ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ހުޅުލެ އާއި ހުޅުމާލެއަށް ޓެކްސީތަކުން ދަތުރުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގެ މައްސަލައިގައި މާލޭ ޓެކްސީތަކުގެ ޑްރައިވަރުން ހުޅުލެ އާއި ހުޅުމާލެއަށް ދަތުރު ކުރުން ހުއްޓާލައިފި އެވެ.
ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުލެއަށް ދަތުރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައި ވަނީ 35ރ. އެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ އަގެއްގެ ގޮތުގައި ހަމަޖެއްސީ 40ރ. އެވެ.
ހުޅުލެ އާއި ހުޅުމާލެއަށް ދަތުރު ކުރާ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ވަނީ، ބްރިޖް ހުޅުވުމާ އެކު، މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ޓެކްސީތައް ދަތުރު ކުރަމުން ދިޔައީ އެއަށް ވުރެ ބޮޑު އަގުތަކުގަ އެވެ.
ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ޓެކްސީތައް ދަތުރު ކުރުން ހުއްޓާލާފައި މި ވަނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކާ ހިލާފަށް ދަތުރު ކުރާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ އެންގުމުންނެވެ.
“މިހާރު” އާ ވާހަކަ ދައްކަމުން “ފައިން ޓެކްސީ” ގެ މީހަކު ބުނީ ހުރިހާ ޓެކްސީ ސެންޓަރުތަކުން ވެސް ހުޅުލެ އާއި ހުޅުމާލެއަށް ދަތުރު ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
“އަގު މާ ބޮޑަށް ވެސް ކުޑައީ. އެ އަގަކަށް ދަތުރެއް ނުކުރެވޭނެ. ޕެޓްރޯލަށް ދާ ވަރު ވެސް އެނގޭނީ މިކަން ކުރާ މީހަކަށް،” ފައިން ޓެކްސީގެ އަހުމަދު އަބްދުއް ސައްތާރު ބުންޏެވެ.
ޓެކްސީ ދަތުރު ކުރާ އެހެން މީހަކު ބުނީ ހުޅުލެ އާއި ހުޅުމާލެއަށް ދަތުރު ކުރުން ހުއްޓާލީ “މަޖުބޫރުވެގެން” ކަމަށެވެ.
“މާލެއިން ހުޅުލެ ފެރީއަށް ދެ ލަގެޖާ އެކު ދަތުރު ކުރީމަ އެބަ ލިބޭ 35ރ. ދެން ހަމަ އެ އަގަށް ކާކު ހުޅުލެއަށް ދާނީ؟” ޓެކްސީ ދުއްވާތާ 30 އަހަރު ވެފައިވާ މުހައްމަދު އަލީ، 50، ބުންޏެވެ.
“ހުޅުލެއާ ހަމައަށް ދާން އެބަ އޮވޭ ތިން ކިލޯމީޓަރު. ހުޅުމާލެއަށް ގޮސްފައި އަންނަ އެއީ 15 ކިލޯމީޓަރު. ކިހިނެއް އެހާ ކުޑަ އަގެއްގައި ޓެކްސީ ކުރާނީ؟”
އެނގިފައިވާ ގޮތުގައި ހުޅުލެ އާއި ހުޅުމާލެއަށް ޓެކްސީ ދަތުރުކުރާނެ އަގުތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އެކަމަކު މި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
Facebook Comments