web analytics
ޙަބަރު މަޖިލިސް

ވައްކަން ނުކުރާ މަޖިލީހެއް ހޯދޭނީ ރައްޔިތުން ރިޝްވަތަށް އެދުން ހުއްޓާލައިގެން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވަނީއެވެ. އިންތިޚާބާއި ދިމާކޮށް ކޮންމެ ފަހަރަކުވެސް އާންމުކޮށް އިވޭ ތިން ވާހަކައެއް މިފަހަރުވެސް އިވެން ފަށައިފިއެވެ. އެއް ވާހަކަ އަކީ އިންތިޚާބުވެގެން މަޖިލީހަށް ވަންނަ މެންބަރުން ރައްޔިތުންނަށް ހަރާންކޯރުވާ ވާހަކައެވެ. ކޮރަޕްޝަން ހިންގާ ވާހަކައެވެ. ގާތް މީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދޭ ވާހަކައެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް އެ ނޫން ބަޔަކަށް ހޯދަން އުނދަގޫ ވާހަކައެވެ.

ދެވަނަ ވާހަކައަކީ ބިރުދައްކައިގެން ވޯޓު ހޯދާ ވާހަކައެވެ. ވަކި މީހަކަށް ވޯޓު ނުލައިފިނަމަ ވަޒީފާ ގެއްލޭނެ ކަމަށްބުނެ ބައެއް ކެނޑިޑޭޓުން އެ ދައްކާ ބިރުގެ ވާހަކައެވެ. ތިންވަނަ ވާހަކައަކީ ވޯޓު ވިއްކާނެ ވާހަކައެވެ. މުހުތާދުތައް ފިލުވައިދިން މީހަކަށް ވޯޓުދޭނެ ވާހަކައެވެ. އެވެނިކަމެއް ނޫނީ މިވެނިކަމެއް ކޮށްދީފިނަމަ ކެމްޕެއިންގައި ހަރަކާތްތެރިވާނެ ވާހަކައެވެ. 

ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން ވޯޓު ލަނީ ނަޒާހާތްތެރި، ވައްކަން ނުކުރާ، ތާހިރު މަޖިލީހެއް ނުލިބިގެން، އެފަދަ މަޖިލީހެއް ހޯދުމަށެވެ. އެކަމަށް އެދި ކޮންމެ ފަހަރަކުވެސް ދިވެހިންގެ އެތައް ބަޔަކު އަޑު އުފުލައެވެ. އެންމެ ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށް އެތައް ރައްޔިތުންނެއްގެ ތާއީދާއިއެކު ކޮންމެ ފަހަރަކުވެސް މެންބަރަކު މަޖިލިހަށް އިންތިޚާބު ކުރެއެވެ. ނަމަވެސް ދައުރު ނިމިގެންދާއިރު، މެންބަރުކަމަށް ހޮވި މީހާގެ މިލްކިއްޔާތަށް އެތައް މުދަލެއް އިތުރުވުން ނޫން ކަމެއް ގިނަ ފަހަރު ނުވެއެވެ. މިއީ ގިނަ މެންބަރުންގެ ހާލަތު ނަމަވެސް ރައްޔިތުންނަށް އިޚުލާސްތެރި ދެތިން މެންބަރުން، މިހާރުވެސް މަޖިލިހުގައި ތިބި ކަމީ އުފަލާއި އެކު ފާހަގަކުރަން ޖެހޭ ކަމެކެވެ. 

ދައުރެއް ނިމިގެންދާއިރު، މި ކަންކަމަށް ރައްޔިތުން ވިސްނަން ޖެހެއެވެ. މުއްސަނދިވުމަށް އެއް ދައުރުގައި މަޖިލީހަށް ވަތް މީހަކު ދެވަނަ ދައުރުގައިވެސް މަޖިލީހަށް އިންތިޚާބު ކުރާނަމަ އެއީ ރައްޔިތުން އެނގިތިބެ ހަދާ ގޯހެއް ނޫން ދެން ފަހެ ކޮން ކަމެއްތޯއެވެ. އެފަދަ މެންބަރުންނަށް މަޖިލީހުގައި ތިބެގެން ކޮރަޕްޝަން ހިންގައި އަމިއްލަ މިލްކިއްޔާތު އިތުރު ކުރުމަށް ދެވަނަ ފުރުޞަތެއް ދީފައި އެ މެންބަރު ކޮރަޕްޝަން ހިންގުމުން އެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ.

ބިރު ދައްކައިގެން ވޯޓު ހޯދުމަކީވެސް ރާއްޖޭގައި ހިނގާ ކަމެއް ކަމަށްވާއިރު، ކުރިއަށް އޮތް އިންތިޚާބާއި ގުޅިގެންވެސް މިކަން ހިނގަމުންދާ ކަމުގެ އަޑުތައް މިހާރު ދަނީ ފެތުރެމުންނެވެ. ބައެއް އަތޮޅުތަކަށް ނިސްބަތްވާ ހުރިހާ ގޮނޑިއެއް ވަކި ޕާޓީއަކަށް ނުލިބިއްޖެ ނަމަ ފުޓުބޯޅަ މުބާރާތް ނުބޭއްވޭނެ ކަމަށް މިހާރުވެސް ބައެއް ވިޔަފާރިވެރިން ވަނީ ފާޅުގައި ބުނެފައެވެ. އަދި އެ ވިޔަފާރިވެރިންގެ އާއިލާ މީހުންނަށް ގޮނޑި ނުލިބިއްޖެނަމަ އެމީހުންގެ ރިސޯޓުތަކުގައި ތިބި އަތޮޅަށް ނިސްބަތްވާ އެތައް ބައެއްގެ ވަޒީފާ ގެއްލޭނެކަމުގެ ބިރުވެސްވަނީ ދައްކާފައެވެ. މި ބިރަކީ އަބަދުވެސް ދައްކާ ބިރެކެވެ. އެކި އަތޮޅުތަކުގައި، އެކި ދާއިރާތަކުގައެވެ. ނަމަވެސް މިއީ ރައްޔިތުން އެކަމާއި ދެކޮޅަށް ބަސް ބުނެގެން ހައްލު ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މަޖިލިސް ގޮނޑި ހޯދަން ބިރު ދައްކަ މިހާގެ ވާހަކަ ފާޅުގައި ދައްކަންވީއެވެ. މީޑިއާތަކަށްވެސް އަރަންވީއެވެ. ބިރަށްވުރެ ގަދަވެގެން މެނުވީ ރައްޔިތުން އެދޭ، ސާފު މަޖިލީހެއް ނުލިބޭނެއެވެ.

