ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މާލެ ތޮއްޖެއްސުމުގެ 50 އަހަރުވީ ސިޔާސަތު ފެއިލް ވެއްޖެއެވެ. ތިން ހަތަރު ލައްކަ މީހުން ގްރޭޓަރް މާލޭ ސަރަހައްދަށް ޖަމާކުރުމަކީ
އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑު ޖަރީމާއެކެވެ.
އެއީ ކީއްވެތޯ ސުވާލު ދެންނެވުމުން ފެންނާ މަނިކުފާނު ވިދާޅުވިއެވެ: “މިތާ ވަޅުލައިފި ނަމަ އެއޮތް ހާލުގަވެސް ނޯވެވޭނެއެވެ”.
އެއީ އަދި މާލެ ފުރި ބާރުވެގެން ސަހަރާތަކުގައި މަތިމައްޗަށް މީހުން ވަޅުލާން ފެށުމުގެވެސް މާކުރިއެވެ. މާލޭގެ އާބާދީ އެއިރު ވަރަށް ކުޑައެވެ. ނަމަވެސް ދުރުވިސްނޭ މީހުނަށް މާލޭގެ “ތަރައްޤީގެ މިސްރާބު” ހުރިގޮތް އެއިރުވެސް އެނގެނީތާއެވެ. ފެންނާ މަނިކުފާނު ބޭނުންފުޅުވީ މަރުވިއަސް އެ މާލޭގެ ފަސްގަނޑުގައި ވަޅު ނުލުމަށެވެ. މިއަދު މާލެ ތޮއްޖެހި، ބްރިޖްތަކުން މާލެއާ އެހެން ރަށްރަށާ ގުޅާލެވި، އިތުރު ރަށްތަކަކާވެސް ބްރިޖުން ގުޅާލުމުގެ ވާހަކަ ދެކެވޭއިރު، މާލޭގެ ހާލަތު މިއޮތި ހަމަ ރަނގަޅަށްވެސް “ޓައިމް ބޮމެއް” ގެ މިސާލުގައެވެ.
ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ލީޑަރުންގެ ސަމާލުކަމަށް ގެނައުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިދިޔަ ހުކުރު ދުވަހު އެއްފަހަރާ ކުރެވުނު “ކްލައިމެޓް ސްޓްރައިކް” ނުވަތަ މޫސުމާބެހޭ މުޒާހަރާ ކުރަމުންދަނިކޮށް ރާއްޖޭގެ ވެރިރަށް މާލޭގައި މީން ޒަމާނަކުވެސް ނުހިނގާވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް، ތިމާވެއްޓަށް ގެއްލުންދޭ ކެމިކަލްތަކެއް ހުރި ގުދަނެއްގައި ރޯވެގެން ހިނގުމަކީ ކަމުގެ ހުރި ނުރައްކަލުގެ ބޮޑު ރަނގަބީލެކެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކޮންމެ ކަމެއްގައި ސަރުކާރުތަކުން “ހޭއަރަނީ” ފުރާނަތަކެއް ގެއްލި، މިކަހަލަ “ރަނގަބީލު ތަކެއް” އެޅުމުން ކަމަށްވާތީއެވެ.
ފަސޭހައިން އަލިފާން ހިފާ ވައްތަރުގެ ކެމިކަލް ލާފައި ހުރި ހަތަރު ގުދަނެއް ހ. ފެހިއާބާދުގޭގައި ހުއްޓެވެ. އަދި މީގެ މަދުމަސްތަކެއް ކުރީންވެސް އާއްމުންގެ މީހަކު ވަނީ އެ ގުދަން ތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ބުނެ އިންޒާރުދީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެ އިންޒާރުތަކަށް ފުލުހުން ސަމާލުކަމެއް ނުދިން ކަމަށް އޭނާވަނީ އޮންލައިން މީޑިއާއަކަށް މައުލޫމާތު ދީފައެވެ. ފުލުހުން އޭނައަށް ޖަވާބު ދިން ކަމަށް ވަނީ އެގުދަނުގައި ކެމިކަލް ގުދަން ކޮށްފައިވަނީ އިދާރާތަކުން ހުއްދަ ނަގައިގެން ކަމަށްވާތީ އެޅޭނެ ފިޔަވަޅެއް ނެތްކަމަށެވެ.
ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަންޖެހޭކަން އެނގެނީ ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުންޖަހާލައި އެތައް ބައެއް މަރުވުމުންނެވެ! މީހުން އުޅޭ ސަރަހައްދު ތަކުގައި ކެމިކަލް ގުދަން ހުރުމަކީ ބޮޑު ނުރައްކަލެއްކަން އެނގެނީ މާލޭގެ ތާރީހުގައި އަލިފާނުގެ އެއް ހާދިސާއިން އެންމެ ބޮޑު ގެއްލުން ލިބުނު ހާދިސާ ހިނގުމުންނެވެ. ހެލްމެޓް އަޅަން ޖެހޭކަން އެނގެނި އެތައް އެކްސިޑެންޓެއް ހިނގައި އެތައް ބަޔަކު މަރުވުމުންނެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި އުސް އިމާރާތްތައް ކުރަމުންދާއިރު ސަލާމަތުގެ ފިޔަވަޅުތަކުގެ ފެންވަރުދަށް ކަމާއި ފަރުވާ ކުޑަކަން އެނގެނީ ތުއްތު ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވުމުންނެވެ.
މިފަދަ ހާދިސާތައް ހިނގާ ދުވަސް ކޮޅު އެފަދަ ކަންކަން ހުއްޓުވުމަށް ކަމަށްބުނެ ޤަވާއިދުތައް ހަދައިގެން އެތައް ބަޔަކު ވާހަކަ ދެއްކިއަސް ދުވަސް ކޮޅަކުން ކަމުގެ މަތީން ހަނދާންނެތި ހަޤީޤީ ހައްލު އައުން ލަސްވާތަން ވެސް ފެނެއެވެ. ލޯންޗާއި ދޯނިފަހަރުގައި ކަނޑުދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން އަދިވެސް މަޖުބޫރެއް ނުކުރެވެއެވެ. ހެލްމެޓް އެޅުންވެސް މަޖުބޫރުވަނީ ހަމައެކަނި ސިނަމާލެ ބްރިޖާއި ހައިވޭގައެވެ. ހަދަމުންދާ އިމާރާތްތަކުން އަދިވެސް ހޮޅިހޮޅި އާއި އޭތި މީތި ވެއްޓި މީހުނަށް އެކިވަރުގެ އަނިޔާ ލިބެމުން ދެއެވެ. މައްސަލަތައް ހައްލުވާތަނެއް ނުފެނެއެވެ. ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ނުހޯދުނެވެ.
އެކި ނަންނަމުގަ ޓާސްކް ފޯސް ހެދުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ޤާވާއިދާއި ޤާނޫނު ބަދަލުކުރަންވީ އެވެ. ކަނޑުދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރަންވީއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ މަގެއްގައި ދުއްވިއަސް، ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ޤާނޫނުން މަޖްބޫރު ކުރަންވީ އެވެ. ހަދަމުންދާ އިމާރާތްތަކުގެ ފުރަތަމަބުރީގެ ދަށުން ވަގުތީ ވަރުގަދަ ފެނެލްތަކެއް ހަރުކުރުން ލާޒިމްކުރަންވީއެވެ. އެފަދަ ފެނަލްއެއް ހުރުމުން މަތިން ވެއްޓޭ އެއްޗެއް ބިމުގައި ޖެހުމުގެ ކުރީން އޭގެ އިމްޕެކްޓް ކުޑަވެ، ގެއްލުން ލިބުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. މާލެއަށް ވާރޭފޮދެއް ވެހިލާއިރަށް ފެންބޮޑުނުވާނެ ގޮތަކަށް ޕަންޕް ސިސްޓަމް އަޕްގްރޭޑްކޮށް އެކަމަށް ހައްލު ހޯދަންވީއެވެ. ކާރިސާއެއް ނުހިނގަނީސް ކާރިސާއެއް ހިނގައިފާނެފަދަ ދޮރުތައް މަދުކުރަންވީއެވެ.
މިފަދަ އެހެން މިސާލެކެވެ. ބްރިޖަކުން މާލެއާއި ވިލިމާލެ، އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލުމަށް ސަރުކާރުން ނިންމާފައިވާއިރު މާލޭގެ ހާލަތަށް ވިސްނާލިބާއެވެ؟ މާލޭގެ ގިނަ މަގުތައް އެހާ ހަންޏެވެ. ހަނި މަގުތައް ސައިކަލްތަކުން ތޮއްޖެހި، ސަލާމަތީ ވެހިކަލްތަކަށް ނުވަދެވޭ ވަރަށް ބެދިފައެވެ. އިމާރާތްތައް އުސްވަމުންގޮސް 15 ބުރީގެ އިމާރާތް އާއްމުވެ، 25 ބުރީގެ އިމާރާތްވެސް މާލޭގައި އަޅަން ފަށައިފިއެވެ. އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ މޫދުން ލޮނުފެން ގެންނަން ހޮޅިގުޅައިގެން މޫދުން ފެން ގެނެވޭއިރު ވާނެ އެއްޗެއް އޮންނަނީ ވެނިމިފައެވެ.
