ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލައިފި އެވެ.
އެމްޑީއެން އުވާލިކަން ސަރުކާރުން އާންމުކުރީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓުން ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ.
“މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ރަޖިސްޓްރާ އޮފް އެންޖީއޯސް ނިންމެވުމާ ގުޅިގެން، ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ޓަކައި، 05 ނޮވެމްބަރު 2019 އިން ފެށިގެން 19 ޑިސެމްބަރު 2019 އާއި ހަމަޔަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެޖަމިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެޖަމިއްޔާ ރަސްމީކޮށް އުވާލާފައިވާ ވާހަކަ ދެންނެވީމެވެ.” ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިނިސްޓްރީގެ ބަޔާނާއެކު ކުރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން އުވާލައްވާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުމަކީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުތަކަށް އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ހުރިކަން ކަށަވަރުވުމުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައި ވެއެވެ.
އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 އަށްވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައްޔާއި މާލޭގައި ސިލްސިލާ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އެމްޑީއެން އުވާލަން ނިންމެވިކަން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން އިއުލާނު ކުރި އިރު، މިދިޔަ އޮކްޓޯބަރު މަހު އެ ޖަމިއްޔާ ސަސްޕެންޑްކުރިކަން އިއުލާނުކޮށް ޔޫތު މިނިސްޓްރީން ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ، “ޕްރީލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ހުރި ކަމަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކޮށްފައިވާ ކަަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނާތީ، އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
Facebook Comments