ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ 279 ކެންޑިޑޭޓުންނާ އެކު މީގެ އިރުކޮޅެއް ކުރިން ފަށައިފި އެވެ.

މިއީ، ސިޔާސީ ޕާޓީ އަކުން މިހާ ބޮޑު ޕްރައިމަރީއެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެގޮތުން، ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން ވާދަވެރި ކެމްޕެއިނެއް މިދިޔަ ދެ މަހެއްހާ ދުވަހު ވަނީ ކޮށްފަ އެވެ. މި ފަހަރުގެ ޕްރައިމަރީގައި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވެސް ވާދަކުރައްވަ އެވެ.
އެމްޑީޕީ ޕްރައިމަރީގައި އާންމުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުވެފައި ވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ. އެ ދާއިރާ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނާ ވާދަކުރައްވަނީ ޒުވާން އަންހެން ބޭފުޅެއް ކަމަށްވާ އައިޝަތު އަލައިކާ އަދުނާނެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފަދަ ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް އެމްޑީޕީ ތަމްސީލް ކުރައްވާ މެމްބަރުން ޕްރައިމަރީގައި ވާދަކުރައްވަ އެވެ.
މި ޕްރައިމަރީގައި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭނެ ބޭފުޅުންގެ ތެރޭގައި މަޖިލީހުގައި ކުރިން ތަމްސީލް ކުރެއްވި ބޭފުޅުން ވެސް ޕްރައިމަރީގައި ވާދަކުރެއްވުން ހިމެނެ އެވެ.

ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެމްޑީޕީން ވަނީ 270 ވޯޓު ފޮއްޓެއް ބަހައްޓައިފަ އެވެ. ވޯޓު ލުމަށް 86،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވެ އެވެ.
ރާއްޖޭގައި ވޯޓުލުން ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:30 އިން މިރޭ 8:30 އަށެވެ.
މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރި ތަންތަން:
– މައްޗަންގޮޅި ހުރިހާ ދާއިރާތަކާއި މ. ފ. އަދި ދ. އަތޮޅުގެ ވޯޓުލުން އަރަބިއްޔާގައި.
– ގއ، ގދ، އަދި ވ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން އަމީނިއްޔާ ސްކޫލްގައި.
– ހއ، ހދ، ށ، އަދި ނ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން އިސްކަންދަރު ސްކޫލްގައި.
– ގަލޮޅުގެ ދާއިރާތަކާއި، ރ، ބ، އަދި ޅ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން އިމާދުއްދީން ސްކޫލްގައި.
– ހެންވޭރުގެ ދާއިރާތަކާއި ތ، ލ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ކަލާފާނު ސްކޫލްގައި.
– މާފަންނު ދާއިރާތަކާއި ކ. އަތޮޅާއި ފުވައްމުލައް ދާއިރާތަކުގެ ވޯޓުލުން ހިރިޔާ ސްކޫލްގައި.
– ވިލިމާލެ ދާއިރާގެ ވޯޓުލުން މުހިއްޔުއްދީން ސްކޫލްގައި.
– ހުޅުމާލެ ދާއިރާގެ ވޯޓުލުން ރެހެނދި ސްކޫލްގައި.
– އައްޑޫ ސިޓީގެ ދާއިރާތަކާއި އއ. އަދި އދ. އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން ތާޖުއްދީން ސްކޫލްގައި.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެއް ސްކޫލް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓުން އިއުތިރާޒް ނުކުރާ ނަމަ، ވޯޓުލުމުގެ ކަންކަން ހަރުގެތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މިއީ ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދާނެ އެންމެ ވާދަވެރި ޕްރައިމަރީ އެވެ. އަދި ވޯޓުލުމުގެ ކަންކަން ހުރިހާ ސަރަހައްދެއްގައި އަމާންކަމާއެކީ ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ވޯޓުލުމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ދާނެ. މިއީ އެމްޑީޕީން މީގެ ކުރިން ބޭއްވި ޕްރައިމަރީތަކަށް ވުރެ، ވާދަވެރި ޕްރައިމަރީއަކަށް ވާނެ،” އޮފިޝަލް ވިދާޅުވި އެވެ.
Facebook Comments