web analytics
ހަގީގީ ހާދިސާ

ލޯބީގެ އާދަޔާހިލާފު ވާހަކައެއް: މިއީ ހަގީގީ ވާހަކައެއް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

“އާންމުކޮށް ތަޅައިގަންނާނީ ބިޓުންގެ މައްސަލަތަކުގަ. ޖަހާއިރު ޖަހާނީ އޭރަކު އަތުގަ ޖެހުނު އެއްޗަކު ޖެހުނު ތަނެއްގަ. ބޮލުގަ އާއި ގައިގެ އެކި ތަންތާގަ. އޭނާ އަދި ހުންނާނީ ވެސް ވަރަށް ބިޔަކޮށް. ދެން އަހަރެން ދާނީ ހަމަ ވިއްސައިގެން. އޭނާ ހިތްހަމަޖެހޭނީ އަހަރެން ގައިގައި ތަޅާ އެއްކޮށް ވަރު ދުއްވާލެވުނީމަ. އެ ނޫން ގޮތަކަށް ހުއްޓައެއް ނުލާނެ. އެއް ދުވަހު ފިހިގަނޑެއް ކުދިކުދި ވަންދެން އަހަރެން ގައިގައި ތެޅި. މިހިރީ އަދިވެސް ލަކުނުތައް،” އަތުގައި ހުރި ލަކުނުތައް ދައްކަމުން މި އަންހެން ކުއްޖާ އޭނާގެ ވާހަކަ ފަށައިގަތެވެ.

މިއީ ފިރިމީހާގެ ރަހުމްކުޑަ އަނިޔާގެ ވަކިތަކުގައި ތާށިވެފައިވާ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ފިރިމީހާގެ އަނިޔާތަކަށް ހަ އަހަރެވެ. އަންހެން ކުއްޖާގެ ރީތި ހަށިގަނޑު ވަނީ އެއްކޮށް ލަކުނުތަކުން ހަޑިވެފަ އެވެ. މި ވާހަކަ ކިޔައިދިންއިރު ވެސް އޭނާގެ ގައިގެ ބައެއް ތަންތަން ހުރީ ދުޅަވެ ހަރުވެ، ނޫފައިގެންފަ އެވެ.

މިއީ ފިރިއެއްގެ އަނިޔާވެރިކަމާއި އަންހެނެއްގެ ބަލިކަށިކަމުގެ ވާހަކަ އެވެ. ސިއްރުތައް ގިނަ އަނިޔާވެރި މައިދައިތައެއްގެ ނުބައި ރޭވުންތަކެއްގެ ވާހަކަ އެވެ. އަދި އާދަޔާހިލާފު ބާރެއްގެ ވާހަކަ ވެސްމެ އެވެ.

މަރިޔަމް (އަސްލު ނަމެއް ނޫން) އަށް އޭނާ ތައާރަފްކޮށްދިނީ ރައްޓެއްސެކެވެ. އޭނާއާ ދިމާވީ ހަވީރު ފިންޏަށް ޕާކަށް ގޮސް އުޅުނު ދުވަހެއްގަ އެވެ. އޭރު މަރިޔަމް އަށް 17 އަހަރެވެ. އޭނާ އަށް 20 އަހަރެވެ. އޭރު ދެ މީހުންގެ ވެސް ބިޓުން ތިބެ އެވެ. ނަމަވެސް ޕާކުން ފެނިލި ފެނިލުމަށް ފަހު ދެ މީހުން ފޯނުން ގުޅުނު ހިސާބަކީ ދެ މީހުންގެ ހިތް އެއް ދިމާލަކަށް ލެނބެން ފެށި ހިސާބެވެ.

“އޭރު އަހަރެން ރައްޓެހިވެގެން އުޅުނު ކުއްޖާއާ ގުޅުން ކެނޑުނީ އޭނާ އިންޑިއާ އަށް ދިޔަ ގޮތަށް ޚަބަރެއް ނުވެ ދުވަސްތަކެއް ވުމުން. އެންމެފަހުން އަހަރެންގެ ހިތް އެނބުރެން ފެށީ ފޯނުން ވާހަކަ ދެއްކި، ޕާކުން ދިމާވި ފިރިހެން ކުއްޖާ އަށް. އޭރު މި ފިރިހެން ކުއްޖާ އަބަދު ގުޅާ، ސްކޫލް ނިމޭ އިރަށް ބަލާ އާދޭ. ދެން ދެ މީހުން ކޮފީ އަށް ދާން ފެށީ،” މަރިޔަމްގެ ހަޔާތުގެ ސަފުހާތައް އޭނާ އުކަން ފެށި އެވެ.

