ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރި، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު)، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މިއަދު ޕްރޮމޯޓް ކޮށްފި އެވެ.
ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ނުވަތަ ޑަބަލް ޕްރޮމޯޝަނަކާ އެކު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކުރުމަށް ފަހު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވޭނެ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ. ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުކޮށެވެ.
ސިއްރު މައުލޫމާތު ލީކު ކުރުމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އިސްކޮށް ހަމީދު އުޅުއްވި އެވެ.
Facebook Comments