ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އެމް.ޑީ.ޕީ ގެ ވެރިކަމުގައި، ޖުޑިޝަލް ސާރވިސަސް ކޮމިޝަންގެ މެމްބަރު ކަން ކުރައްވާފައިވާ އައިޝަތް ވެލެޒިނީ، ރާއްޖޭން ބޭރުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ﷲ އަށާއި ރަސޫލުﷲ އަށް ފުރައްސާރަކޮށް، މަލާމާތްކޮށް، ނުވީތާކަށް ތިމަންނާއަކީ ރަސޫލެއް ކަމަށް ބުނެ ރަސޫލު ކަމަށް ދައުވާކޮށް ހަދާތާ އަހަރުތަކެއް ވެއްޖެ އެވެ. ވެލެޒިނީގެ މިއަމަލުތަކާ ގުޅިގެން އޭނާ އަކީ މުރުތައްދުވެ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ ނިންމާފައެވެ. އަދި އެމައްސަލާގައި އޭނާގެ ބަހެއް ހޯދުމަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވިއަސް ވެލެޒިނީ އަމިއްލައަށް އަރުވާލެވިގެން ޔޫރަޕްގެ ޤައުމެއްގައި އުޅެމުން ދިއުމާއެކު އޭނާގެ މައްސަލަ ފުލުހުންނަށް ތަހްޤީގް ކުރެވިފައި ނުވެއެވެ.
މިހެން މިކަން އޮއްވާ މި ނޮވެމްބަރު މަހު ވެލެޒިނީ ވަނީ އެކަނި ދަތުރުކޮށް ޔޫރަޕުން ރާއްޖެ އައިސްފައެވެ. އައުމާއެކު ދިވެހިންގެ އެތައް ބަޔަކު ވެލެޒިނީ މުރުތައްދުވެފައިވާ މައްސަލަ ތަހްގީގް ކުރުމަށް ގޮވާލަމުން ދަނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. އެއާއެކު ސޯޝަލް މީޑިއާގައި ދިވެހީންގެ ގިނަ ބަޔަކު ވެލެޒިނީ އަކީ ނަފްސާނީ ބަލި ޖެހި، ދުނިޔޭން މޮޔަވެފައިވާ މީހެއް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ހަރު އަޑުން ގޮވަން ފެށިއެވެ. އެގޮތަށް ފުލުހުންނަށް ގޮވާލި ފަރާތްތަކުގެ ތެރޭގައި އީވާ އަބްދުﷲ ފަދަ މަޖުލިސް މެމްބަރުންނާއި ގާނޫނު ހަދާ މަޖުލީހުގައި މީގެ ކުރިން މެމްބަރުކަން ކުރައްވާފައިވާ މަންދު އިބްރާހިމް އިސްމާއިލް ފަދަ ބޭފުޅުން ހިމެނެއެވެ. ވެލެޒިނީ އަކީ ދުނިޔޭން މޮޔަވެފައިވާ މީހެއްކަމުގެ އެއްވެސް ހެއްކެއް މިއިން އެއްވެސް ބޭފުޅަކު ނުދައްކަވައެވެ. އެކަކު އެހެން ބުނުމުން އެންމެން އެހެން ކިޔައިގެން ވެލެޒިނީގެ ދިފާއުގައި ނިކުތީ އެވެ.
