web analytics
ރިޕޯޓް

މައްސަލަ ހައްލުކުރަން ޖެހޭނެ، އެކަމަކު އިގްތިސާދު ހުއްޓިގެން ނުވާނެ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކޮންސްޓްރަކްޝަން ސައިޓެއްގައި ހިނގާދިޔަ ހިތާމަވެރި ހާދިސާ އަށް ފަހު އަނެއްކާ ވެސް މިވަނީ “ބްލޭމް ގޭމް” ފެށިފަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ވަނީ ދިއްކުރަން ފަށައިފަ އެވެ.

 

ސިޓީ ކައުންސިލުން ބުނަނީ މިއީ ކޮންޓްރެކްޓަރުންގެ މައްސަލައެއް ކަމަށެވެ. މަސީން ބުނަނީ އެ މީހުންގެ މަސައްކަތްތައް ހުއްޓާލައިފި ނަމަ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށެވެ. އާންމުންގެ ހިޔާލުތައް ވެސް ހުރީ ތަފާތު ކޮށެވެ. އެއް ބަޔަކު ބުނަނީ ކަމާ ގުޅޭ އިދާރާތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި މޮނިޓަ ނުކުރެވޭ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށާއި ބަލަންޖެހޭ އެންމެ ފުރިހަމައަށް ނުބަލާ ކަމަށެވެ!

ސިމެންތި ބަސްތާއް ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން އަށް އަހަރުގެ ކުޑަކުއްޖާ ޕޭވްމަންޓު މަތިން ހިނގާފައި ދަނީ

ކޮންމެ ބަޔަކު ވެސް މިދައްކަނީ އޭގެ ޒާތުގައި ރަނގަޅު ވާހަކަތަކެވެ. އެއް ކަމަކީ، އާންމުންގެ ރައްކާތެރިކަން ކަށަވަރު ވާނެ ޖެހޭ ކަމެވެ. އެއްވެސް ހާލަތެއްގައި، އެއްވެސް މަސައްކަތެއްގައި ރައްޔިތުންގެ ފުރާނަ ގުރުބާން ކުރަން ޖެހޭ ވަރު ވެގެން ނުވާނެ އެވެ. އިގްތިސާދީ ކިތަންމެ ބޮޑު މަސައްކަތަކަށް ވިޔަސް، އެކަން އޮންނަން ވާނީ ގާނޫނީ އިމުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފަ އެވެ.

މިއީ ކުއްލިއަކަށް ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިއީ މިފަދަ ހާދިސާއެއް ހިނގާދިޔަ މިއީ ފުރަތަމަ ފަރަހެއް ވެސް ނޫނެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ އިމާރާތަކުން ބުރުމާ ކައްޓެއް ވެއްޓި 16 އަހަރު ކުއްޖެއްގެ ބޮލަށް ހެރުމުގެ ހާދިސާއެއް 2015 ވަނަ އަހަރުގައި ހިނގާފައިވެ އެވެ. ހަމަ އެ އަހަރު ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި މަރުވެފައިވާ އިރު ލިފްޓް ގޮޅި ނުބައްދާ ހުރި ގެއެއްގެ ލިފްޓް ގޮޅީގެ ތެރެއަށް ހަތް މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މާމަ ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއެއް ވެސް ހިމެނެ އެވެ. ގިނަ ބަޔަކު މިހާރު ހަނދާން ނެތަސް، ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ ރައްކާތެރި މާހައުލެއްގައެއް ނޫނެވެ. އެ ވާހަކަ އެ ވަގުތު ދައްކާލުމަށް ފަހު، ދެން ފެންނާނީ އިހު އޮތް ގޮތަށެވެ! އިމާރާތް ކުރުމުގައި ސަލާމަތީ ފިޔަވަޅު ނޭޅުމުގެ މައްސަލައަކީ ބާވެ، ހައްލެއް ނުލިބި އޮތް މައްސަލައެކެވެ.

އާދިއްތަ ދުވަހު ހިނގި ހާދިސާގައި ސިމެންތި ކޮތަޅެއް ވެއްޓި ޒަހަމްވި ބަންގްލަދޭޝް އަށް އުފަން ރަވްޝަން ޖިއާންގެ މަރާއެކު މި ވަގުތަކީ މި މައްސަލަ ބެލުމަށް އެންމެ ރަނގަޅު ވެސް އެއް ވަގުތެވެ. އިމާރާތް ކުރުމުގެ ގާނޫނާ ހިލާފުވާ ފަރާތްތައް ބަލާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންވީ އެވެ. އަދި މިހާރަށް ވުރެ ބޮޑަށް، މި ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުން ވެސް ގާނޫނުތަކަށް ހޭލުންތެރި ކުރަންވީ އެވެ.

