ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ރާއްޖޭގެ ވެރިކަން ކުރީން ކުރައްވާފައިވާ ކުރީގެ ހަތަރު ރައީސުން މިވަގުތު ރާއްޖޭގައި އެބަތިއްބެވި އެވެ. އޭގެތެރޭގައި، އެބޭފުޅެއްގެ ރައީސް ކަމުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަޅުއެޅުވި ބޭފުޅެއްވެސް ހިމެނެއެވެ. ސިފައިން ފޮނުވައިގެން، ފަނޑިޔާރުންނަށް ސުޕްރީމް ކޯޓަށް ވަދެވަޑައިނުގެންނެވޭ ގޮތަށް ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް އޭރުގެ އިދިކޮޅު ލީޑަރުން ބުނަމުން ދިޔައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީތާ ހައަހަރު ފުރިގެން ދިޔައިރުވެސް ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލާގައި ނަޝީދުގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވެއެވެ. ހުކުމެއް ނާދެއެވެ.
މިދެންނެވި ކުރީގެ ހަތަރު ރައީސުންގެ ތެރޭގައި، އެބޭފުޅެއްގެ ރައީސް ކަމުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ސިފައިން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު ބިންމަތީ ދަމާފައި ޖަލަށް ގެންދިޔަ ބޭފުޅެއްވެސް ހިމެނެއެވެ. އަދި ހަމަ އެވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގައި ތަޅުއަޅުވައި، މަޖްލިސް މެމްބަރުން ހަނޑޫގޯނިތަކެއްހެން ނަގައި މަޖުލިސް ގޭޓުމަތިން ބޭރަށް އެއްލި ވެރިކަމެއްވެސް ފެނިފައިވެއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ވަން މައްސަލާގައާއި މަޖުލިސް ތަޅުއެޅުވި މައްސަލާގައި ރައީސް ޔާމިނުގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައެވެ. ނަމަވެސް ވެރިކަން ބަދަލުވެ، އޭރުގެ އިދިކޮޅު މީހުން ވެރިކަމަށް އައިސްފައި ވިއަސް ރައީސް ޔާމިނުގެ މައްޗަށް މިއިންކަމަކާ ދައުވާ ނުކުރެވޭތާގަ، ސުވާލެއްވެސް ނުކުރެވެއެވެ.
މިދެންނެވި ކުރީގެ ހަތަރު ރައީސުންގެ ތެރޭގައި، އެބޭފުޅެއްގެ ރައީސް ކަމުގައި ޖަލުގައި އަނިޔާކޮށް މީހަކު މަރާލުމުން ޖަލުގެ ގައިދީން އިހްތިޖާޖު ކުރުމުން ބަޑިޖަހަން އަމުރު ކުރެއްވި ކުރީގެ ރައީސެއް ވެސް އެބަ ހުންނެވިއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލުމުން ޖަލުގެ ގައިދީން އެކަމާ އިހްތިޖާޖް ކުރުމުން ގައިދީން ގަޔަށް ބަޑިޖަހައި އެތައް ގައިދީންނެއް ޒަހަމް ވިއެވެ. އެމައްސަލާގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އޭރުގެ އިދިކޮޅު ޕާރޓީ، އެމް.ޑީ.ޕީ އިން ބުނިކަމުގައި ވިއަސް އެމް.ޑީ.ޕީ ވެރިކަމަށް އައިސް ރައީސް މައުމޫންގެ މައްޗަށް އެއްވެސް ދައުވާ އެއް ނުކުރެވެއެވެ.
މިދެންނެވި ކުރީގެ ހަތަރު ރައީސުންގެ ތެރޭގައި އެބޭފުޅެއްގެ ނަމުގެ ކުރިއަށް އެމް.ޑީ.ޕީ މީހުން “ބާޣީ” ގެ “ލަގަބު” ލައިގެން ކިޔާ ބޭފުޅެއްވެސް ވެއެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލެއްވީ ރައީސް ވަހީދު ކުރެއްވި ބަޣާވާތަކުން ކަމަށް ބުނެއެވެ. ނަމަވެސް އެމް.ޑީ.ޕީ ގެ ބޭފުޅަކު މިއަދު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވިއިރު މިދެންނެވި މައްސަލަ ނުބެލޭކަމީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މާޒީގެ އެއްވެސް “ޖަރީމާ”އަކަށް ފަހުން ފުރިހަމަ އިންސާފު ނުލިބޭނެ ކަމުގެ ހެއްކެކެވެ.