ޕާކުން ދިމާވި ފިރިހެން ކުއްޖާއާ ވާހަކަ ދައްކާތާ ދެ މަސް ފަހުން މަރިޔަމްގެ ހިތް އޭނާ އަށް ބަންޑުންވެއްޖެ އެވެ. ދެ މީހުން ރަސްމީކޮށް ބިޓުންނަށް ބަދަލުވީ އެވެ.

“އެންމެ ފުރަތަމަ ވަރަށް ސްވީޓް. ދުވަހަކު ވެސް ހިތަކަށް ނާރާ އޭނާއާ އެކު ދިރިއުޅުން މިހެން ބަދަލުވެދާނެ ކަމަކަށް،” މަރިޔަމް ފެންކަޅިވެއްޖެ އެވެ.

ލޮލުން ހިލިގެން އައި ކަރުނަ ފޮހެލަމުން ދެން އޭނާ ޖެހިލީ ކުރީގެ އުފާވެރި ހަނދާންތަކުގެ ތެރެއަށެވެ.

“ވަރަށް ކެއަރިން، ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހޯދައިދޭނެ. ލާނެ ހުރިހާ އެއްޗިއްސާއި ކަންފަތުލާ އެއްޗެހި ވެސް ހޯދައިދެނީ އޭނާ. ބޯކޮށަންދާނީ އަހަރެން ގޮވައިގެން ސެލޫނަށް ގޮސް މޭކަޕް ކުރާ އެއްޗެހި ހޯދައިދޭނީ ވެސް އޭނާ،” ފެންކަޅިވެފައިވާ ހާލުގައި މަރިޔަމް ކުރިއަށް ދިޔަ އެވެ.

“ބަލިވިޔަސް އަހަރެންގެ އާއިލާ އަށް ވުރެ ބޮޑަށް އަހަންނަށް ބަލާނެ. ޑޮކްޓަރަށް ގޮސް، އެޑްމިޓްކުރިޔަސް އަބަދު އަހަންނާ އެކު އުޅޭނެ. އެހެން އުޅެނިކޮށް އެއްފަހަރު އޭނާ ވެސް ބަލިވީ. އަހަރެންގެ ހުންގަނޑު ޖެހުނީ. ދެން އޭނާ އެޑްމިޓްވެގެން އޮތީ ވެސް އަހަންނާ ޖެހިގެން ހުރި އެނދުގައި. އޭނާ ބޭނުން ނުވީ އެހެން ރޫމަކަށް ދާން ވެސް.”

އެންމެ ފުރަތަމަ ދެ މީހުންގެ އާއިލާ ވެސް އޮތީ ރަނގަޅަށެވެ. ނަމަވެސް ވަކި ހިސާބަކުން ފިރިހެން ކުއްޖާގެ އަސްލު ސިފަ ހާމަވާން ފެށުމުން އަންހެން ކުއްޖާގެ އާއިލާ މި ދެ މީހުންނާ ތަންކޮޅެއް ދުރަށް ޖެހިލީ އެވެ. އޭރު ފިރިހެން ކުއްޖާގެ އަސްލު ސިފައިގެ އިންޒާރު އޭނާގެ އަމިއްލަ މަންމަ ވެސް އޮތީ މަރިޔަމް އަށް ދީފަ އެވެ.

އޭނާ އަކީ އަމިއްލަ މަންމަގެ ގައިގައި ވެސް ތަޅައިގަންނަ ފިރިހެނެކެވެ. މަންމަ އިންޒާރު ދީފައި އޮތީ މިހެންނެވެ.

“އޭނާގެ ފަރާތުން އެންމެ ފުރަތަމަ ބަދަލުތަކެއް ފެންނަން ފެށީ އަހަރެން ދައްތައާ އެކު ލަންކާ އަށް ކުރި ދަތުރު ނިންމާލާފައި އެނބުރި މާލެ އައިފަހުން. އޭނާ ބުނީ ކަމުދާ އެހެން އަންހެން ކުއްޖަކު ފެނުނީޔޯ. ކިޔާފަ އެ ކުއްޖާ ވެސް އަހަންނަށް ދެއްކި. އެކަމަކު ފަހުން އެ މައްސަލަ ހައްލުކޮށްފަ ބުނީ އަހަންނާއޭ އިންނާނީ ވެސް،” މަރިޔަމް ދިޔައީ އޭނާގެ ވާހަކައާ އެކު ކުރިއަށެވެ.