ހަނި މަގެއްގައި ހުންނަ އުސް އިމާރާތެއްގައި ރޯވެއްޖެނަމަ ހަނިމަގުގެ އަނެއްފަރާތުގައި ހުރި އިމާރާތުގައި ފަސޭހައިން ރޯވެއެވެ. ހުކުރު ދުވަހުގެ ހާދިސާގަވެސް ކަންވީ އެފަދައިންނެވެ. މިސާލަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އުތުރު ފަރާތުގައި އޮތްމަގުގެ އުސް އިމާރާތެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައި، އޭ.ޑީ.ކޭގެ އިމާރާތެއްގައި ރޯވެ، މުޅި ހޮސްޕިޓަލަށް ގެއްލުންތަކެއް ލިބިއްޖެނަމަ އެކަން ވެެގެންދާނީ މުޅި ޤައުމަށްވެސް ފޫނުބެދޭވަރުގެ ބޮޑު ކާރިސާއަކަށެވެ. މިފަދަ ކަންކަން ހުއްޓުވޭނީ މާލޭގައި އިމާރާތް ކުރުމުގެ އުސްމިން ތިރިކޮށް، ބްރިޖްތަކުން އިތުރަށް ގުޅާނުލައި، ގްރޭޓަރ މާލޭގެ ސަރަހައްދު އިތުރަށް ބޮޑުނުކޮށް، މާލޭއަށް ލުޔެއްދީގެންނެވެ.
މާލެ އިތުރަށް ތަރައްޤި ކުރަން ޖެހެނީ މިފަދަ ވިސްނުމެއްގައެވެ. 25 ބުރީގެ އިމާރާތްތަކުން މާލެ ފުރާލައި، ބްރިޖްތަކުން އިތުރަށް ގުޅާލައި، ގްރޭޓަރ މާލޭގެ އާބާދީ، ބިދޭސީން ހިމަނައިގެން، ހަތަރު ލައްކައަށް އެރުމުން ދެން މާލެ ހޯދައި ނުފެންނާނެއެވެ. އެއިރު “ޓައިމް ބޮމް” އޮންނާނީ ގޮވައިފައެވެ. އެފަދަ ހާލަތަކަށް ނުދަނީސް ހޭއަރައި ވިސްނަން ވެއްޖެއެވެ. ވެރިންނާއި ސަރުކާރެއް ހޮވަނީ ރޯވީމަ މީހުން ސްކޫލް ހޯލަށް ލާކަށް ނޫނެވެ. ރޯނުވަނީސް ރޯވުމަށް މެދުވެރިވެދާނެހެން ހީވާކަންކަން ހުއްޓުވުމަށެވެ. ދުރުވިސްނުމަށެވެ.
މާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު ބްރިޖަތަކަކުން ގުޅާލައިފިނަމަ މާލޭގެ ތޮއްޖެހުން އިތުރަށް ގޯސްވެ، މާލެ ވެގެންދާނީ ގޮވަން ތައްޔާރުވެފައޮތް “ޓައިމް ބޮމަކަށެވެ”. ކެންދޫ ދާއިރާގެ މަޖުލިސް މެންބަރު އަލީ ހުސެން ވިދާޅުވެފައިވާ ފަދައިން މާލެ ތޮއްޖެއްސުމުގެ 50 އަހަރުވީ ސިޔާސަތު ފެއިލް ވެއްޖެއެވެ. ތިން ހަތަރު ލައްކަ މީހުން ގްރޭޓަރް މާލޭ ސަރަހައްދަށް ޖަމާކުރުމަކީ އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑު ޖަރީމާއެކެވެ. އެފަދަ ހާލަތަކަށް މާލެ ދިއުމުގެ ކުރީން ކުރިއަށް ރާވާފައި ހުރި ބްރިޖްތަކުގެ މަޝްރޫއުތައް ހުއްޓާލައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ދެސިޓީ ތަރައްޤީކޮށް، މާލެއަށް ހަމަޖެހިލައިގެން ނޭވާލައިގެން އޮވެވޭނެ ފަދަ، ސަލާމަތްތެރި މާހައުލެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުން ދުރުވިސްނައިގެން ކުރަން ޖެހިފައިވާ ކަމެކެވެ.
Facebook Comments