ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ރޭގަނޑު ދަންވަރު ވަދެ ބަލިމީހުންނާއި، އެހީތެރިން އަތުން ފޭރޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގަނޑު ދަންވަރު އެކި ގްރޫޕްތަކުން ހޮސްޕިޓަލަށް ވަދެ ބައެއް ބަލި މީހުންނާއި އެމީހުންގެ އެހީތެރިން އަތުން ފޭރެން މަސައްކަތް ކޮށްފައިވެއެވެ.
“އައްޑޫލައިވް” އާއި މައުލޫމާތު ހިއްސާ ކުރި ފޭދޫ މީހަކު ބުނީ މީގެ ދެދުވަސް ކުރިން އާއިލާގެ މީހަކު ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން އުޅުމުގެ ތެރޭގައި ދަންވަރު އޭނާގެ އަތުން ފޭރެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
“އައިސީޔޫ ބޭރުގެ ގޮޑިއެއްގައި ހުއްޓާ ކުޑަކޮށް ނިދުނީ، ހޭލެވުނީ އަތް ދަބަހުގައި މީހަކު ހިފިހެން ހީވެގެން، ލޯ ހުޅުވާލި އިރު މީހަކު އައިސް ކުރިމަތީ ހުރެ ދަބަސް ޖަހައިގަންނަން އުޅެނީ”
އޭނާ ބުނީ ލީ ހުޅުވާލުމުން އެ ސަރަހައްދުން އޭނާ ގޮސްފައިވާ ކަމަށާއި، ވަށައިގެން ބަލާލި އިރު ބައެއް އެހެން މީހުންވެސް ނިދިފައި ގޮޑިތަކުގައި ތިބިކަމަށެވެ. އަދި އެއީ ބިރުވެރި ހާދިސާއެއްކަމަށް އޭނާ ބުންޏެވެ.
“އަހަރެން ދުވަހަކުވެސް ދެކުނު މީހެއް ނޫން، އަނެއްކާ ހިތަދޫއަކު ދަންނަ ބަޔަކު އުޅެނީއެއް ނޫން، ފޭދޫން އައިސް ހަތަރު ދަމު ހޮސްޕިޓަލްގައި އުޅުމުން މިތިބެނީ ވަރަށް ވަރުބަލިވެފައި، އެހެން ހުއްޓާ މި ނިދެނީ، ކިހިނެއް މި ބިރުވެރިކަމުގައި ތިބެވެނީ، މި ތަނުގައި އެއްވެސް ސެކިއުރިޓީއެއް ނެތް”
ހޮސްޕިޓަލްގެ އައިސީޔޫ ހުންނަ ގޮތުން އައިސީޔޫގައި ބަލިމީހުން ބައިތިއްބައިގެން ތިބޭ އެހީތެރިން ތިބެން ޖެހެނީ އޯޕީޑީ ކައިރީގައި ހުންނަ ގޮޑި ބަރީގައެވެ. އެ ސަރަހައްދުގައި ދޮރު ބަންދުކުރެވޭ ގޮތަށް ހަދާފައި ހުރި ނަމަވެސް އެސަރަހައްދަކީ އާއްމުންނަށް ކޮންމެ އިރަކުވެސް ވަދެ ނިކުމެވޭ ގޮތަށް ހުންނަ ސަރަހައްދެކެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަދެ ވައްކަން ކުރާ މައްސަލަ އަކީ އިއްޔެ މިއަދަކު އެކަނި ހިނގާކަމެއް ނޫނެވެ. މިކަމުގެ ނުރައްކާ ގިނަ ފަހަރު ދިމާވެފައިވަނީ ރަށް ރަށުން އަންނަ މީހުންނަށެވެ. ހާއްސަ ގޮތެއްގައި ހުޅުމީދޫން ހޮސްޕިޓަލަށް އަންނަ މީހުންނަށް މިފަދަ ހާދިސާތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ސެކިއުރިޓީން ބައިތިއްބާފައިވާ އިރު ތަނުގެ ސެކިއުރިޓީ ނުބެލެހެއްޓޭ މައްސަލައަކީ އަބަދުވެސް ގިނަ މީހުންގެ ޝަކުވާއެކެވެ. ހޮސްޕިޓަލް މިހާރު ހަދާފައިވާ ގޮތުން ރޭގަނޑު ވަކި ވަގުތަކުން ފެށިގެން ބަލިމީހުން ތިބޭ ސަރަހައްދަށް ނުވަދެވޭނެ ހެން ބަންދދު ކުރެވެއެވެ. ހޮސްޕިޓަލަށް މިބަދަލު ގެނައުމުގެ އެއް ބޭނުމަކީވެސް ބަލި މީހުންނާއި، އެހީތެރިންނަށް ރައްކާތެރިކަން ދިނުމެވެ.
ފޭރުގެ ގިނަ މައްސަލަތައް ހޮސްޕިޓަލުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މިކަމަކީ ކަމާއިބެހޭ ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއްދޭ މައްސަލައެއް ނޫންކަން، ހޮސްޕިޓަލުގެ އިންތިޒާމު ހުރި ގޮތުން އެނގެއެވެ.
Facebook Comments