ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ ސިފައިންނާއެކު އެމްއެންޑީއެފްއިން ބޭސިކް ޑައިވިން ކޯހެއް ފަށައިފިއެވެ.
މިއަދު ފެށިގެންދިޔަ ކޯހަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ ހަތް ވަނަ ބޭސިކް ޑައިވިން ކޯހެވެ. ކޯސް ފެށުމުގެ ގޮތުން މިއަދު ކޯސްޓްގާޑް ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ ހުވާ ލައިދެއްވީ ކޯސްޓްގާޑް ޓްރޭނިން ސްކޫލްގެ ކޮމާންޑިން އޮފިސަރު މޭޖަރ ރިޒްމީ ވަލީދެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީކޯހުގެ ކޯސް އޮފިސަރު, ކެޕްޓަން ޔޫސުފް ނިޝާރެވެ. ކޯހުގެ އެގްޒެކެޓިވް އޮފިސަރަކީ ފަސްޓް ލެފްޓިނަންޓް އާސިފް ހާރޫނެވެ.
މިމަހުގެ 14 އިން ފެށިގެން16 ހަފުތާގެ މުއްދަތަށް ހިންގާ ޑައިވިން ކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރޭނިން ސެންޓަރުގައެވެ. ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީހާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އެންޑް އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިން ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިން ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިން، ސްވިމިން އަދި ޑައިވިން ސްކިލްސް، ޑައިވިން ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ހިމެނެއެވެ.
އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ ކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން އަށް ސިފައިން ބައިވެރިވިއެވެ. އެގޮތުން ނޭޕާލް އާމީގެ އެކަކު، އިންޑިއާ ކޯސްޓްގާޑުގެ އެކަކު އަދި އޭގެ އިތުރުން ސްރީލަންކާގެ ހަ ސިފައިންގެ މީހެއް ހިމެނެއެވެ. ދެން ކޯހުގައި ބައިވެރިވެފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 މީހެކެވެ.
Facebook Comments