ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ދައްކަން މިއުޅެނީ އިއްޔެގެ ނުވަތަ މިއަދުގެ ވާހަކައެއް ނޫނެވެ، އެތައް ޒަމާނެއްވީ އެތައް ތަފާތުކުރުމެއްހުރި ވާހަކަ ތަކެކެވެ. ދައުލަތާއި އާއްމުންގެ އެހެނިހެން މުއައްސަސާތަކުގެ މެދުގައިވެސް އެބައެއްގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ދެބައެއް ނުވަތަ ދެ ދަރަޖައިގެ ބައެއްގެ ވާހަކައެވެ.
އާއެކެވެ. ރާއްޖެތެރޭ މީހުން ނުވަތަ އަތޮޅުތެރޭ މީހުންނާއި މާލޭ މީހުންގެ ވާހަކައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ބޭފުޅުންނާއި ނިކަމެތިންގެ ވާހަކައެވެ.
ފުރަމާލެއަކީ ދިވެހި ރާއްޖޭގެ ވެރިކަންކުރާ ރަށެވެ. މާލޭގައި ހެދިފައިވާ ބިނާތަކާއި ގެނެވިފައިވާ ތަރައްޤީއަކީ މުޅި ދިވެހި ރައްޔިތުންގެ މުދަލުން ގެނެވިފައިވާ ތަރައްޤީއެވެ. މާލޭގެ މަގެއްގައި ބާއްވާފައިވާ ކޮންމެ ގާ ފޮއްޗަކީވެސް އޭގާ މާލޭ މީހުންނެކޭ އެެއްފަދައިން އަތޮޅުތެރޭ މީހުންގެ ހިއްސާވެސް އެކުލެވިގެންވާ އެއްޗެކެވެ.
ވަޒީފާ އަދާކުރުމަށް މާލެ ފެއިބުމައް ކުޑަސިޓީ ހައްދަން ޖެހުނު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ދަރިއަކަށް ކިޔަވާދިނުމަށް ނުވަތަ އެެންވެސް ބޭނުމެއްގައި މާލޭގައި ބަހައްޓާނަމަ ގެންނަންޖެހޭ ވެދުންތައް ގެނެވުނު ދުވަސްވެސް ގާތްގަނޑަކަށް މިހާރު މިވަނީ ނިމިފައެވެ. މިއީ އަތޮޅުތެރޭ މީހުންނަށް ލިބުނު ކުރިއެރުމެއްކަމަށް ބެލެވިދާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ. އަދިވެސް މުހިއްމު ބޮޑެތި ކަންކަމުގައި މާލޭ މީހުންނާއި އެތޮޅުތެރޭމީހުން ކިރާލެވެނީ ދެ ދަރަޖައެއްގައިކަމަށް ބެލެވިދާނެއެވެ.
ވަޒީފާގެ ފުރުސަތަށް ބަލަމާ ހިނގާށެވެ. އަތޮޅުތެރޭގައި އެކަށީގެންވާ މިންވަރަށް ވަޒީފާގެ ފުރުސަތެއް އެބައޮތްތޯއެވެ. އެހެނެއްކަމަކު ވަޒީފާއެއް ބޭނުންނަމަ އަންނަން މިޖެހެނީ މާލެއާއި މާލެ ކައިރި ސަރަހައްދަށެވެ. ދެ ދަރަޖަދެއްތޯއެވެ؟
ތައުލީމު ކިހިނެއްތޯއެވެ. ހަމަ މިކަހަލަ ގޮތެކެވެ. ރަނގަޅު ފެންވަރެއްގެ ތައުލީމެއް ލިބެނީ މާލެއިން އެކަންޏެވެ. އަނެއްކާވެސް ތައުލީމު ހޯދަން ބޭނުންނަމަ އެނބުރި މާލެ ވަޑައިގަންނަވާށެވެ. ދެ ދަރަޖަ ދެއްތޯއެވެ.
ސިއްހީ ހިދުމަތްވެސް ހަމަ މިކަހަލަގޮތެކެވެ. ބޮޑުކަމެއް ދިމާވެއްޖެނަމަ ހުރިހާކަމެއް ދޫކޮށްފައި މާލެ އައުން ނޫން އެހެންގޮތެއް އަތޮޅުތެރޭގެ މީހުންނަށް އޮންނާނެ ދުވަހެއް ނުވެސް އެނގެނީއެވެ. ދެ ދަރަޖަ ދެއްތޯއެވެ.
