ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ތައިލެންޑުގެ ވައި ނުސާފުވެ ސިއްހަތަށް ނުރައްކާވާ ދަރަޖައަށް ދިއުމުން، އާޓިފިޝަލް ވާރޭ ވެއްސަން މަސައްކަތް ފަށައިފި އެވެ.
ރޮޔަލް ރެއިންމޭކިން އެންޑް އެގްރިކަލްޗަރަލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ އާޓިފިޝަލް ވާރޭ ވެއްސަން (ކްލައުޑް ސީޑިން) އަށްބޭނުންކުރާ ދެ އެއާކްރާފްޓް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހާ ހަމަޔަށް އުދުހޭނެ ކަމަށެވެ. އެތަނުން ބުނީ މި މަސައްކަތާ އެކު، އިރުމަތީ ސަރަހައްދުތަކަށް ރޭގަނޑު ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ވާރޭ ވެހިއްޖެ ނަމަ ޖައްވު ސާފުވެ، ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދުކުރެ އެވެ.
ވެހިކަލްތަކުން އަރާ ދުމުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން އަރާ ކުނޑި އާއި ދުމުގެ މައްސަލަ ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އެހެންވެ، މަސައްކަތްކުރާ ތަންތަނަށް ވަނީ ވައި ނުސާފުނުވާނެ ގޮތްތައް ހޯދަން އަންގައިފަ އެވެ.
މީގެ އިތުރުން، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސަރަހައްދުތަކުގައި އާންމުންނަށް މާސްކް ބަހަން ވެސް ވަނީ ސަރުކާރުން ނިންމައިފަ އެވެ. އަދި ވައިގެ ތެރެއަށް ފެން ސްޕްރޭކުރަން ވެސް ވަނީ ފަށައިފަ އެވެ.
Facebook Comments