ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މިދިޔަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުގެރޭ ނ.ލަންދޫ ސިއްޙީ މަރުކަޒުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި އަލިފާންޖަހައި، ރޯކޮށް އެތާންގެ ޚިދުމަތް މެދުކަނޑައިލައި، އެތާންގެ އިދާރީ މަސައްކަތްތައް ހުއްޓުމަކަށް ގެނައިތާ މިއަދަށް 1 މަހަށްވުރެ ގިނަދުވަސްވެފައިވާއިރު މި ޙާދިސާއަށް ސަރުކާރުގެ ސަމާލުކަމެއް ނުލިބުނު ކަމަށް އެރަށުން ބުނެފިއެވެ.
ނ.އަތޮޅުގެ އޮންލައިން ނޫހެއްކަމަށްވާ “ނާރެސް” ގައި ބުނެފައި ވަނީ ހާހަކަށްވުރެ ބޮޑު އާބާދީއެއްދިރިއުޅޭ ނ.ލަންދޫގައި ހުރި ސިއްޙީ ޚިދުމަތްދޭ ހަމައެކަނި މުއައްސަސާ ލަންދޫ ހެލްތް ސެންޓަރ ގައި އަލިފާންރޯކޮށް އެތާންގެ ޚިދުމަތް އަކަށީގެންވާ ގޮތެއްގައި ނުދެވޭތާ ފުރިހަމަ މަހެއް ފާއިތުވެގެން ދިޔައިރުވެސް މި އޯގާތެރި ސަރުކާރުގެ ސަމާލުކަމަށް އެކަން ނައި ކަމަށާއި ޒިންމާނަގާނެ ފަރާތެއް ނެތި އެއްވެސް ފަރާތަކުން އެކަމާ އަޅާލައިނުވާ ކަމަށެވެ.
ލަންދޫ ސިއްހީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަސްކައްކާ ބަދިގެއެއްފަދައިން މުޅިޢިމަރާތުގެ ފާރުތަކުގައްޔާއި، ސީލިންގގައި ދުނބުޅި ޖަހާ ސިއްޙީ ޚިދުމަތެއް ދިނުމަށް އެކަށީގެންނުވާ މިންވަރަށް ތަނުގެ ސާފުތާހިރުކަންވެސް ގެއްލި ބޭނުންކުރާންހުރި އާލަތްތައް (ކޮމްޕިއުޓަރުތަކާއި، މޭޒުތަކާއި، އެހެނިހެން ސާމާނު) އަނދާދިއުމުން ސިއްޙީ މަރުކަޒުގެ ފަރާތުން ވަނީ ރަސްމީކޮށް ދައުލަތުގައި އެވާހަކަ ދަންނަވާފައި ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
ނ.ލަންދޫ ސިއްޙީ މަރުކަޒަކީ ނ.އަތޮޅު ހޮސްޕިޓަލްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ތަނަކަށް ވާތީ ސިއްހީ މަރުކަޒުގެ މިފަދަ އެންމެހައި ކަންކަން އަންގަމުން ގެންދަންޖެހެނީ އުޞޫލުތަކާއި، ޤަވާއިދުތައް ހަމަޖެހިފައި އޮންނަގޮތުން އެއިރެއްގައި އަތޮޅު ހޮސްޕިޓަލް ހިންގުމާއި ޙަވާލުވެ ހުންނަ ފަރާތަކަށްކަމަށް ވާތީ އަލިފާނުގެ މި ބޮޑު ހާދިސާ ހިނގި ދުވަހު އެކަން ވަރަށް ތަފްޞީލްކޮށް ނ.އަތޮޅު ހޮސްޕިޓަލް ހިންގުމާއި، ޙަވާލުވެ ހުންނެވި ފަރާތައް އަދި އޭގެ އިތުރުން ހެލްތް މިނިސްޓްރީއަށް ވެސް ވަނީ އަންގާފައެވެ.
މަރާމާތައް ކޮންމެހެންވެސް ބޭނުންވާ ތަކެތީގެ ލިސްޓެއް ފޮނުވަން އެފަރާތުން ވިދާޅުވުމުން އެލިސްޓްވެސްވަނީ ފޮނުވާފައެވެ. ނަމަވެސް 1 ލީޓަރ ގެ 4 ދަޅު، ހުދުކުލަ ފިޔަވައި އެހެން އެއްވެސް އެއްޗެއް އަދި މިހާތަނަށް ލަންދޫ ސިއްޙީ މަރުކަޒަށް ލިބިފައެއް ނުވެއެވެ.
