web analytics
ޙަބަރު

މަދަޙަ ކިޔުމުގެ ރޮނގުން އައްޑޫން އުފެދެމުން އަންނަ ރަންއަޑުތަކެއް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކޮންމެ ރަމަޟާން މަހަކަށް ޚާއްޞަކޮށްގެން އައްޑޫގައި ކުރިއަށް ގެންދާ މަދަޙަ މުބާރާތުން މޮޅު، ހުނަރުވެރި މަދަޙަ ކިޔުންތެރިންނެއް ކޮންމެ އަހަރަކުވެސް ދަނީ ފެންނަމުންނެވެ. އަޑާއި މަޚުރަޖާއި އަދި މަދަޙަ ކިޔުމުގެ ފަންނުގައި މޮޅު ކުޅަދާނަ ކުދިންނެވެ. އެކުދިންގެ މަދަހަތައް އަޑުއަހާލުމުން ގައިންހީބިހި ނަގައިގެންދާ ވަރުވެއެވެ. ބެލެނިވެރިންގެ ފުރިހަމަ އިރުޝާދުގެ ދަށުން މި ކުދިން މުބާރާތަށް ތައްޔާރުވެ ކާމިޔާބު ހޯދަމުން އަންނަ އިރު ކޮންމެ އަހަރެއްގެ ވެސް އެންމެ މޮޅު ބައިވެރިންނަށް އަގުބޮޑު އިނާމު ހޯދައިދެވޭތޯ ހެޔޮއެދޭ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔައަހަރުގެ މުބާރާތުގައި ވެސް ޢުމުރާ ދަތުރުގެ އިނާމާއި ޗައިނާ ވިންޓަރ ކޭމްޕާއި އަދި މެލޭޝިއާ ސްޓަޑީ ޓުއާފަދަ އިނާމުތައް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ 5 ބައިވެރިންނަށް އީކުއޭޓަރ ވިލެޖްގައި އެއްދުވަސް ހޭދަކުރުމުގެ ފުރުސަތުވެސް ލިބިގެން ދިޔައެވެ

މިދިޔަ އަހަރުގެ މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ސ. ހިތަދޫ އަސްރުމާގޭ ނައުޝާ ނިސްތާރު އެވެ. ހިތަދޫ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ނައުޝާގެ އަޑު ނުހަނު ރީއްޗެވެ. މުބާރާތުގައި ނައުޝާ މަދަޙަ ހުށަހަޅަމުން ދިޔަ އިރު މުޅި އޯޑިއަންސް އެކީގައި އޮތީ ހަމަހިމޭންވެފައެވެ. އަޑުއަހަން ތިބި އެންމެން ތިބީ ނައުޝާގެ ކުޅަދާނަކަން ފެނި އަޖައިބުވެފައެވެ. އޮމާން ރީތި އަޑަކުން ފުރިހަމަ މަޚުރަޖާއެކު ނައުޝާ ހުށަހަޅަމުން ދިޔަ އުނދަގޫ މަދަޙަ ކިޔާލާގޮތް އެންމެން ފާހަގަކުރިއެވެ.

“މިއީ ހަމަ މަންމަގެ ހިތްވަރު. މިހާރީތިކޮށް މަދަޙަ ކިޔަން ދަސްކޮށްދެނީ މަންމަ. ނައުޝާ އެއްވެސް ތަނަކަށް މަދަޙަ ދަސްކުރާކަށް ނުދަން. ގޭގައި މަންމަ ބުނާ ގޮތަށް މަދަޙަ ކިޔައި ދަސްކޮށްގެން މުބާރާތުގައި ބައިވެރިވަނީ” ނައުޝާ ކިޔައިދިނެވެ.
ސްކޫލުގައި ވެސް މުބާރާތްތަކުގައި ބައިވެރިވަމުން އަންނަ ނައުޝާގެ އެންމެ ބޮޑު ކާމިޔާބީ އަކީ މަދަޙަ މުބާރާތުން ލިބުނު ކާމިޔާބީއެވެ. އެއާއެކު މިދިޔަފަހަރުގެ ސްކޫލް މަދަޙަ މުބާރާތުގައި ވެސް ނައުޝާއަކީ ސީނިއާ އޭޖްގުރޫޕުން އެއްވަނައެވެ.

