ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފި އެވެ.
މާލޭގައި މި ޕްރޮގްރާމް ރަސްމީކޮށް ފެށުން އޮތީ ސްޓޭޑިއަމް ސަރަހައްދުގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ، “ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖް ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އަދި ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުމަކީ ޕްރޮގްރާމްގެ އެއް ބޭނުން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމްގައި، ރަށްރަށާއި ރިސޯޓުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Facebook Comments