އިމާރާތުން ސިމެންތި ބަސްތާއެއް ވެއްޓި ޖިއާން ނިޔާވި މައްސަލައާ ގުޅިގެން އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 14 ގަވައިދެއް ނަހަދާ ކަމަށް ބުނެ އެ ގަވައިދުތައް ހެދެން ދެން އިމާރާތް ކުރުމުގެ މަސައްކަތްތައް ހުއްޓުވާލުމުގެ ވަގުތީ އަމުރަކަށް އެދި ގާނޫނީ ވަކީލުންތަކެއް ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމުގައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަ މުހައްމަދު ވިޝާމް ވިދާޅުވީ، މާލޭގައި އާންމުގޮތެއްގައި އިމާރާތް ކުރާ ތަންތަނަކީ އެ އިމާރާތެއްގެ ވެރިޔާ ލޯނު ނަގައިގެ މަސައްކަތް ކުރާ ތަންތަން ކަމަށާއި އެފަދަ ގޮތަކަށް މަސައްކަތް ހުއްޓުވައިފި ނަމަ އެ ފަރާތްތަކަށް ވެސް ގެއްލުންތަކާ ކުރިމަތިވާނެ ކަމަށެވެ.

“އިމާރާތްތައް ކުރުމުގައި ބޮޑު ޕަސެންޓެއް އުޅޭނީ ގޭގެ ވެރި ފަރާތް އަމިއްލަ އަށް ލޯނު ނަގައިގެން އުޅޭ މީހުން. އަޅުގަނޑުމެންގެ އިތުރުން އެ ބޭފުޅުންނަށް ވެސް ގެއްލުން ބޮޑު ގެއްލުމެއް ވާނެ،” އޭނާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ކުންފުނި ބެޗްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ކޮސްޓްރަކްޝަން ހުރިހާ މަސައްކަތްތަކެއް ހުއްޓާލުމަށް އެދޭނީ ތަންދޮރު ދަންނަ ބައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިފަދަ ކަމެއް ކޮށްފި ނަމަ މުޅި ގައުމަށް “ޑިޒާސްޓާ”އެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑަށް ދިމާވާނެ ދަތިތައް ކިޔާއިދޭކަށް ވެސް ނޭނގޭ. ބެޗުން ރެސިޑެންޝިއަލް މަސައްކަތްތައް ކުރަނީ. އާންމު ފަރާތްތަކުން ލޯންގް ޓާމުކޮށް ނަގާފައި ލޯނުތަކުގައި މަސައްކަތް ކުރަނީ.”

ސައީދު ވިދާޅުވީ، މިހާރު ވެސް އެ ކުންފުނިން، ހުޅުމާލޭގައި އެޕާޓްމެންޓް ކޮމްޕްލެކްސެއް އަޅަމުންދަނީ އާންމު 70 މީހަކު ނަގާފައިވާ ލޯނުން ކަމަށެވެ. އެ މަސައްކަތް ހުއްޓުވައިފި ނަމަ އެ 70 އާއިލާގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާތަކަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ އިމާރާތެއް

އިމާރާތް ކުރުމުގެ ދާއިރާއަކީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ ބާރަށް ކުރިއަރާފައިވާ ދާއިރާ އެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ 2014 ވަނަ އަހަރު 28.5 ޕަސެންޓް ކުރިއަރާފައިވެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު 27.2 ޕަސެންޓަށް އަދި 2016 ވަނަ އަހަރު 10.1 ޕަސެންޓުން ކުރިއަރާފައިވެ އެވެ. އަދި 2017 ވަނަ އަހަރު 10.2 ޕަސެންޓުން ވަނީ ކުރިއަރައިފަ އެވެ. މި ހިނގާ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން 18.4 ޕަސެންޓް އިތުރުވެފައިވެ އެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އޮންނަ މިފަދަ ދާއިރާއެއްގެ މަސައްކަތް އެންމެ ދުވަހަކަށް ހުއްޓާލި ނަމަވެސް އޭގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް މުޅި އިގްތިސާދަށް ކުރާނެ ކަން ޔަގީނެވެ. ހަމައެހެންމެ، އޭގެ ސަބަބުން އާންމު ދިރިއުޅުމަށާއި މުދަލުގެ އަގުތަކަށް ވެސް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، މިވަރުގެ އިންޑަސްޓްރީއަކާ “ކުޅެލާ” އިރު ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ.

