ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ިޔާސީ ގަނޑުވަރު މުލީއާގޭގައި މަސައްކަތް ކުރަމުން އައި 25 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށް، އެވަޒީފާތަކަށް އެމްޑީޕީ މެންބަރުންނާއި، އެމްޑީޕީގެ ސީނިއާ ބޭފުޅުންނާއި ގާތް ގުޅުމެއް ބާއްވަމުން އައި ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފިއެވެ.
މުލީއާގެ ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި ވެއިންޓަރުންނާއި ކައްކާއިންނާއި ބަނޑޭރިންނާއި އަދި މެނޭޖަރުން ފަދަ ސީނިއާ ވަޒީފާތައް އަދާކުރަމުން ގެންދިޔަ ބޭފުޅުން ވެސް ހިމެނެއެވެ. ނަމަވެސް އެއްވެސް މުވައްޒަފަކީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާ އުސޫލުން އައްޔަން ކޮށްފައިވާ މުވައްޒަފުންނެއް ނޫނެވެ.
މުލީއާގޭ ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ ތެރެއިން މީހަކު “ޑީޕީ” އަށް މައުލޫމާތު ދެމުން ބުނީ އެމީހުން ވަޒީފާ އިން ވަކިކުރި ސަބަބު އަންގާފައި ނެތް ކަމަށެވެ.
“ނޮވެމްބަރ 26 ވަނަ ދުވަހު އެންގީ ކާޑު ހަވާލު ކޮށްލަން. ވަޒީފާ އިން ވަކިކުރި ސަބަބެއް ނާންގާ.” މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ ކުރިން ފެށިގެން ވެސް އެމްޑީޕީ މެންބަރުންނަށް ވަޒީފާ ދޭން ފަށާފައިވާ ކަމަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.
“އަޅުގަނޑުމެން ވަޒީފާ އިން ވަކިކުރުމުގެ ކުރިން ވެސް އަށެއްކަ މީހުންނަށް ވަޒީފާ ދިން. އަދި މިހާރު އިތުރު މީހުންނަށް ވަޒީފާ ދީފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައި.” އޭނާ ބުންޏެވެ.
މުލީއާގެ އިން ވަކިކުރި އިތުރު މުވައްޒަފަކު ބުނީ އެމީހުން ވަޒީފާ އިން ވަކިކުރީ އެމްޑީޕީ މެންބަރުންނަށް ނުވުމުން ކަމަށެވެ.
“ރައީސް ޔާމީންގެ ވެރިކަމުގައި މުލީއާގޭގައި ތިބި އެމްޑީޕީ އަށް ފާޅުގައި މަސައްކަތް ކުރަމުން ދިޔަ މީހުން. ރައީސް ސޯލިހްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަފްރާޒް ވެސް މުލީއާގޭގެ ވަޒީފާގައި ހުންނެވީ. ރައީސް ޔާމީނާއި މެޑަމް ފާތުން އަށް ވެސް މިކަންކަން އެނގިވަޑައިގަންނަވާނެ. ނަމަވެސް އެއިން ބޭފުޅަކު ވަޒީފާ އިން ވަކިކޮށްފައެއް ނުވޭ. މިހާރުގެ ސަރުކާރަށް އެބޭފުޅުންގެ އެކްޓިވިސްޓުންނޫން މީހުން ވަޒީފާ އިން ވަކިނުކޮށް މަސްދުވަހު ވެސް ކެތްކޮށް ނުލެވުނު.” ވަޒީފާ އިން ވަކިކުރި މުވައްޒަފަކު ބުންޏެވެ.
މުލީއާގެ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރި މައްސަލައިގައި ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު އަށް އިއްޔެ “ޑީޕީ” އިން ގުޅުމުން ވިދާޅުވީ ޗެކް ކޮށްލެއްވުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާއި ގުޅޭ މައުލޫމާތު އޭނާ ހިއްސާ ކުރައްވާފައެއް ނުވެއެވެ.
މުލީއާގެ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައި ވާއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ސިޔާސީ މަޤުޞަދެއްގައި ވަޒީފާ އިން ވަކިނުކުރާނެ ކަމަށް ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވުމަށް ފަހުއެވެ.
Facebook Comments