މާތް ﷲ އިންސާނެއްގެ މައްޗަށް ތަކްލީފް އުފުލަން ވާޖިބް ކުރައްވަނީ އެމީހަކީ ބުއްދި ސަލާމަތުން ހުރި މީހެއް ނަމައެވެ. ނަމަވެސް ނަފްސާނީ ބަލި ޖެހިފައިވާ ކޮންމެ މީހަކީ ދުނިޔޭން މޮޔަވެ، ބުއްދި ފިލައި ގޮސްފައިވާ މީހެއްކަމަކަށް ނުބެލެވޭނެއެވެ. ޔޫރަޕްގެ ޤައުމެއްގައި އެކަނިމާއެކަނި އެތައް އަހަރަކު އުޅެ، ފޭސްބުކާއި ޓްވިޓަރ ފަދަ ސޯޝަލްމީޑިއާގެ ވަސީލްތައް ބަރާބަރަށް ބޭނުން ކުރަން އެގި، ޔޫރަޕުގެ ޤައުމަކުން ފުރައިގެން އެކަނި ރާއްޖެއަށް ދަތުރުކޮށް ހެދޭފަދަ މީހަކީ ދުނިޔޭން މޮޔަވެ ބުއްދިފިލައި ގޮސްފައިވާ މީހެއް ކަމަށް ޤަބޫލް ކުރަން ހަމަ ގައިމުވެސް އަޅުގަނޑަށް ދައްޗެވެ. ނަމަވެސް އެކަން ނިންމާނީ ނަފްސާނީ ބަލީގެ ޑޮކްޓަރުން ނުވަތަ ސައިކެޓްރިސްޓުންނެވެ. އާއްމުންގެ ގިނަ ބައެއްގެ ޕްރެޝަރަށް ދީލާލައި، ފުލުހުން ވެލަޒިނީ ދޫކޮށް، އޭނާގެ އާއިލާއާ ހަވާލު ކުރުމުން އޭނާ މިހާރު ވަނީ އައި.ޖީ.އެމް.އެޗް ގައި އެޑްމިޓް ކޮށް “ފަރުވާ” ދޭން ފަށާފައި ކަމަށް މީޑިއާގައި ރިޕޯރޓް ކޮށްފައި ވެއެވެ. ސައިކެޓްރިސްޓުންގެ އިވެލުއޭޝަނަށް ފަހު ވެލެޒިނީ އަކީ ދުނިޔޭން މޮޔަވެ ބުއްދި ފިލާފައިވާ މީހެއްކަމަށް ނިންމައިފިނަމަ، ރާއްޖޭގެ ޤާނޫނުގެ ދަށުން އޭނަ ހައްޔަރެއް ނުކުރެވޭނެއެވެ. އަދި ފުލުހުން އެފަދަ ކަމެއް ނުވެސް ކުރާނެ އެވެ. ނަމަވެސް ސައިކެޓްރިސްޓެއްގެ މިފަދަ އެއްވެސް ލިއުމެއް އޮތްކަން ނުވަތަ ނެއްކަން ވެސް ނޭގި އޭނައަކީ މޮޔައެއް ކަމަށް ބުނެ އޭނަ ހިންގި ނުބައި ޖަރީމާ ނުސީދާކޮށް ދިފާއުކޮށް ވާހަކަ ދެއްކުމަކީ ބިރުވެރި ކަމެކެވެ. އެއީ ނުސީދާކޮށް ﷲ އާއި އެކަލާންގެ ރަސޫލާ އާއި އެކަލާންގެ ދީނަށް ތިމާ އަމިއްލައަށް ފުރައްސާރަ ކުރުން ކަމުގައިވެސް ވެދާނެއެވެ.
ހިތާމައަކީ، ﷲ އަށާއި އެކަލާންގެ ރަސޫލާ އަށާއި އެކަލާންގެ ދީނަށް ވެލެޒިނީ ފުރައްސާރަ ކުރި ކުރުން ދިފާއު ކޮށް، ހަމައެފަދަ ވިސްނުން ގެންގުޅޭ، ހަމަބުއްދި ލިބިފައިވާ ބައިވަރު ޒުވާނުންނާއި ދުވަސްވީ މީހުން ދިވެހީންގެ ތެރެއިން މިހާރު ގިނައިން ފެންނަމުން ދާތީއެވެ. ސޯޝަލް މީޑިއާގައި މިފަދަ ލިއުންތައް ބައިވަރެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މިހާރު މިއޮތީ ހަމައެކަނި ފޮތެއްގައި ލިޔެވިފައިވާ ބަހެއްގެ މައްޗަށެވެ. ހަޤީގަތަކީ ދީން ޤަބޫލު ނުކުރުމުގެ އިތުރުން އެދީނަށް މަލާމާތް ކޮށް، ﷲ އަށާއި ރަސޫލާ އަށް މަލާމާތްކޮށް ބަދުބަސް ބުނާ ދިވެހީން ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ މަންޒަރު ފެންނަ ކަމެވެ. މިމައްސަލައިގެ ހައްލަކީ ހަމައެކަނި ވެލެޒިނީ ހައްޔަރުކުރުމެއްވެސް ނޫނެވެ. މައްސަލަ އުފެދިފައިވަނީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިންނާއި، އެއްވެސް ހިފެހެއްޓުމެއް ސެންސަރެއް ނެތި ހުޅުވާލެވިފައިވާ އިންޓާނެޓުގެ ތެރެއިންނާއި، އާއިލާތައް ރޫޅި ދަރިން ރަނގަޅަށް ތަރުބިއްޔަތު ނުވުން ފަދަ ކަންކަމުގެ ތެރެއިން ނެވެ. މިފަދަ މައްސަލަތައް ފާހަގަ ކޮށް އެކަންކަން ހައްލުކުރެވޭފަދަ ޤާނޫނުތަކާއި ޤަވާއިދުތައް ވުޖޫދު ކުރެވި، އާއިލާތައް ރޫޅުން މަދުކުރުމަަށް ފިޔަވަޅު އަޅައި ގެދޮރުގެ މައްސަލަ ހައްލު ކޮށް، މާލޭގެ ތޮއްޖެހުން ކުޑަކޮށް ލާމަރިކަޒީ އުސޫލް ވަރުގަދަ ކޮށް، މުޅި ޤައުމުގެ ހުރިހާ ނިޒާމެއް އޯވަރހޯލް ކޮށްގެން މެނުވީ ރާއްޖޭގައި އުފެދިފައިވާ ދީނީ، އިޖްތިމާއީ މައްސަލަތައް ހައްލެއް ނުވާނެއެވެ.
މާތް ﷲ އަށާއި އެކަލާންގެ ރަސޫލާ އަށް މަލާމާތް ކޮށް، ރަސޫލްކަމަށް ދައުވާކުރި މީހަކު މިހާރު ދިވެހި ފަސްގަނޑުގައި އެހެރީ އެވެ. ދިވެހީންގެ އެތައް ބައެއްގެ ލޯބި ލިބިގެންނެވެ. އޭނައަކީ ބުއްދިފިލާގޮސްފައިވާ މީހެއްކަން އަދި ސާބިތުވެސް ނުވަނީސް، އެއީ އުޒުރެއް ކަމަށް ދެކި އޭނަގެ ދިފާއުގައި ދިވެހިރާއްޖޭގެ މަޖުލިސްގެ އެތައް މެމްބަރުންނަކާއި ހަރު އެތައް ބަޔަކާއި އެތައް ޒުވާނުންނެއް އެވަނީ ނިކުމެފައެވެ. އެކަމާ ކިރިޔާވެސް ހިޔާލް ތަފާތުވާ މީހެއްނަމަ ޝޯޝަލް މީޑިއާގައި އެމީހަކު އެންގަލަށް ނަގައި އަބުރު ކަތިލައި ފުރައްސާރަ ކުރެވެމުން އެހެރަގެން ދަނީއެވެ. ހިތާމަ އަކީ މިހުރިހާ ކަމެއް ހިގަމުން ދާއިރު އެއްކަލަ “ތްރީ މަސްކެޓިއާރސް” ކޮބައިތޯއެވެ؟ ނޫން، ތްރީ މަސްކެޓިއާރސް އެއް ނޫނެވެ! ސިޔާސީ ހަތަރު ލީޑަރުން ކޮބައިތޯއެވެ؟ އެ ހަތަރު ބޭފުޅުންގެ ތެރޭގައި އަރަބި އިސްލާމީ ތައުލީމުން މަތީ ފާސް ނަންގަވައިގެން ތިއްބެވި ދެ ޝައިހުން ކަމުގައިވާ ޝައިހް އިމްރާނާއި އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ވެސް ހިމެނި ވަޑައިގަންނަވައެވެ. އަދި އަބަދުވެސް “ދީނާއި ޤައުމުގެ ދިފާއުގައި” މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވާ ޤާސިމް އިބްރާހިމާއި ރައީސް ނަޝީދުވެސް އެ 4 ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވައެވެ. މި 4 ބޭފުޅުން ވެސް ވެލެޒިނީގެ ބަހުސް މިހާ ފުޅާވެގެން ދިޔަ އިރުވެސް ޗުއްޕުވެސް “ޓްވީޓް” ނުކުރައްވަ އެވެ. ދީނާއި، ﷲ އާއި، ﷲ ގެ ރަސޫލާގެ މަސްލަހަތަށް ވުރެ ޤައުމުގެ މަސްލަހަތު އިސްވީތޯއެވެ؟