“ހީއެއް ނުކުރަން މުޅި މުބާރާތުގެ އެއްވަނަ ލިބިދާނެއެކޭ. އެކަމަކު މަދަޙަ ހުށަހަޅާ ދެވުނުގޮތް ރަނގަޅުވީމާ އެނގޭ ގަދަ ފަހެއްގައި ހިމެނިދާނެކަން. މަންމަވެސް ބުނީ އެގޮތަށް. އެއްވަނަ އޭ ބުނުމުން ހަމަ ހުއްޓުން އެރީ” ނައުޝާ ކިޔައިދިނެވެ.
ނައުޝާގެ މި ފަޚުރުވެރި ކާމިޔާބީ އާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވިންޓަރ ކޭމްޕްގައި ބައިވެރިވުމުގެ ލިބުނެވެ. ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން ދެއްވެވި އެ ފުރުސަތުގައި ތަފާތުގިނަ ތަޖުރިބާކޮށް ފިނިމޫސުމުގައި ޗައިނާގެ ފިނިހިސާބެއްގައި 10 ދުވަސް ނައުޝާ ހޭދަކުރެއްވިއެވެ. ހަމަ އެއާއެކު ހެޕީމާކެޓުން ދެއްވެވި އުމްރާ ދަތުރަކީ ނައުޝާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.
“ވަރަށް ރީތި ގިނަ މަދަޙަ ތަކެއް މިހާރު ވާނީ ކިޔާލެވިފައި. އެހެންވެ މަންމަ ބޭނުންވަނީ އެ މަދަޙަތައް ހިމެނޭ އަލްބަމެއް ތައްޔާރުކޮށް ރިލީސް ކުރަން” މި ރޮނގުން ކުރިއަށް ދިއުމަށް ނައުޝާ ދެކޭ ހުވަފެންތައް ކިޔައިދިނެވެ.
މުބާރާތުގެ ފަޚުރުވެރި 2 ވަނަ ހޯދާފައިވަނީ ސ. ހިތަދޫ އަބާން އައިމަން ޝަފީޤެވެ. އައިމަން އަކީ ލަވަކިޔުމާއި މަދަޙަ ކިޔުމުގެ ރޮނގުން ގިނަ ކާމިޔާބީތައް ހޯދަމުން އަންނަ އާއިލާއެއްގެ އެއް މެމްބަރެވެ. މަދަޙަ މުބާރާތުގައި އައިމަންގެ އިތުރުން އައިމަންގެ ކޮއްކޮ ސާރާ ޝަފީގް ވެސް ވަނީ މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯދާފައެވެ. މިއާއެކު އެންމެ ފުރަތަމަ މަދަޙަ މުބާރާތުގައި އައިމަންގެ ދައްތަ ވަނީ މުޅި މުބާރާތުގެ 2 ވަނަ ހޯދާފައެވެ.

