ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކުއަލަ ލަމްޕޫރު (ޑިސެމްބަރު 21) – މުސްލިމުންގެ ހައްގުތަކަށް ވަރަށް ބޮޑަށް އުނިކަން އަންނަ ގޮތަށް އިންޑިއާއިން ދާދިފަހުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނަށް މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ސިޓިޒެންޝިޕްގެ ބިލަށް ގެނައި އިސްލާހާއެކު މުސްލިމުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. މުޒާހަރާގައި ބައިވެރިވިންގެ ތެރެއަށް ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މިހާތަނަށް 14 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. މިމައްސަލައިގެ ތަހުގީގު ކުރަމުންދާއިރު އެ ފުލުހުން ގެންދަނީ އަދިވެސް ހަތިޔާރާއެކު މުޒާހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހަކީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ސިފަކުރި ގޮތުގައި، ތަފާތުކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނާ ދެކޮޅު އިންޑިއާ މީހުންނާއި އިންޑިއާގެ މުސްލިމުން ގަބޫލުކުރަނީ ހުރިހާ ވެސް މަގުސަދަކީ މުސްލިމުން ތަފާތުކުރުން ކަމަށެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި އިއްޔެ ފެށި ސަމިޓެއްގެ ހަވާސާގައި މަހާތީރު ވަނީ އިންޑިއާ އިން އެ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމާމެދު ސުވާލު އުފައްދަވައިފަ އެވެ.
“އެ ގާނޫނުގެ ސަބަބުން ރައްޔިތުންގެ ފުރާނަ އެދަނީ ގެއްލެމުން. މިވީ 70 އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއްނެތި ރައްޔިތުން އެކުގައި ރީއްޗަށް އުޅެމުން އަންނަނިކޮށް، އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ކޮބާ؟” މަހާތީރު ސުވާލު ކުރެއްވި އެވެ.
އެ އިސްލާހުގެ ސަބަބުން، އަވަށްޓެރި ޕާކިސްތާނު، ބަންގްލަދޭޝް އަދި އަފްގާނީސްތާނުން ހިޖުރާކުރާ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ފަސޭހައިން ލިބުނު ނަމަވެސް، އޭގައި މުސްލިމުން ނުހިމެނެ އެވެ.
އެކަމުގެ ސަބަބުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅަކީ އިންޑިއާއަކީ ހިންދޫ ގައުމެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމުގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންގެ ހައްގުތައް ހަނިކުރުން ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.
“ހިތާމަޔާއެކު ދަންނަވަން ޖެހެނީ، ހުރިހާ ދީންތަކަށް ޖާގަދޭކަމަށް ބުނާ އިންޑިއާ އިން، މުސްލިމު ރައްޔިތުންގެ ރަށްވެހިކަން ނިގުޅައިގަންނަން އުޅޭކަން،” މަހާތީރު އިތުރަށް ވިދާޅުވި އެވެ.
Facebook Comments