web analytics
ރިޕޯޓް

އިޖުތިމާއީ ފޭރާން، ނުވީދޭ އެއްވެސް ދިމާލެއް ނެތް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ގަސްރުކުން މަލަ ފެވޭ، އިލާހީ ނިއުމަތުން ލިބިފައިވާ ޗާލޫ ކަމުން ދިރިއުޅުން ބައްޓަން ކުރަމުންދާ ގައުމެކެވެ. ހޫނު އަވިދޭ ނަލަ ދޮންވެލި ގޮނޑުދޮށްތައް ވިއްކައިގެން ކައިބޮއި އުޅެމުންދާ ގައުމެކެވެ. ވަށައިގެން ކަނޑު އެކުލެވިގެންވާ ކަނޑަށް ބަރޯސާވެފައިވާ ގައުމެކެވެ. އާދެ މީ އަޅުގަނޑުމެންގެ ވަޒަނެވެ. ދިވެހިރާއްޖެއެވެ. dhi2
ދުނިޔެ މި ކުޑަ ގައުމު ސިފަކުރަނީ ހިންދު ކަނޑުގައިވާ ކުދި މުތީތަކެއްގެ ގޮތުގައެވެ. އަމާންކަމާއިއެކު ދިރިއުޅޭ އެކުވެރި ރައްޔިތެއް ލިބިގެންވާ ގައުމެއްގެ ގޮތުގައެވެ. ރާއްޖޭގެ ތާރީހު ދިރާސާ ކުރި ހުރިހާ ފަރާތްތަކަށް ވެސް މި ގައުމުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގައި ދިރިއުޅެމުންދިޔައީ އެއްބައިވަންތަ އެއްބައެއްވަންތަ ރައްޔިތެއް ކަމެވެ. އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅެމުންދިޔަ ރީތި ލާމަސީލު ގޮތެވެ.

އަވަށްޓެރި ގޭގައި ކާނެ އެއްޗެއް ނެތިގެން އުޅޭކަން އެނގިއްޖެނަމަ ތިމާގެ ގޭގައި ކިތެންމެ ކުޑަ އެތިކޮޅެއް އޮތަސް އެއިން އެގެއަށް ދޭނެއެވެ. މަސް ބާނައިގެން އައިސް އަވަށްޓެރިންނަށް މަސްކޮޅު ބަހާލާނެއެވެ. އަންހެންވެރިން ރަށް ކުނިކަހަން ނިކުންނާނީ އެކުވެރިކަންމަތީ އެއީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެންނެވެ. ދޯންޏެއް އެހެލާނަމަ ކުދި ބޮޑު އެންމެން އެތަނަކަށް ޖަމާވެ އެކަމުގައި ބައިވެރިވާނެއެވެ. އެކަކު އަނެކަކާއި ބައްދަލުކުރަނީ ހިނިތުންވުމާއެކުއެވެ.

މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި އުޅެފައިވާ ބަޔަކު ދިރިއުޅެމުން ދިޔަ ގޮތެވެ. ނަމަވެސް މިއަދު އެ ގޮތްތައް ވަނީ ތާރީހުގެ ސަފުހާތަކާއި އެކުވެގެން ހިދިގެން ގޮސް ނިމިފައެވެ. ތަރައްގީއާއެކު އަޅުގަނޑުމެންގެ ތެރޭގައި ހުރި ރީތިއާދަކާދަތައް އުވިގޮސްފިއެވެ. އެއްބައިވަންތަކަމާއި އެކީ އުޅުނު މީހުންތައް މިވަނީ ބައިބައިވެފައެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ދީނަށް ވެސް ބަޔަކު ފުރަގަސްދީފިއެވެ. އިޖުތިމާއީ ފޭރާން ވީދެން އޮތް ވަރަކަށް ވީދި ނިމިއްޖެއެވެ.

މިއަދު އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިހިރީ އަތްފައި ކޮށައިގެން އަޅުގަނޑުމެންގެ މުސްތަގުބަލަށް މަސައްކަތްކުރި ކާބަފައިން އުޅުނު ގޮތާއި މުޅިން ތަފާތުކޮށެވެ. ތިމާ ނުރުހޭ އެއްޗެއް ބުނާ މީހެއް ލިޔާ މީހެއް ނަމަ ނިޒާމުން ގެއްލުވާލަނީއެވެ. އެކިއެކި ޖަމާއަތްތައް، ގްރޫޕްތައް އުފެދި އެއް ބަޔަކު އަނެއް ބަޔަކު މަރާ ހުސްކުރަނީއެވެ. ހާލަތު ގޮސްފައިމިވާ ހިސާބުން އެކަކަށްވެސް އަމިއްލަ ރައްކާތެރިކަމެއް އިހްސާސެއް ނުކުރެވެއެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މަރާލަނީއެވެ. ނޫސްވެރިން ގެއްލުވާލަނީއެވެ. އަމަން ބަލަހައްޓާ މީހުންނަށް އަމާޒުކޮށް ހަމަލާދެނީއެވެ.

އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާން ވީދިގެން ގޮސްފައިވާ ވަރަށް ބަލައިލާނަމެވެ. ހަމައެކަނި އެންމެ މިސާލަކުން މިކަން ގޮސްފައިވާ ހިސާބު ވަރަށް ރަނގަޅަށް ބުނެދީފާނަމެވެ. މަގުމަތިން ހިނގާފައިދާ އަންހެންވެރިންނަށް ބަލައިގެން ޖިންސީ އެދުންވެރިކަން ފުއްދާ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ހާލަތު ގޮސްފައިވާއިރު ދެން އިތުރަށް ވީދެން އޮތީ ކޮން އިޖުތިމާއީ ފޭރާމެއް ހެއްޔެވެ؟ ވަލު ޖަނަވާރުންނާ އަޅުގަނޑުމެންނާ އޮތީ ވަކި ކޮންތަފާތެއް ހެއްޔެވެ؟

ދީނީ ގޮތުން ވެސް އަޅުގަނޑުމެންގެ ހާލަތު ގޮސްފައިވާ ހިސާބު ބަލާލާނަމެވެ. ތިމާ ގަބޫލުކުރާ ގޮތް އަނެކާ ގަބޫލުނުކުރާތީ އޭނާ މުސްލިމަކަށް ނުވެއެވެ. އޭނާ ގަތުލުކުރުން ހުއްދަވެއެވެ. ލާދީނީ ވެއެވެ. ދީނަކީ މިހާރު އެމީހަކު ބޭނުންވާ، އަމިއްލަ އަށް ފައިދާވާ ކަންތައްތަކުގައި އެކަނި ބޭނުންކުރާ ހަތިޔާރަކަށް މިވަނީ ވެފައެވެ. ތިމާ ފަސްވަގުތު ނަމާދު ނުކުރިއަސް އަނެކާ ނަމާދަށް ނުދާތީ އޭނާ ކާފަރުކުރާ ހިސާބަށް އަޅުގަނޑުމެންގެ ހާލަތު މިވަނީ ގޮސްފައެވެ. އަޅުގަނޑުމެންގެ ސަފުތައް ބައިބައިކުރެއްވުން އެދި ދުއާ ކުރަނީއެވެ. މިގައުމުގެ ވެރިންގެ މައްޗަށް ބަދު ދުއާ ކުރަނީއެވެ. ވެރިކަމުގެ ބާރު ނެތިކޮށްލެއްވުމަށް ވަކިވަކި ޖަމާއަތް ހަދައިގެން ދުއާ ކުރަނީއެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ މިންވަރު ހުރި ހިސާބަށް ވެސް ބަލައިލާނަމެވެ. ފެރީ އެއް ފުރިފައި އޮންނަ އިރު އުމުރުން ދުވަސްވީ މީހަކު، އަންހެނަކު، މާބަނޑު މީހަކު ފެރީއަށް އެރިކަމުގައި ވީނަމަވެސް ފޫކޮޅު ހިއްލާލާނެ މީހަކު ނުވެއެވެ. މަގެއް މަތިން ދުވަސްވީ މީހަކު ހުރަސްކޮށްލާއިރު އެހީތެރިކަން ފޯރުކޮށްލުމުގެ ބަދަލުގައި ސައިކަލުގައި ‘ފެލާލަމުން’ ދުއްވާފައި ދަނީއެވެ.

އަޅުގަނޑުމެން ދިވެހިންނަކީ މާތްވި އިސްލާމްދީންގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއް ކަމުގައި އަޅުގަނޑުމެން އަމިއްލަ އަށް މި ދަނީ ބުނަމުންނެވެ. އިސްލާމްދީނުގައި އަޅުގަނޑުމެން އުޅެންވީ ރީތި ގޮތް ބަޔާންކޮށްދެއްވާފައިވެއެވެ. ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އުފާވެރި ދިރިއުޅުމެއް އުޅޭނެ ގޮތް އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ. އިޖުތިމާއީ ހެޔޮ ފޭރާމެއް ލައިގެން ތިބޭނެ ގޮތް އަންގަވާފައި އެބައޮތެވެ.

އިތާ މުތެއްގައި ތިބި ބަޔަކު ކަމުގައި ވީނަމަވެސް އެއްވެސް ކަހަލަ ގޮތެއް ފޮތެއް ނެތިއްޔާ ބަޔަކު އަޅުގަނޑުމެން ބަލައިގަންނާނެ ހެއްޔެވެ؟ ދުނިޔޭގައި ނެތްފަދަ ރީތި ކަމެއް ލިބިގެންވިޔަސް އަޅުގަނޑުމެން އެކަކު އަނެކަކު މަރަނީނަމަ އެއިން އޮތީ ކޮން މަންފާއެއް ހެއްޔެވެ؟ އަޅުގަނޑުމެންގެ މުސްތަގުބަލަށް ވެގެންދާނީ ކިހިނެތް ހެއްޔެވެ؟ ހިޔާލަށް ގެނެސްބަލާށެވެ. ނިކަން އެއްފަރާތަކަށް ޖެހިލައި އިނދެ ވިސްނައިލަ ބަލާށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވޯޓާ ހިސާބުން ރައްޔިތުންގެ ބާރު ނިމުނީތަ؟ ދެން ކުރެވޭނީ ކޮން ކަމެއް؟

ސުވާދީބު

ފާނު ބަސަދާއި ގުޅޭ މުހިންމު އެތައް މަޢުލޫމާތެއް!

ސުވާދީބު

ފޭދޫގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ އައިބީ ގެނެސްދިން ތަރައްޤީ!

ސުވާދީބު
Share