ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު، 5-1ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ރޮބާޓް ފިރްމީނޯ ހެޓްރިކް ހަދާފައިވާ އިރު، މެޗުން މޮޅުވެ ލިވަޕޫލް ވަނީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މެންޗެސްޓާ ސިޓީން މިރޭ ކުޅޭ މެޗުން މޮޅު ނުވެއްޖެ ނަމަ، ލިވަޕޫލަށް އެ ލީޑު ދެމެހެއްޓުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ރޭގެ މެޗުގައި އުންމީދާއެކު ފެށީ އާސެނަލުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެލެކްސް އިވޯބީގެ ހުރަސް، އައިންސްލޭ މައިޓް ލޭންޑް ގޯލަށް ވައްދާލާ، އާސެނަލަށް ހުވަފެނީ ފެށުމެއް ގެނެސްދިނެވެ. އެހެން ނަމަވެސް، އެ އުންމީދުތަކަށް މާ ގިނައިރެއް ނުވެ، ދެ މިނެޓް ތެެރޭގައި ލިވަޕޫލް ނަތީޖާ ހަމަހަމަ ކުރިއެވެ.
މުޅި މެޗުގައިވެސް ބަލިކޮށް ފެނުނު އާސެނަލްގެ ޑިފެންސް ތެރެއިން ފޫ އަޅުވާލާފައި ގޮސް، “ނޯ ލުކް” ޝޮޓަކާއެކު ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފިރްމީނޯއެވެ. އަދި ދެ މިނެޓް ފަހުން އަނެއްކާވެސް ފިރްމީނޯގެ ޖާދޫ ފެނިގެން ދިޔައެވެ. އާސެނަލަށް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޮޓޭރޯގެ އަތުން ގެއްލުނު ބޯޅައިެ ފައިދާ ނަގާ، އޭނާގެ ދެވަނަ ގޯލާއެކު އާސެނަލްގެ ހުވަފެން ނިމުމަކަށް ގެނުވިއެވެ.
ހާފް ނިމުމުގެ ކުރިން، ލިވަޕޫލް ވަނީ އިތުރު ދެ ގޯލް ޖަހައި، ނަތީޖާ 4-1އަކަށް ބަދަލުކޮށްލާފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ރޮބާޓްސަންގެ ހުރަސް މާނޭ ނިންމާލި އިރު، މެޗުގެ ފުރަތަމަ ހާފް ނިންމާލީ މުހައްމަދު ސަލާހުގެ ޕެނެލްޓީއަކާ އެކުގައެވެ.
ދެވަނަ ހާފްގައިވެސް އާސެނަލަށް ސަލާމަތެއް ނެތެވެ. ލިވަޕޫލްގެ އެޓޭކް ހިފެހެއްޓުމަށް އެޓީމަށް ނުކުޅެދުނެވެ. 65 ވަނަ މިނެޓުގައި ކޮލާސްނިޗް، ލޮވްރަންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީގައި ލިވަޕޫލް ފަސްވަނަ ގޯލް ޖެހިއެވެ. އެ ޕެނެލްޓީ ސަލާހްއަށް ޖަހަން ލިބުނު ނަމަވެސް، ފިރްމީނޯގެ ހެޓްރިކް ފުރިހަމަ ކުރުމަށް އޭނާ ދިނެވެ.
ސިޓީން މިރޭ ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުމަށްފަހު، އަންނަ ހަފްތާގައި އޮންނާނީ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ވެގެންދާނީ ތާވަލުގެ އެއްވަނައަށް އަސަރު ކުރާނެ މެޗަކަށެވެ.
Facebook Comments