ލަފާފުރުމާއި ސާފު ބޯފެނާޢި ނަރުދަމާއާއި ބަނދަރާއި މަގުތަކާއި މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އަތޮޅުތެރޭގެ 99 އިންސައްތަ ރަށުގައިވެސް މިއިން އެއްވެސްކަމެއް އެކަށޭނަ ގޮތުގައި ނެތެވެ. ދެ ދަރަޖަ ނޫންތޯއެވެ.
ނަމަވެސް ދަންނަވަންތޯއެވެ. މިވާހަކަ މިގޮތައް ދައްކާ ކޮންމެ ފަހަރަކު މިއަށްދޭނެ ވަރަށް ފުރިހަމަ ޖަވާބެއް “އެބޭފުޅުން”ގެ އަތުގައި އޮވެއެވެ. މާލޭގައި އުޅެނީ ހަމައެކަނި މާލޭ މީހުންހެއްޔެވެ. މާލޭގައި ދިރިއުޅޭ ބޮޑުބަޔަކީ އަތޮޅުތެރޭ މީހުންކަމާއި މާލޭގައި ދެވޭ ހިދުމަތްތަކުގެ ބޮޑުބައެއް ބޭނުންކުރަނީ އަތޮޅުތެރޭގެ މީހުންކަމަށްބުނެ ދެވޭ “ޒުވާބެވެ” އެހިސާބުން އެނިމުނީއެވެ. މިހާރު ދެ ދަރަޖައެއް ނެތެއްނޫން ދެއްތޯއެވެ.
އެހެނެއްކަމަކު އަތޮޅުތެރޭ މީހާ މާލެ އަންނަނީ ކުރިން ދެންނެވި އެއްވެސް ހިދުމަތެއް ރަށުން ލިބެން ނެތުމުންކަން ހަނދާނެއް ނުހުރެއެވެ. އަތޮޅުތެރެއިން މާލެއައިސް ވަޒަންވެރިވެގެން އުޅޭ ގިނަ މީހުންނަކީ އެއްތަނަށްވުރެ ގިނަ ތަނުގައި ވަޒީފާއަދާކުރާ ބައެއްކަމާއި ގިނަ ފަހަރަށް ދޭއް ނުވަތަ ތިން ޑިއުޓީ “މަރާ” ބައެއްކަންވެސް ހަނދާނެއް ނުހުރެއެވެ. އަމުދުން އެވަރުން ލިބޭ އާމްދަނީގެ 70 އިންސައްތައަށްވުރެ ބޮޑުއެއްޗެއް ހޭދަކުރަންޖެހެނީ “ކުއްޔަށް”ކަން ހަނދާންކުރަން ބޭނުމެއެވެސް ނުވެއެވެ. ދެ ދަރަޖަ ނުދެވޭތޯއެވެ.
ދެން އެހެންވާހަކައެކެވެ. އަޅުގަނޑުމެންގެ ގްރޭޓް ހުޅުމާލެއެވެ. ތަރައްޤީކުރަނީ އެއްކަލަ ރާއްޖެތެރެ ނުވަތަ އަތޮޅުތެރޭ މީހާގެވެސް ހިއްސާ އޮންނަ ފައިސާއިންނެވެ. ދަރަޏަށް ޒިންމާވާން ޖެހެނީވެސް އެރަށު މީހަކަށް މިރަށު މީހަކަށް ހަމަ އެއް ނިސްބަތުންނެވެ. ފެލެޓެއް އެޅިޔަސް އަޅަނީ ހަމަ އެއްކަލަ މީހާގެވެސް ހިއްސާ އޮންނަ ފައިސާއިންނެވެ.
ނަމަވެސް! ފްލެޓަށް ކުރިމަތިލާން ހުޅުވާލާ ހިސާބުން މާލޭ މީހާއަށް ވަކި ފޯމެއް އަތޮޅުތެރޭ މީހާއަށް ވަކި ފޯމެކެވެ. މާކްސް ލިބެނީވެސް ދެ ދަރަޖައަކުންނެވެ. އަދިވެސް ކިޔަންވީ ދެ ދަރަޖައިގެ ބައެއް ނޫންކަމަށްތޯއެވެ. ނޫނެކެވެ. އެއްބަސް ވިޔަސް ނުވިޔަސް ހަމަމިއީ ދެ ދަދަރަޖައިގެ ރައްޔިތުންގެ ޤައުމެވެ.!
Facebook Comments