މިދެންނެވި 4 ލީޑަރުން ނިސްބަތްވާ ހަތަރު ޕާރޓީގެ ބައެއް އިސް ބޭފުޅުންގެ ތެރެއިން މިމައްސަލާގައި އެއްޗެއް ވިދާޅުވި ގިނަ ބޭފުޅުންވެސް ނުސީދާ ކޮށް ނަމަވެސް ނަންގަވާފައިވަނީ ވެލެޒީނީގެ ކޮޅެވެ. މިއީވާ ވަރުގަދަ ޤައުމެކެވެ. ދީނާއި، ﷲއާއ،ި ﷲ ގެ ރަސޫލާގެ މަސްލަހަތަށް ވުރެ މިޤައުމުގެ މަސްލަހަތު އިސްވާނީ މީކޮންފަދަ ވަރުގަދަ ޤައުމަކަށް ވީމަތާއެވެ! ވެލެޒިނީ ބަންދު ކުރިއަސް ފަރުވާދިނަސް އަދި ކޮންމެ އެއްޗެއް ވިއަސް، ރާއްޖޭގެ ޤާނޫނާއި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އެކަން ކުރިއަށް ދާނަމަ އަޅުގަނޑުގެ މައްސަލައެއް ނެތެވެ. މި ލިއުން ލިއުމުގެ މައިގަނޑު މަގްސަދަކީ ވެސް މިތާގައި ވެލެޒިނީގެ ވާހަކަަ ލިއުމަށްވުރެ ބޮޑަށް މިޤައުމުގެ ސިޔާސީ މީހުންގެ މުނާފިގް ކަން ފާހަގަ ކުރުމެވެ. ތިމާމެންގެ ސިޔާސީ ކުރިމަގަށް ކުޑަނަމަވެސް ތިއްކެއް ބުރާފާނެތީ ރަޖާލައިގެން ތިބެ ދެގޮތަށްވެސް މާނަވާފަދަ ބަހެއް ބުނެލާފައި ފިލާ ތިބެނީ އެވެ. ކާކުދެކެ ބިރުން ތޯއެވެ؟ ރައްޔިތުންގެ ތެރެއިން ލާދީނީ މީހުންދެކެ ބިރުން ތޯއެވެ؟ ވޯޓުލާ މީހުންގެ ވޯޓު ނުލިބިދާނެތީ އެމީހުން ދެކެ ބިރުން ތޯއެވެ؟ ﷲ އާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަ ކުރެވުނު އިރު ހައްގު ބަސް ނުބުނެ ހުރީ ކީއްވެގެންތޯ މަހުޝަރުގައި ސުވާލު ކުރެވިއްޖެ ނަމަ ޤައުމުގެ މަސްލަހަތުގައޭ ބުނެ ފަރުޖައްސާލެވޭނެ ތޯއެވެ؟
މިދާ ރޭޓުގައި، މިދާ މިސްރާބަށް މިޤައުމު ދާނާމަ މަދު އަހަރު ތަކެއް ތެރޭ މިޤައުމުގެ މަޖުލީހުގައިވެސް ގިނަ ވާނީ ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރާ ނުވަތަ އެފަދަ އަމަލުތައް ދިފާއު ކުރާ މީހުންނެވެ. އެދުވަހަކުން މިޤައުމުގައި އެހެން ދީނަތައް ހުއްދަ ކުރެވިގެން ދިއުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ވެލެޒިނީގެ ޑްރާމާ އަކީ އެމަގު ކޮށުމަށް ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމަކަށް ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ރައްޔިތުން އެބަޔަކަށް އިތުބާރު ކޮށް އެބަޔަކާ މިހާރު ޤައުމު ހަވާލުކޮށްގެން ތިބި ހަތަރު ސިޔާސީ ލީޑަރުންނާއި އިންތިހާބީ ރައީސް މިކަމުގައި އެއްޗެއް ވިދާޅު ނުވުމަކީ ރައްޔިތުންނާއި، ޤައުމާއ،ި ދީނުގެ ހައްގުގައި ވެވޭ ހިޔާނާތެއްގެ ގޮތުގައި ނޫނީ ހަމަ ގައިމުވެސް އަޅުގަނޑު މާނައެއް ނުކުރާނަމެވެ. އެއީ އެންމެ ބޮޑު ހިޔާނާތެވެ!
Facebook Comments