ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން އެގްރީމެންޓެއްގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށް ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އިން ބުނެފިއެވެ.
“ރާއްޖެޓީވީ” ގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާރސަން ހަސަން ލަތީފް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައެއް ނޯންނާނެ ކަމަށާއި ސަރުކާރު ބަހާނެ ގޮތެއްވެސް، އެހެން ކަމެއް ކުރާނެ ގޮތެއް ވެސް އޮންނާނީ ހަމައެކަނި ވަކިވަކިން ޕާޓިތަކާ އެކީގައި ކަމަށެވެ.
“ވަރަށް ގިނަ ލިއެކިއުންތަކުގައި ސޮއި ކުރިން އެކަމަކު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވާފަދަ ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރައްވާފައި ނުވާނެ” ހަސަން ލަތީފު ވިދާޅުވިއެވެ.
“ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްފައެއް ނޯންނާނެ. އެއްބަސްވުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންވާ ގޮތް، ހުށައަޅާ ހުށައެޅުން އޮންނާނީ، ދެން އެއަށް އެބޭފުޅުން އެއްބަސްވުމޭ ކިޔާކިޔާ މިހާރު މީހުންނަށް ހީވަނީ އެއީ އެއްބަސްވުމެކޭވެސް. އެއްބަސްވުމެއް ނޫން އެއީ. އެއީ ހުށައެޅުމެއް.” ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ކަންކަން ނިންމާނީ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެވެސް ލަފަޔާ އިރުޝާދާއެކު ކަމަށާއި ޖުމްހޫރީ ޕާޓީއާ ވަކިން އެއްބަސްވުންތަކެއް އޮތް ހާލަތެއްގައިި ވިޔަސް ކޯލިޝަން ސަރުކާރެއްގައި ހަމައެކަނި އެ އެއެއްބަސްވުމަކަށް ރިއާޔަތްކޮށް ކަންކަން ނުނިންމޭނެ ކަމަށެވެ.
“އެމްޑީޕީން ހުށައެޅި ހުށައެޅުންތަކުގައި އެމްޑީޕީން ސޮއިކުރައްވާފައިވާނީ ހަސަން ލަތީފްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ކޯލިޝަން އެއްބަސްވުނެއް ނޯންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު، އަނެއްކާވެސް އެމްޑީޕީ އިން ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުިރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވަނީ އިއުލާން ކުރައްވާފައެވެ.
ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ބައިވެރިން ބުނަނީ އެއީ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީ އިން ކުރި ކަމެއް ކަމަށެވެ.
Facebook Comments