ކޮންމެ ބަޔަކުވެސް އިދިކޮޅުގައި ތިބޭ އިރު، ރައީސް އަށާއި ސަރުކާރުގެ ވެރީންނަށް ފާޑު ކިޔައި، ސަރުކާރުގެ “ޖަރީމާ” ތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެއެވެ. ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެއެވެ. ނަމަވެސް ވެރިކަން ލިބުމުން މިހުރިހާ ކަމެއް ބަދަލުވެގެން ދެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތަކުގެތެރޭގައި ދައުލަތުން ވައްކަން ކޮށްފައިވާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދައި ދެއްވުމަށާއި، ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންއަށް ވީގޮތެއް ހޯއްދަވާނެ ކަމަށާއި، ޑރ.އަފްރާޝިމްގެ މަރުފަދަ ގޮތްނޭނގޭ މަރުތަކުގެ ހަޤީގަތް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. ސުވާލަކީ މިވައުދުތައްވެސް ދާނީ އެހެން ސަރުކާރުތަކުންވެސް އިންސާފު ހޯއްދަވައި ދެއްވާނެކަމަށް ވެވަޑައިގެންނެވި ވައުދުތަކަށް ވީގޮތަށް ފަނުފުލުންތޯއެވެ؟ ޤައުމެއްގެ ހަޔާތުގައި ހިންގޭ ބޮޑެތި ޖަރީމާތަކަށް އިންސާފު ނުހޯދޭހާ ހިނދަކު އެޤަުމުތަކަށް ހަޤީގީ ޑިމޮކްރެސީއެއް ނާންނާނެއެވެ. ބޮޑެތި ޖަރީމާތަކަށް އިންސާފު ހޯދައިނުދީ ފާއިތުވާ ކޮންމެ ދުވަހަކީ އެހެން ވެރީންނަށްވެސް ޖަރީމާ ހިންގުމަށް ދެވޭ ހިތްވަރެކެވެ. ކޮންމެ ވެރިއަކުވެސް އައިސް ހިތުހުރި ގޮތަކަށް ވެރިކަން ކޮށްފަ ދާންވީއެވެ. ކިތައްމެ ބަޔަކަށް އަނިޔާ ދިނަސް، ކިތައްމެ ބަޔަކު ނުހައްގުން ޖަލަށް ލިޔަސް، ކިތައްމެ ފައިސާއެއް ވަގަށް ނެގިއަސް، ސުޕްރީމް ކޯޓާއި މަޖުލިސް ފަދަ ހުރުމަތްތެރިވެގެންވާ މުއައްސަސާތައް ތަޅުއަޅުވައި ހިސޯރު ކުރިއަސް ކުރެވޭ ކަމެއް ނޯވެއެވެ. ހޯދައިދެވޭ އިންސާފެއް ނޯވެއެވެ.
ވަގުންނާއި، ކުށްވެރީންނާއި، އަނިޔާވެރީންނާއި، މާފިއާ މީހުން އައިސް ސިޔާސީ ޕާރޓީ ހަދައި ޤައުމުގެ މުސްތަގްބަލް ގަނެލަން ނިކުތީމަ ރައްޔިތުންނަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ފައިސާ ހުރީ މިދެންނެވި އަނިޔާވެރީންނާއި މާފިޔާ މީހުން އަތުގައެވެ. ރައްޔިތުން ވަރަށް ނިކަމެއްޗެވެ. މިފަދަ ބޭއިންސާފު ހުއްޓުވޭނީ ސަރުކާރަށެވެ. ސަރުކާރުން ފާރަވެރިވެ، ދުރާލައި މިފަދަ ކަންކަން ނުހުއްޓުވައި ތިބުމަކީ ފަހުން އެފަދަ ކަންކަން ހުއްޓުވަން އުނދަގޫވާނެ ކަމެކެވެ.
މިނިކާ ވަގު ކާނެވަރަކަށް ކައިގެން، ގައިގަ ވަރު ޖައްސާނެ ވަރަކަށް ވަރު ޖައްސަންދެން ބަލަން ތިބުމަކީ ސަރުކާރުން ކުރާނެ މޮޔަ ކަމެކެވެ. އިންސާފަކީ ރައްޔިތުންގެ ހައްގެކެވެ. ވަކި ބައެއްގެ ސިޔާސީ މަސްލަހަތަށްވުރެ ރައްޔިތުންގެ ހައްގު އިސްވާނެއެވެ. ވީމާ ދިވެހި ރައްޔިތުނގެ ގެއްލިފައިވާ ބޮޑެތި ހުރިހާ ހައްގުތައް ހޯދައިދީ، ހިނގާފައިވާ ބޮޑެތި ބޭއިންސާފަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ މިވަގުތުގެ އެންމެ ބޮޑު އެއް ވާޖިބެވެ. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މިފަދަ އިންސާފު ހޯދައިދޭން ޖެހެއެވެ. ވަގުތު ފާއިތު ނުވަނީހެވެ.
Facebook Comments