“އަހަރެމެން އެންމެންގެ ޓީޗަރަކީ ހަމަ މަންމަ. މަންމަ މަދަޙަ ސިލެކްޓް ވެސް ކުރާނީ. މަންމަ އަށް ވެސް އަދި އައިމަން އަށް ވެސް ރީތީ ކުރީގެ މަދަޙަތައް. އެހެންވެ އެކަހަލަ މަދަޙަ ކިޔަނީ” އައިމަން ކިޔައިދިނެވެ.
މުބާރާތުގައި އައިމަން ހުށަހަޅައިދިނީ ކުރީގެ މަދަޙައެކެވެ. “ކޮންމެ ނަފްސެއް މަރުގެ ރަހަދެކި…” މި މަދަޙަ އައިމަން ހުށަހަޅައިދެމުން ދިޔައިރު މޫނުމަތީގެ ހަރަކާތާއި ޝުއޫރު ފެނި އަޑުއަހަން ތިބި މީހުންގެ ގައިން ވެސް ހީބިހި ނަގައިގެން ދާވަރުވިއެވެ. މަދަޙައިގައި ބުނަމުން ދިޔަ ވާހަކަތައް ފުރިހަމަ އިޙްސާސާއެކު ރީތި އަޑަކުން އައިމަން ހުށަހަޅާދިން އިރު އެއީ މިދިޔަ ފަހަރު މުބާރާތުގެ ގަދަ ވަނަ އަކަށް ދާނެ ކުއްޖެއްކަމަށް ގިނަ ބަޔަކު އޭރުވެސް ބުންޏެވެ.

“މިއީ މިރޮނގުން އައިމަން އަށް ލިބުނު ފުރަތަމަ ކާމިޔާބީ. ސްކޫލް މުބާރާތްތަކުގައި ވެސް އާދައިގެ ވަނަ ލިބޭ. އެކަމަކު މިހާ ފުރިހަމަ ކާމިޔާބީއެއް ނުލިބޭ. އަސްލު އައިމަން ވަރަށް ބިރުގަނޭ ސްޓޭޖަށް. އެކަމަކު މިފަހަރު ވަރަށް ރަނގަޅަށް ދިޔައީ” މީގެ ކުރިން ވެސް އައިމަން ވަނީ މަދަޙަ މުބާރާތްތަކުގައި ބައިވެރިވެފައެވެ. ނަމަވެސް އެއްވެސް ފަހަރަކު އައިމަން ވަނައެއްގައި ނުހިމެނެއެވެ.
މަންމަގެ ފުރިހަމަ އިރުޝާދުގެ ދަށުން އާއިލާގެ އެންމެންގެ ހިތްވަރު ލިބިގެން އައިމަން މިފަހަރު ވަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށް އައިމަން ބުންޏެވެ.
“އެހެންފަހަރު މިހާބޮޑަކަށް ތައްޔާރުނުވޭ. ކުޑަކޮށް ޕްރެކްޓިސް ކޮށްލާފައި އައިސް މުބާރާތުގައި ބައިވެރިވަނީ. އެކަމަކު މިފަހަރު ވަރަށް ރަނގަޅަށް ތައްޔާރުވިން. ކޮންމެވެސް ރަނގަޅު ވަނައަކަށް އައިމަން ތައްޔާރުވީ. މުބާރާތުގައި މަދަޙަ ހުށަހަޅައި ނިމުމުން މަންމަވެސް ބުނި ވަނައެއްގައި ހިމެނޭވަރަށް މަދަޙަ ރީއްޗޭ” އައިމަން ކިޔައިދިނެވެ.
މިވަނަ އާއެކު އައިމަން އަށް ވަނީ އައްޑޫ ވިމެންސް އެސޯސިއޭޝަނުން ދެއްވާ މެލޭޝިއާ ސްޓަޑީ ޓުއާގެ އިނާމު ލިބިފައެވެ. ހަމަ މިއާއެކު ހެޕީމާކެޓްގެ ފަރާތުން އައިމަން އަށް ވަނީ ޢުމުރާ ދަތުރުގެ އިނާމް ވެސް ލިބިފައެވެ.
“އަންނަ އަހަރު މުބާރާތުގައި ބައިވެރިވެ އެއްވަނަ ހޯދަން އަދި ބޭނުން. އައިމަން ވަރަށް ބޭނުން އަދި އުމްރާ ދަތުރެއް. އައިމަންގެ މަންމައަށް އެ ދަތުރު ދޭނީ” އައިމަން ބުންޏެވެ.