“އިދާރީ ލިޔެކިޔުމަށާއި، ތަންހިންގުމުގައި އެންމެ ބޮޑަށް ބޭނުންވާ ކޮމްޕިއުޓަރު ތަކާއި، މޭޒުތަކާއި، އަދި އިދާރީ ބައިގައި ހުރި ޕާޓިޝަންތަކާއި، އެއަރކޯނާއި، އެބައިގެ ކަރަންޓް ވިއުގައާއި، އެހެނިހެން ސާމާނުތައް އަނދާ އަޅިއަށްވެފައިވާއިރު މިހާރު އެތާންގެ ޙާލަތު އޮތްގޮތް ފެނިއްޖެކޮންމެ މީހަކުވެސް ދެރަވާނެއެވެ. އަކަމާ ހިތާމަކުރާނެއެވެ. ކަންބޮޑުވާނެއެވެ. މިފަދަ މުހިއްމު ޚިދުމަތެއްދޭ ތަނެއް އެފަދަ ހާލަތަކަށް ގޮސް މިހާ ގިނަދުވަސްވެގެން ދާންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު އުފެދޭނެއެވެ.” ނާރެސްގައި ބުނެފައި ވެއެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި މުޅިރާއްޖެ ސާފުކުރަން ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުން ނުކުތްދުވަހު ލަންދޫ ރައްޔިތުންގެ ތެރެއިން ބަޔަކުވަނީ ސިއްޙީ މަރުކަޒަށް ގޮސް އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައިވާ ބައެއް ތަކެތި އެތަނުން ނަގާ އެތަން ސާފުވެސްކޮށްފައެވެ. އެހެންނަމަވެސް އަނދައިގެން ދިޔަ ތަކެތީގެ ބަދަލުގައި ބޭނުންކުރާނެ އެހެން ސާމާނު ނުލިބުމާއި، އަދި ދުނބުޅިއަރާ ކަޅުވެފައިވާ ފާރުތަކާއި، ސީލިންގގައި ކުލަލައި ރީތި ނުކުރެވެނީސް އެތާންގައި އަލުން ޚިދުމަތެއް ފެށޭގޮތް ވަނީ ނުވެފައެވެ.
އެކަމަކު މިޖަވާބުތަކަކީ މިފަދަ ހޭލުންތެރި ޒަމާނެއްގައި އަދި އެކަމުގެ ދަތިތައް ތަޙައްމަލު ކުރަންޖެހިފައިވާ ރައްޔިތަކަށް ބަލައިގަނެވޭނެ ޖަވާބު ތަކެއް ނޫނެވެ. އަދި ކިއެއްތަ ޢާއްމު އިންތިޚާބު ބޯމަތިވެފައިވާ މިދުވަސްވަރު އަމުދުން މީހަކު ޤަބޫލުވެސް ނުކުރާނޭ ޖަވާބުތަކެކެވެ.
ނ.އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ މިދިޔަ ހަފްތާގައި އެކަމާގުޅޭގޮތުން ހެލްތް މިނިސްޓްރީއަށް ގުޅުއްވުމުން ލަންދޫ ސިއްހީ މަރުކަޒުގެ މަރާމާތުގެ ކަންތައް ކުރިއަށް ދާކަމަށް މިނިސްޓްރީން ވިދާޅުވިކަމަށެވެ.
“މަރާމާތުގެ ކަންކަން ކުރިއަށް ދަނީ ކޮންރަށެއްގައި ނުވަތަ ކޮން ހިސާބެއްގައި ކިހާމިންވަރަކަށް ކަމެއް ސާފެއްނުވިއެވެ. ހަމަގައިމުވެސް ލަންދޫގައި އެފަދަ އެއްވެސް ހަރަކާތެއް ނުހިނގާކަމަށް ލަންދޫ ސިއްޙި މަރުކަޒުން ބުނެއެވެ.” ނޫހުގައި ވެއެވެ.
Facebook Comments