ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މި ހިންގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލަދެއް ހަޔާތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ގއ. ވިލިގިނލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށެވެ.
” މި އަށާރަ ވަނަ މަޖިލީހުގައި މަޖިލީހުގެ ނަޒާހަތްތެރިކަން އިންތިހާއަށް ގެއްލި ހިނގައްޖެ. މަޖިލީހުގެ ތަޅުމުގައި ފައިސާ ގޯނި ގޯނީގެ ވާހަކަ ލަދެއް ހަޔާތެއް ނެތި ދައްކަމުން ގެންގޮސްފި،” އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މަޖިލީސް މެމްބަރުން ޕާޓީތައް ބަދަލު ކުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި, މަޖިލީހުގައި ނަގާ ވޯޓުތަކަކީ މެމްބަރުންގެ އަމިއްލަ ފައިދާ ލިބޭ ގޮތަށް ނެގޭ ވޯޓުތަކެއް ގޮތުގައި ވެފައިވާ ކަމަށާއި އެކަމަށް ވެސް ބަދަލުތައް ގެންނާނީ 19 ވަނަ މަޖިލީހުން ކަމަށެވެ.
ނަޝީދު ވިދާޅުވީ، އަލަށް އިންތިހާބުވާ މަޖިލީސް ވެގެން ދާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދޭން މެމްބަރުން މަސައްކަތް ކުރައްވާނެ މަޖިލީހަކަށް ކަމަށެވެ.
މީގެ އިތުރުން އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި 60 އިންސައްތަ އަށް ވުރެ މަތިން، ވެރިން ކަން ކުރާ ކޯލިޝަންގައި ހިންމެމޭ އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއް ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
Facebook Comments