މިހާ ހަލުވި ދުވެއްޔެއްގައި އިމާރާތް ކުރުމުގެ ދާއިރާ ކުރިއަށްދާއިރު އެ މަސައްކަތް ކުރާ ފަރާތްތަކުގެ ހުރިހާ މަސައްކަތަކީ ވަކި ޓައިމްލައިނަކަށް ބެހިގެން ކުރިއަށްދާ މަސައްކަތެކެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބައެއްގެ މުސާރަ އާއި އިކުއިޕްމެންޓާއި މެޓީރިއަލްގެ ހަރަދުތައް ހިނގާއިރު އެންމެ ދުވަހަކަށް މަސައްކަތް ނުކޮށް ތިބެން ޖެހިއްޖެ ނަމަވެސް ކުންފުނިތަކަށް ލިބޭނީ ބޮޑު ގެއްލުމެވެ. އަދި އެގޮތަށް ހުރިހާ ކުންފުނިތަކަކުން ކުރަމުންދާ މަސައްކަތް ހުއްޓާލައިފި ނަމަ އެ ހަރަދު އެތައް ގުނައެއް އަރައިގެންދާނެ އެވެ. މިއާ އެކީ މުޅި އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ އެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ ސައިޓެއްގެ ހާލަތު

އިމާރާތްކުރުމުގެ ދާއިރާގައި ރަނގަޅަށް މަސައްކަތް ކުރާ މީހުން ވެސް އެބަ ތިއްބެވެ. އެ ފަރާތްތަކުގެ ވެސް ހައްގުތަކެއްވާނެ އެވެ. އެހެން ކަމުން ފިޔަވަޅެއް އެޅުމުގައި ހުރިހާ ފަރާތްތަކެއްގެ މަސްލަހަތަށް ވިސްނަންޖެހެ އެވެ.

އިމާރާތްތަކުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހެ އެވެ. ނޭޅުމަކީ އެ ފަރާތުން ޒިންމާ ނަގަންޖެހޭ މައްސަލަ އެވެ. އެއާ އެކު އާންމުން ވެސް ބޯޑުތައް ޖަހާފައި ހުންނަ އިރު އެފަދަ ނިޝަންތަކަށް ތަބާވާން ޖެހެ އެވެ. އެ ނިޝާންތަކަކީ ސީރިއަސް އެއްޗެއްގެ ގޮތުގައި ބަލާ، އެފަދަ ތަންތަނުން ދިއުން ހުއްޓާލަންޖެހެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރުން އަޅާ ފިޔަވަޅުތައް ވާންޖެހޭނީ ލޯންގްޓާމް ފިޔަވަޅުތަކަކަށެވެ. މި އިސްލާހުތަކަކީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރު އިސްލާހު ކުރަންޖެހޭ ކަންކަމަށް ވެގެން ނުވާނެ އެވެ. މި ދާއިރާގައި މައްސަލަތައް ހުރިކަން އެނގޭއިރު އެ މައްސަލަތައް ދިރާސާ ކުރެވެންޖެހެ އެވެ. އަދި އަވަސް ހައްލުތަކެއް ގެންނަންޖެހޭ ކަންކަމާއި މުޅި ދާއިރާ ހަރުދަނާ ކުރުމަށް އިތުރަށް ކުރެވޭނެ ކަންކަން ދެނެގަންނަންޖެހެ އެވެ. މި ދާއިރާ ހުއްޓުމަކަށް ގެނެސްގެން ވެސް މި މައްސަލައެއް ހައްލެއް ނުކުރެވޭނެ އެވެ. ކަމެއް ދިމާވުމުން “ރިއެކްޓިވް” ވުމުގެ ބަދަލުގައި “ޕްރިވެންޓިވް” ވާން ދަސްކުރަންޖެހެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މީހުން ފާޑުކިޔާނެއެވެ. ކެރިގެން ކުރިމަތިލާށެވެ!

ސުވާދީބު

ސުނާމީގައި އެހީތެރިޔަކަށް، މިހާރު ވެރިޔަކަށް!

ސުވާދީބު

ތަރައްގީގެ ނަމުގައި އިވޭއަޑުތަކާއި ފެންނަ މަންޒަރުތަކުގެ ހަފަރާތް!

ސުވާދީބު
Share