލަ ސިޔާސީ މަސްލަހަތަކަށް ނޫން. ޕާޓީގެ މަސްލަހަތު ކުރިއަރުވާކަށް ވެސް ނޫން. އިސްކުރަންވީ ގައުމާއި ރައްޔިތުންގެ މަސްލަހަތު،” ކޯލިޝަން ސަރުކާރުގެ މަޝްވަރާތަކުގައި މައުމޫންގެ ފަރާތްޕުޅުން އުޅުއްވި އައިމިނަތު ނާދިރާ ވިދާޅުވި އެވެ.

ރައީސްއާ އެކު ސިޔާސީ ލީޑަރުން. ކޯލިޝަން ބަދަހިކުރަން ދެން އޮތް ހައްލަކީ މަޝްވަރާ އިން ގޮތެއް ހޯދުން ކަމަށް ޕާޓީތަކުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ.

ކޯލިޝަން ސަރުކާރުތަކަކީ މައްސަލަ އުފެދޭނެ ސަރުކާރުތަކެއް ކަން ފާހަގަކުރައްވައި، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ލީޑަރުންގެ މަޝްވަރާތަކުން ކޯލިޝަން ގުޅުން އަދިވެސް ބަދަހިކުރެވޭނެ އެވެ.

ކޯލިޝަންގެ މައްސަލަތަކަށް، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ “އުނދަގޫ ކޮންމެ ވަގުތަކު ވެސް އިތުރަށް ވިސްނުން އިސްކުރަން ޖެހޭނެ” ކަމަށެވެ.

“ގައުމުގެ ހައްގުގައި އަދި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިސްވެ ލީޑަރުންނާ މެދުގައި އަވަސް މަޝްވަރާތަކެއް ބޭއްވުން ރަނގަޅުވާނެ ވާނެ ކަމަށް ދެކެން،” އަލީ ހުސެއިން ވިދާޅުވި އެވެ.

ޑރ. ޖަމީލް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، މަޝްވަރާ އިން ކަންކަން ހައްލުކުރެވޭނެ އެވެ. އެ ލީޑަޝިޕް ރައީސް ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނާ އެކު މަސައްކަތްޕުޅު ކުރެއްވޭނެ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ، އެންމެ އުނދަގޫ ހާލަތްތަކުގައި އެކަން ސާބިތުކޮށްދެއްވައިފަ އެވެ. ދެން ވެސް ސިޔާސީ ގިނަ ބޭފުޅުންނާއި ރައްޔިތުންނަށް އޮތް ހަމައެކަނި އުއްމީދަކީ އެމަނިކުފާނަށް އޮތް އެ ޔަގީން ކަމެވެ.

ބަދަހިކަމާ އެކު ކޯލިޝަން ދެމެހެއްޓޭނެ ހައްލުތަކެއް ހޯއްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. ގައުމަށް ކުރިއެރުމާއި ހަމަޖެހުން އަދި ރައްޔިތުންގެ މަސްލަހަތު އޮތީ އެ މިސްރާބުގަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކޮމިޝަން އުފެއްދީ ރައީސުލް ޖުމުހޫރީއްޔާ ރިޕޯޓް ކެނެރީގޭ ނަޝީދު އަތަށް ހައްތާވެސް ސުއާލު؟

ސުވާދީބު

ރާއްޖޭގެ މުސްތަޤްބަލަށްޓަކާ ބިނާކުރާ ބިޔަ ރަށް!

ސުވާދީބު

ދުންފަތުގެ ދުމުން ތުއްތު ކުދިންނަށް ލިބޭގެއްލުން އެނގޭތަ؟

ސުވާދީބު
Share