ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މާލޭ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ އަށް އަވަސް ހައްލެއް ހޯދަން ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. ތިލަފުއްޓަށް، ވިޔަފާރި ބަނދަރު ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް އެ މަޝްވަރާގެ ތެރެއިން ކަނޑައެޅޭނެ ކަމަށް ވިދާޅުވި އެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ކަމެކެވެ. އެކަމަކު މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އިރު މިހާރުން މިހާރަށް ވެސް ޖާގައިގެ ދަތިކަމަށް ހައްލު ހޯދަން ކުރެވޭނެ ކަންތައްތައް ބަލައި އެ ބަދަލުތައް ގެންނާނެ އެވެ.
“ވަގުތީ ގޮތުން ބަނދަރުގެ މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ހަލާކުވެފައިވާ އިކުއިޕްމެންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މީގެ އިތުރުން ބަނދަރުގެ މެކްސިމަމް ސްޕޭސް ބޭނުން ކުރެވޭނެ ގޮތައް ރީއެޖޭންޖް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން،” އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ބަނދަރުން ހުސްކުރާ ކޮންޓެއިނާތައް ބެހެއްޓުމަށްޓަކައި ހުޅުމާލޭގައި ހެދިފައިވާ ޖާގަ ވެސް އިތުރަށް ބޮޑު ކުރުމުގެ ގޮތުން އިތުރު ޔާޑެއް ތައްޔާރު ކުރަމުން އެބަދާ ކަމަށެވެ.
އެމްޕީއެލް އިން ބުނިގޮތުގައި ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ބަނދަރުން މުދާ ނުނެރެވި، ގިނަ ވަގުތު ނަގާތީ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.
Facebook Comments