އޭއޯ ނިއުސްގެ 4 ވަނަ މަދަޙަ މުބާރާތުގައި މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ސ.ހިތަދޫ ނަސްރު އައިޝަތު މާއީ މުޙައްމަދެވެ. އޭއޯގެ ހުރިހާ މަދަޙަ މުބާރާތެއްގައި މިހާތަނަށް ބައިވެރިވަމުން އަންނަ މާއީ އަކީ ޝަރަފުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. ކުޑައިރުއްސުރެ މާއީ ބައިވެރިވި ކޮންމެ މުބާރާތަކުން މާއީ އަކީ އެއްވަނައެވެ. ނަމަވެސް އޭއޯގެ މަދަޙަ މުބާރާތުގައި މާއީއަށް ލިބުނު ފުރަތަމަ ކާމިޔާބީއަކީ މިއީ ކަމަށް މާއީ ކިޔައިދިނެވެ. މުޅިން އާ އަދި ތަފާތު މަދަޙައެއް މާއީ މި މުބާރާތުގައި ހުށަހަޅައި ދިން ގޮތް ނުހަނު ފުރިހަމަވެފައި ރީއްޗެވެ.

“މާއީ ވެސް ވަރަށް ބިރުގަނޭ ސްޓޭޖަށް އެރީމަ. އެއީ ވާ ގޮތަކީ. އެންމެ ރަނގަޅަށް ހުށަނޭޅެނީ. ކޮންމެ ފަހަރަކުވެސް ވަނައަކަށް އުއްމީދުކުރަން. އެކަމަކު ފުރަތަމަ ފަހަރު މިއީ މި މުބާރާތުން ވަނަ އެއް ލިބުނު. މިހާރު ދެން ބިރެއް ނުގަންނާނެ. އަންނަ އަހަރު އެއްވަނައަށް އުއްމީދު ކުރަނީ” މާއީ ކިޔައިދިނެވެ.
އެހެން ކުދިންނާ ޚިލާފަށް މާއީ މަދަޙަ ދަސްކުރަނީ ޓީޗަރެއްގެ އެހީތެރިކަން ލިބިގެންނެވެ.
“ގުލްޝަން ދައްތަ މާއީ އަށް މަދަޙަ ދަސްކޮށްދެނީ. މާއީ އަބަދުވެސް ކިޔަނީ ތަފާތު މަދަޙަތައް. މުޅިން ވެސް އާ މަދަޙަ ހުށަހެޅޭތޯ ބަލަނީ. އެހެންވީމާ ވަރަށް ބޮޑަށް ޕްރެކްޓިސް ވެސް ބޭނުންވޭ” މާއީ ބުންޏެވެ.

މުބާރާތުގެ ގަދަ 5 ވަނައާއެކު އީކުއޭޓަރ ވިލެޖްގައި އެއް ދުވަސް ހޭދަކުރަން ލިބުނު ފުރުސަތުގައި މާއީ ވަނީ އޭނާގެ ރަންއަޑުން ރީތި މަދަޙައެއް ހުށަހަޅާދީފައެވެ. ކޮންމެ މަދަޙައެއްވެސް މާއީ ކިޔާލަނީ އެހާ ފަސޭހަކަމާއެކުގައެވެ.
އޭއޯނިއުސް މަދަޙަ މުބާރާތުގެ އެންމެ މޮޅު 5 ވަނަ ހޯދާފައިވަނީ ސ.މަރަދޫ ގަދަކޯޅިގެ އާމިނަތު ލުބާ ޟިރާރެވެ. މިއީ މި މުބާރާތުގައި ލުބާ ބައިވެރިވެރިވި 2 ވަނަ ފަހަރެވެ.

