ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ގެ ދަށުން ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމުން ޗައިނާ އިން ތައުރީފުކޮށްފި އެވެ.
އޭޝިއާ، ޔޫރަޕް އަދި އެފްރިކާއާ ޗައިނާ ގުޅުވާލައި ޗައިނާއާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަން ޗައިނާއިން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން ރާއްޖޭގައި ކުރާ މަސައްކަތްތައް އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ޝާހިދު ވިދާޅުވީ ޝިންހުއާ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޝާހިދުގެ ވާހަކަތަކަށް ތައުރީފުކުރައްވައި، ޗައިނާގެ ފޮރިން ސެކްރެޓަރީ ހުއާ ޗުންޔިންގް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ވާހަކަތަކުން އަންގައިދެނީ ޗައިނާއާ އެކު ރާއްޖޭން ބަދަހި ގުޅުމެއް އުފައްދަން އާ ސަރުކާރުން ވެސް ބޭނުންވުން ކަމަށެވެ.
ރާއްޖޭގައި ޗައިނާ އިން ކުރިއަށް ގެންދާ، ބްރިޖާއި އެއާޕޯޓް އަދި ހައުސިން މަޝްރޫތަކަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކަމަށް ހުއާ ވިދާޅުވި އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމާ އެކުގައި ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތައް އައިސް އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ހުއާ ވިދާޅުވި އެވެ.
ފޮރިން ސެކްރެޓަރީ ވިދާޅުވީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށް، ރާއްޖޭގެ އާ ސަރުކާރާ އެކު މަސައްކަތްކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ބީއާރްއައި އަކީ ދެ ގައުމަށް ވެސް ފައިދާ ހުރި މަޝްރޫއެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް އުފައްދައި، ބިޔަ މަޝްރޫއުތަކެއް ފަށާފައި ވާއިރު، ރާއްޖެއާ އަވަށްޓެރި، ޗައިނާގެ ވާދަވެރި އިންޑިއާއާ ގުޅުން ވަނީ ގޯސްވެފަ އެވެ.
Facebook Comments