ދެން ޖެހެން ފެށީ ފިރިހެން ކުއްޖާ އެހެން އަންހެން ކުދިން ގާތަށް ދާ މައްސަލަ އެވެ. އޭރު ވެސް އޭނާ ވަރަށް ރުޅިގަދަ އެވެ. އާދައިގެ މައްސަލަތަކުގައި ވެސް އަބަދު މަރިޔަމް އޮންނަނީ އޭނާގެ އަތް ދަށުވެފަ އެވެ. މި ޒުވާން އަންހެން ކުއްޖާގެ ހަޔާތުގެ ވާހަކަ އަށް އެހެން ޓްވިސްޓެއް އަންނަނީ މި ހަމަނުޖެހުންތަކުގެ ތެރޭގައި ދެ މީހުން ތާށިވެފައި ތިއްބަ އެވެ.

“ދެން ހުރިހާ ސައިކެޓްރިސްޓުން ވެސް ބަލާފަ ބުނީ، އެއީ ބައިޕޯލާއޭ. އެ ހިސާބުން އޭނާ ޑައިގްނޯސް ކުރީ ބައިޕޯލާ ޑިސްއޯޑާ އަށް. ވަރަށް އަވަސް އަވަހަށް މޫޑް ބަދަލުވާނެ. ރުޅިއައިސްފިއްޔާ ވަރަށް ނުރައްކާވާނެ. ލޯބިން އުޅޭއިރު ނިކަން ލޯބިވާނެ. ހުރިހާ ކަމެއްގަ ވެސް ހުންނާނީ އަބަދު އޯވާވެފައި،” މަރިޔަމް ބުންޏެވެ.

ލޯބިވެރިޔާގެ މި އަސްލު އެނގުނު ހިސާބުން އޭނާ ދެކެ މަރިޔަމް ފާޑަކަށް ބިރުގަތީ އެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ކުރިއަށް ދާން ޖެހިލުންވީ އެވެ. އޭރު ދެ މީހުން ކައިވެނިކުރުމަށް އޭނާގެ މަންމަ ދަނީ ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. ނަމަވެސް މަރިޔަމްގެ ލޯބި އޭރު އޮތީ ދެ ކަފިވެފަ އެވެ. ދެ މީހުންގެ ގުޅުމަށް އޭރު ދެ އަހަރުވެއްޖެ އެވެ.

ބޭސް ނަގަން ފެށުމުން ލޯބިވެރިޔާގެ ނުރައްކާ ކުޑަވިޔަސް މަރިޔަމް ހުރީ ގުޅުން ކަނޑާލަން ނިންމައިގެންނެވެ. އެ ވާހަކަ އޭނާ ކައިރީގައި ވެސް ބުންޏެވެ.

“އެކަމަކު އެކަމެއް ނުކުރެވުނު. އޭނާ އެގޮތަށް ދޫކޮށްލަން ހިތްހަމައެއް ނުޖެހުނީ. އޭރު އޭނާގެ އާއިލާ އިން، ހާއްސަކޮށް އޭނާގެ މަންމަ ވަރަށް ބާރު އަޅާ ދެ މީހުން ކައިވެނިކުރަން. އޭނާ ދޫކޮށްނުލުމަށް ވެސް އަހަރެން ގާތު އެދިފަ އޮތީ. އެމީހުން ބުނީ އެގޮތަށް އޭނާ ދޫކޮށްލައިފިއްޔާ އޭނާ މޮޔަވެސް ވެދާނެޔޭ،” ގޮސް ހުސްވެފައި ހުންނަން ޖެހުނު ގޮތް މަރިޔަމް ކިޔައިދިނެވެ.

“ދެން އެންމެފަހުން އިނީ. އަސްލު އެހާ ލޯބިންނެއް ނޫން އިނީކީއެއް.”

ދެން އައީ ކައިވެނީގެ ދުވަސްތަކެވެ. މައްސަލަތައް އިތުރަށް ގޯސްވާން ފެށީ އެވެ. ފިރިމީހާގެ ވަގު ބިޓުންގެ މައްސަލަތައް ފުލުފުލުން ފެންމަތިވާން ފެށީ އެވެ. މަސްތުވާތަކެއްޗާ އެކު އޭނާ އަމަލުވާން ފެށީ އެވެ. ހެސްކިޔާފަ އަނިޔާވެރި ވެސްވީ އެވެ.