އިރުޝާދިއްޔާ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން އަންނަ ލުބާ އަކީ ރީތި އަޑެއްގެ ވެރިއެކެވެ. ލުބާއަށް ވެސް އެންމެ ރީތީ އިހުގެ މުސްކުޅި މަދަޙައެވެ. މުބާރާތުގައި ލުބާ ވެސް ހުށަހަޅައިދިނީ އައިމަން ވެސް ހުށަހެޅި މަދަޙައެވެ. “ކޮންމެ ނަފްސެއް މަރުގެ ރަހަ ދެކި..” މި މަދަޙަ ލުބާވެސް ހުށަހަޅައިދީފައިވަނީ ނުހަނު ފުރިހަމަ ކޮށެވެ.
“ލުބާއަށް މަދަޙަ ދަސްކޮށް ދެނީ މަންމަ. މަންމަ ވަރަށް ރީއްޗަށް ލަވަވެސް ކިޔާނެ. މަދަޙަ ވެސް ކިޔާނެ. ހުރިހާ މުބާރާތަކަށް ލުބާ ތައްޔާރުކޮށްދީ ޕްރެކްޓިސް ކޮށްދެނީ މަންމަ އެކަނި” ލުބާގެ ވެސް ކާމިޔާބީގެ ސިއްރަކީ ހަމަ މަންމައެވެ.

“މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ބައިވެރިވިން. އެކަމަކު އެހާ ބޮޑަކަށް ޕްރެކްޓިސް ކުރާނެ ވަގުތު ނުލިބި ތައްޔާރު ނުވެ ހުރެ މަދަޙަ ހުށަހެޅީ. އެއްތަންކޮޅު ރަނގަޅަށް ނުވެސް ކިޔޭ. އެހެންވެ މަންމައާއި ލުބާ ބޭނުންވީ މިފަހަރު ވަރަށް ރަނގަޅަށް ތައްޔާރުވެ ހަމަ ވަނައަކަށް މަސައްކަތް ކުރަން. އެންމެ ޓޮޕް 5 ގައި ހިމެނި ދާނެކަމަކަށް ހިއްއެއް ނުކުރަން. ކޮންމެވެސް ވަނައެއް ހޯދުމަށް މަސައްކަތް ކުރީ. ވަރަށް އުފާވި ޓޮޕް 5 ގައި ހިމެނުނީމާ. އަންނަ އަހަރު މިއަށް ވުރެ ރަނގަޅު ވަނައަކަށް މަސައްކަތް ކުރާނީ” ލުބާ ކިޔައިދިނެވެ. ލުބާ ވެސް ވަނީ އީކުއޭޓަރ ވިލެޖްގައި ހޭދަކުރި ދުވަހު އެތަނުގައި ހުރެގެންވެސް އޭނާގެ ރީތި އަޑުން މަދަޙަ ހުށަހަޅައިދީފައެވެ.
އޭއޯނިއުސްގެ މިއަހަރުގެ މަދަޙަ މުބާރާތުގެ ގަދަ ފަހެއްގައި ހިމެނުނު އެންމެ ތުއްތު، ރަން އަޑުގެ ވެރިއަކީ ގދ. ގައްދޫ ރޯޒުގެ އައިޝަތު ޝުހާ ނިޒާމެވެ. ހިތަދޫ ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުން އަންނަ ޝުހާ މަދަޙަ ހުށަހަޅައި ނިމުމުން ފަނޑިޔާރުން ވެސް ޝުހާގެ މޮޅުކަމަށް ތައުރީފް ކުރިއެވެ. ބޮޑެތިކުދިންނާ އެއްފެންވަރަށް ޝުހާ ހުށަހަޅައިދިން މަދަޙަ، މުބާރާތުގެ ގަދަ ވަނައިގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އެންމެންވެސް ބުންޏެވެ.