ރައްޔިތުން ބޭނުންވާ ސާފު މަޖިލީސް ހޯދުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީވެސް ރައްޔިތުންނެވެ. ވޯޓު ވިއްކުމާއި، ޖެހިފައިވާ އެކިއެކި މުހުތާދުތައް ފިލުވައިދޭ މީހުންނަށް ވޯޓު ދިނުމުގެ އުސޫލަކީ އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެއް އޮތް ކަމަކަށްވާއިރު، މިކަން ބަދަލުނުކޮށް، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބޭނުންވާފަދަ ތަނަކަށް ހެދުމަކީ ވާނެ ކަމެއް ނޫނެވެ. ވޯޓު ހޯދަން ކެނޑިޑޭޓް އައިސް ގެއަށް ވަންނައިރަށް ވޯޓުގެ އަގުލިސްޓު ދިއްކުރާ ނަމަ، އެ ކެނޑިޑޭޓް އެ އަގުލިސްޓުގައި ވާއަގަށް ވޯޓު ގަންނާނެއެވެ. އަދި ގިނަ ފަހަރު އެ ވޯޓު ގަންނާނީވެސް ކޮންމެވެސް މީހެއް އަތުން ދަރަންޏެއް ނަގައިގެންނެވެ.

ކަން މިހެން ވުމުން، ދާއިރާގެ ދެތިން ގޭގެ ފުރާޅުގެ ޓިނު ބަދަލުކޮށްދީ، ދާއިރާގެ ހައެއްކަ މީހުންނަށް އައިފޯނު ގަނެދީގެން މަޖިލިހަށް އިންތިޚާބުވާ މެންބަރު، އެ ޚަރަދު އަނބުރާ ހޯދައި، އެ ޚަރަދު ކުރަން މަހުޖަނެއްގެ އަތުން ނެގި ލޯނު އަނބުރާ ދެއްކުމުގައި މުޅި ދައުރު ހޭދަކުރަން އޭނާއަށް މަޖުބޫރުވެއެވެ. އެހިސާބުން ދެން ލައިގަންނަ ކަމަކީ ދެން އޮތް ދައުރުގެ ކެމްޕެއިންގައި މަހުޖަނެއްގެ އަތުން ލޯނެއް ނުނަގައި ގޮނޑި ގަނެލެވޭނެ ވަރުގެ ވިޔަފާރިއެއް ކޮޅަށް ޖެހުމެވެ.

ކޮރަޕްޝަންގެ މި މުޅި ޗޭނަކީ ރައްޔިތުމީހާ ވޯޓު ވިއްކާލަން ރިޝްވަތަށް އެދޭ ހިސާބުން ފެށޭ ޗޭނެކެވެ. ރައްޔިތުން ވިސްނަވާށެވެ. ދާއިރާއަށް މެންބަރަކު ހޮވާއިރު، ކިޔަވައިގެން، ހުރި، ނުވަތަ ތަޖުރިބާ ލިބިފައި ހުރި ޤާބިލު މީހަކު ހޮވާށެވެ. ދެން އެމީހާއަށް ބާރުއަޅައިގެން، ރައްޔިތުންގެ މުހުތާދުތައް ފިލާފަދަ ޤާނޫނުތައް ގެނައުމަށް މަސައްކަތް ކުރާށެވެ. އޭރުން ކަރަންޓާއި ފެންބިލު ދައްކާކަށް މަޖިލިސް މެންބަރުގެ ކައިރީ އެދޭކަށް ނުޖެހޭނެއެވެ. ބޭސްފަރުވާއަށް އިތުރު އެހީ ހޯދަން މަހުޖަނެއްގެ ފައިބުޑަށް ދާކަށް ނުޖެހޭނެއެވެ. ދިރިއުޅުމުގެ ފެންވަރު މަތިކުރަން ކޮންމެ ފަސް އަހަރަކުން މަޖިލިސް ޕެކޭޖް ނަގާކަށް ނުޖެހޭނެއެވެ.

މަޖިލިސް ޚަރާބުކުރީ ރައްޔިތުންނެވެ. އެކަން އިސްލާހުކުރެވޭނީވެސް ރައްޔިތުންނަށެވެ. ކިޔަވައިގެން ތިބި، ތަޖުރިބާހުރި މީހުން މަޖިލީހަށް އިންތިޚާބު ކުރާށެވެ. އޭރުން މުހުތާދުތައް ފުއްދުމަށް ޤާނޫނުން އެހީ އާއި ބާރު ލިބޭނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަމިއްލަ އަށް ގައިގައި ރޯކޮށްލި ނުކުޅެދުންތެރިކަން ހުންނަ މީހާގެ ހާލު ދެރަ

ސުވާދީބު

ތިޖޫރި ވަގަށް ނަގައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށް

ސުވާދީބު

މޫނު ބުރުގާގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރ ހެއްދެވީ އިތުރުފުޅު!

ސުވާދީބު
Share