web analytics
ޕްރައިމަރީ

މިހާރުގެ މެމްބަރުންގެ ތެރެއިން ޓިކެޓު ގެއްލުނީ ފަސް ބޭފުޅަކަށް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީގައި، މިހާރު މަޖިލިހުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ނުލިބި، ފުރުސަތު ގެއްލުނީ ފަސް ބޭފުޅަކަށެވެ.

އެއީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އަދި ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރެވެ. މިއިން ކޮންމެ ބޭފުޅަކަށް ވެސް މި ދައުރާ އެކު މަޖިލިހުގައި ފުރިހަމަ ކުރެއްވުނީ އެއް ދައުރެވެ.

މި ފަސް މެމްބަރުންގެ ތެރެއިން މުހައްމާ އެމްޑީޕީއާ ގުޅިވަޑައިގަތީ ޕްރައިމަރީއާ ދިމާކޮށެވެ. އޭނާ ޕާޓީ އަށް ސޮއިކުރެއްވީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުގައި ވަކިން ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅުގައި ބޭއްވި ކުޑަ ހަފުލާއެއްގައި، މުހައްމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ޗެއާޕާސަން ހަސަންއާ ފޯމު ހަވާލު ކުރައްވާއިރު ފަހަތުގައި ނަޝީދު.—ފޮޓޯ: އެމްޑީޕީ

ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ރުކުމާގެ މައްޗަށް ކާމިޔާބު ހޯއްދަވައި އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ ވިޔަފާރިވެރިޔާ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ. ވައިކަރަދޫ ދާއިރާގެ ނާޒިމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުން އެމްޑީޕީގެ ޓިކެޓު ގެއްލުނީ އޭނާގެ މައްޗަށް ހުސައިން ޒިޔާދު (ފިއްޓެ) ކާމިޔާބު ހޯއްދެވުމުންނެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޒިޔާދު (ފިއްޓެ)

ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް ދީދީގެ މައްޗަށް ކުުރި ހޯއްދަވައި ހިތަދޫ މެދު ދާއިރާގެ މަޖިލިހުގެ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ ހިޔަލީ މުހައްމަދު ރަޝީދުގެ ކޮއްކޮ އަހުމަދު ރަޝީދު (ޗެކް މާކް) އެވެ. އަދި މަޖިލިހުގެ މި ދައުރުގައި އެންމެ ހަރަކާތްތެރި އެއް މެމްބަރުގެ ގޮތުގައި ހިމެނުނު އަލީ ނިޒާރު ބަލިވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލް އަތުންނެވެ. ނާޒިލް އަކީ ޕްރައިމަރީގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިންގެ ފިރިކަލުންނެވެ.

މި ފަސް މެމްބަރުންގެ ބަދަލުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ މުޅިން ވެސް އާ މެމްބަރުންނެވެ.

ސިޔާސީ ޕާޓީ އަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު، އަދި އެންމެ ފޯރިގަދަ ޕްރައިމަރީގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފިޔަވައި އެ ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވެސް ވަނީ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އެއީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު (އިދާރީ) އަލީ ނިޔާޒާއި ޗެއާޕާސަންގެ ނައިބު (މާލީ) އަހުމަދު އަބްދުﷲ އެވެ. އަހުމަދަށް ވަނީ ޕްރައިމަރީއަކާ ނުލައި ބާރަށު ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފަ އެވެ.

މާފަންނު މެދު ދާއިރާގެ ޓިކެޓު ހޯއްދެވުމަށް ކުރިމަތިލެއްވި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްގެ މައްޗަށް ކާމިޔާބު ހޯއްދެވީ މަޖިލިހުގެ އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކުރިން ވެސް ހުންނެވި އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި 10 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓު ދީފައިވާއިރު އޭގެ ތެރޭގައި މަޖިލިހުގައި މިހާރު ތިއްބެވި ތިން މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަސައްކަތް ކުރާ ތަންތަނުގެ ސަލާމަތީ ފިޔަވަޅު އަދިވެސް ރަނގަޅެއް ނޫން

ސުވާދީބު

އެއް ޕާޓީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ވާނެ ގޮތް ވަނީ ފެނިފައި: ގާސިމް

ސުވާދީބު

ޝިމާގެ ކޮއްކޮ ގޮވައިގެން ދިއުމުން ފަޒީލާ އެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ސުވާދީބު
Share