ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ގޭންގުތަކާ ގުޅިގެން މަސައްކަތް ކުރާ ކަމުގެ ހެކި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މިއަދު ހުށަހަޅުއްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ގޭންގުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ހާމަވެފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު އެ ވާހަކަތައް ދެއްކެވުމުންނެވެ.
އޭގެ ފަހުން، އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ސުޕްރީމް ކޯޓުގެ ދަށުން މަސައްކަތް ކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފަ އެވެ.
އެކަމަކު، ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީޖޭއޭ އިން ވަނީ އެ މައްސަލައިގައި އެއްވެސް ހެއްކެއް ސުއޫދު ހުށަނާޅުއްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކޯޓު ދިފާއުކޮށްފަ އެވެ.
ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީން އެދިފައިވާ ގޮތަށް މިހާރު އެ ކޮމިޝަނަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
ސުއޫދުގެ ތުހުމަތުތައް ތަހުގީގު ކުރުމަށް ޖޭއެސްސީން ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އިސްކޮށް ހުންނަވާ ގޮތަށް ހަމަޖައްސައި ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓު އިސްލާހު ނުކޮށް މަރުތައް ތަހުގީގު ކުރި ނަމަވެސް އިންސާފު ނުލިބޭނެ ކަމަށެވެ.
“ހަމަ އެ ގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީ އަށް ބައެއް ގޭންގުތައް ބޭނުން ކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓުތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،” ސުއޫދު ވިދާޅުވި އެވެ.
Facebook Comments