ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ވެރިކަން ކުރާ އެމްޑީޕީ އަށް ފަންޑު ކުރަނީ ކޮންބައެއްތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަކި ޕާޓީއެއްގެ ނަން ވިދާޅުނުވެ އެމްޑީޕީ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގާސިމަށް “މަހުޖަނާއި ސޭޓްގެ ވާހަކަ ދައްކާ ޕާޓީގެ ބޭފުޅުންނަށް ފަންޑް ކުރަނީ ކޮންބައެއްކަން” ސާފުކޮށްދެއްވަން އެބަޖެހޭ ކަމަށެވެ.
“ފަންޑު ކުރަނީ ބޭރު ގައުމަކުންތޯ؟ ނުވަތަ މަހުޖަނުންތޯ؟ ނުވަތަ ދައުލަތުގެ ބައިތުލްމާލުންތޯ؟ ނުވަތަ ސަރުކާރު ކުންފުނިތަކުން އެހެން ގޮތަކުން ފައިސާ ހޯއްދަވައިގެންތޯ ޚަރަދު ކުރައްވަނީ؟” ގާސިމް ވިދާޅުވިއެވެ.
ގާސިމް މިރޭ ވެސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މިހާރު ތަންދޮރު ނުފިލާބައެއް ނޫން ކަމަށެވެ.
“ބަޔަކު އޮޅުވާލައިގެން ދުއްތުރާ ކުރަން ބަޔަކު ވިސްނި ނަމަވެސް އެކަމެއް އެހެންނެއް ނުވާނެ. ގައުމުގައި އަދުލް އިންސާފާއި ކަންކަން ރަނގަޅުކޮށް ދެކޮޅު ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިގެންނެއް ނޫން.” ގާސިމް ވިދާޅުވިއެވެ.
ގާސިމް ތަކުރާރުކޮށް ވިދާޅުވީ ވަކި ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ރައްޔިތުންގެ މަޖިލީހެއް އޮންނަން ޖެހޭނެ ކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ.
“2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އައި ސަރުކާރުން ލިބުނު ތަޖުރިބާ އިން އިބުރަތް ލިބިގަނެގެން މިތިބީ.” ގާސިމް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާތީ އެކަމާއި ދެކޮޅަށް ގާސިމް ދައްކަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ. ގާސިމް ވިދާޅުވީ ޕާލަމެންޓްރީ ނިޒާމަކަށް ރާއްޖެ ގެންދިއުމަކީ ބައެއްގެ ހުވަފެނެއް ކަމަށާއި އެހުވަފެން ސީދާ ނުވެ ބިލާހަކަށް ވެގެންދާނެ ކަމަށެވެ.
ބަރުލަމާނީ ނިޒާމްގައި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމަށް ވުމުން “ވައްކަން ކުރުމުން ދެން ޒިންމާދާރު ކުރުވަން ސުވާލު ކުރާނީ ކާކުތޯ” ގާސިމް ސުވާލު ކުރެއްވިއެވެ.
އެމްޑީޕީއަށް ފަންޑު ކުރަނީ ކޮންބައެއްތޯ ގާސިމް ސުވާލު ކުރެއްވިއިރު ގާސިމް ފަހަކަށް އައިސް ގެންދަވަނީ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
Facebook Comments