“ޝުހާ އަށް އެންމެ ރީތި ޝުހާ ދައްތަ ސަނާ މަދަޙަ ކިޔާގޮތް. އެގޮތަށް މަދަހަ ކިޔަނީވެސް. ދަސްކޮށް ދެނީވެސް ހަމަ ދައްތަ. ދެން ކަޒިންއެއް. އެއީ ޝިރަން ދައްތަ. އެއީ ޝުހާއަށް އެންމެ މޮޅު ކުދިން.” ކުޑަ ކުޑަ ޝުހާ ކިޔައިދިނެވެ.
ޝުހާ ބުނީ މުބާރާތުގައި ޝުހާ ބައިވެރިވީ ވެސް ވަނައެއް ހޯދުމަށް ކަމަށެވެ. ބޭނުންވި ވަރަށް ވަނަ ލިބުނު ކަމަށް ޝުހާ ބުންޏެވެ.
ޝުހާއަށް ވަނީ މި މުބާރާތުގައި 9 އަހަރުން ދަށުގެ ބައިން 1 ވަނަ އާއި މުޅި މުބާރާތުގެ 4 ވަނަ ލިބިފައެވެ.
“ޝުހާ މަދަޙަ ދަސްކުރަނީ އަޑުއަހައިގެން. ހެޑްސެޓް ޖަހައިގެން އަޑުއަހަނީ. ދެން ނިދާއިރުވެސް އެންމެ ގިނައިން އަޑުއަހަނީ މަދަޙަ. އެހެންވެ ވަރަށް އަވަހަށް ދަސްވޭ. ޝުހާ ބޭނުންވަނީ އެހެންކުދިން ނުކިޔާ އާ މަދަޙަ ކިޔަން އަބަދުވެސް. ދައްތަވެސް ހަމަ އެހެން ކިޔާނީ” ޝުހާ ކިޔައިދިނެވެ.

ކުޑަކުޑަ ޝުހާ ބުނީ ކޮންމެ މުބާރާތެއްގައި ބައިވެރިވި ކަމުގައިވިއަސް ވަނަ ހޯދާ ކަމަށާއި ސްޓޭޖަށް އެއްވެސް ބިރެއް ނުގަންނަ ކަމަށެވެ.
“ކީއްކުރަން ބިރުގަންނަންވީ. ޝުހާ އެއްވެސް ބިރެއް ނުގަނޭ. ހަމަ ވަރަށް ސަޅިކޮށް ކިޔާލެވޭތޯ ބަލަނީ. ވަނަ ހޯދަން މަސައްކަތް ކުރަނީ. އޭރުން މަންމަމެންވެސް އުފާވާނީ ދޯ” އޭއޯ ނިއުސް އަށް ދިން އިންޓަވިއުގައި ޝުހާ ކިޔައިދިނެވެ.

މިއީ މި މަދަޙަ ކިޔުމުގެ ރޮނގުން ހޮވާލެވޭ މޮޅެތި ކުދިންނެވެ. ކޮންމެ މަދަޙައެއްވެސް ޖެހިލުމެއްނެތި ކިޔާލެވޭ ކުޅަދާނަ ކުދިންނެވެ. މި ކުދިންނަށް ބޭނުންވަނީ ހުނަރު ދައްކާލެވޭނެ މިފަދަ ޕްލެޓްފޯމެކެވެ. އެހެންކަމުން އޭއޯ ނިއުސްއިން ކޮންމެ އަހަރަކުވެސް އިންތިޒާމުކޮށްގެން މަދަޙަ މުބާރާތް ކާމިޔާބު ކަމާއެކު ބޭއްވޭތޯ އަބަދުވެސް މަސައްކަތް ކުރެއެވެ.
މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ތަފާތު އެކިފަހަރުމަތިން، އެކި ގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ ފަރާތްތަކަށް އޭއޯނިއުސް އިން އަބަދުވެސް ޝުކުރުވެރިވަމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކުރީ ސަރުކާރުން އަޅަން ފެށި 7000 ފްލެޓް، މިސަރުކާރުން 3588 އަށް މަދުކޮށްފި

ސުވާދީބު

ހައިވޭގައި އެކްސިޑެންޓްވީ ކުރީގެ ނޫސްވެރިޔާ އަޒުމޫން

ސުވާދީބު

7،000 ފްލެޓް ކަށަވަރުވޭތޯ ބަލަން މިނިސްޓަރު މާދަމާ މަޖިލީހަށް

ސުވާދީބު
Share