“އޭރު އޭނާ އުޅޭނީ ވެސް ވަޅިއަކާއި ކަތުރެއް ވެސް ހިފައިގެން. ވަރަށް ރުޅިގަދަވާނެ. ފިހާރައަކަށް ގޮސްފަ އެއްޗެއްގެ އަގު ބޮޑުވިޔަސް އެ ތަނުގެ މީހުންނަށް ވެސް ބިރު ދައްކަފާނެ. ލޯބިން ގެންގުޅޭ ޕެޓް ނުކައިގެން ރުޅިގަދަވެގެން އެއަށް ވެސް އަނިޔާކޮށް ބިރު ދައްކައި ހުތުރު އެއްޗެހި ކިޔާނެ. މޮޔަވެފަ ހުންނަނީ ފާޑަކަށް. ގެންގުޅޭ ޕެޓްގެ ކަރުގަ ވެސް ހިފާނެ،” ފިރިމީހާގެ އަސްލު ސިފަ މަރިޔަމް ކުރަހާލި އެވެ.

“މި ގޮތަށް މައްސަލަ ގޯސްވާތީ އަހަރެން ހުންނާނެ އޭނާ އަށް ދުވަހުން ދުވަހަށް އަންނަ ބަދަލުތައް ވެސް ފޮތެއްގައި ލިޔެފަ. ދުވަހުން ދުވަހަށް ވާ ހުރިހާ ކަމެއް ހުންނާނެ އޭގައި ލިޔެފަ. އޭނާގެ މޫޑް ހުންނަ ގޮތާއި ބޭސްނުކާ ދުވަސްތައް ވެސް ވަކިން ނޯޓްކުރަން. އެއީ ގިނަ ފަހަރު އޭނާގެ މައުލޫމާތު ޑޮކްޓަރުންނާ ހިއްސާކުރަން ވެގެން.”

ފިރިމީހާގެ މި އަނިޔާވެރިކަމަށާއި ބަލިގަނޑަކަށް ފަރުވާއެއް ނުލިބި ދުވަސްތައް ދިގުދެމެން ފެށީ އެވެ.

“ވަރިވާން އެދިގެން މިހާރު ވެސް އެތައް ފަހަރަކު ކޯޓަށް ދެވިއްޖެ. އަނިޔާކުރާ މައްސަލަ އާއި އެހެން މައްސަލަތަކުގެ ވާހަކަ ބުނުމުން ކޯޓުން ބުނަނީ ބޭނުން ނަމަ ވަގުތުން ވެސް ވަރިކޮށްދީފާނަމޭ. އެކަމަކު ވެސް އެންމެފަހު ވަގުތު ހަމަ އޭނާ ދޫކޮށްލާފައި ނުދެވެނީ. ދެރަވަނީ އޭނާ ދޫކޮށްލަން،” މަރިޔަމް ހުރީ ގޮތްހުސްވެފަ އެވެ.

“ރުޅި އައިސްގެން މިހާރު އެތައް ފަހަރަކު ވަރި ވެސްކޮށްފި. އެކަމަކު އޭނާގެ މެޑިކަލް ސެޓްފިކެޓްތައް ބަލާފައި ކޯޓުން ބުނަނީ އެގޮތަކަށް ވަރިއެއް ނުވެވޭނެޔޯ. އެއީ އޭނާ ބުއްދި ސަލާމަތުން ހުރެ ކުރި ކަމަކަށް ނުވާތީޔޯ. އޭރު އަހަރެން ވަރިކުރި ވާހަކަ އޭނާ އޮންނަނީ އެތައް ބަޔަކަށް ކިޔައިދީފައި،” މަރިޔަމް ދިޔައީ އޭނާގެ ވާހަކައާއިގެން ކުރިއަށެވެ.

“ދެން އޭނާއާ ރުޅިވާން އުޅެއުޅެ ރުޅިނުވެވިގެން އެންމެން ވެސް ބުނަނީ މިއީ ފަންޑިތަވެރިކަމެކޭ. އޭނާގެ މަންމަ އަހަންނަށް ހަދާފައި ހުރި ނުބައި ސިހުރެކޯ”

ދެ މީހުން އެކުގައި އުޅޭތާ މިހާރު ހަ އަހަރެވެ. މަރިޔަމް މިހާރު ގަބޫލުކުރަނީ އޭނާ އަށް ޖެހިފައިވަނީ ނުބައި ފަންޑިތަވެރިކަމެއްގެ ބަލާ ކަމަށެވެ. ފަހަރެއްގައި މިއީ މާ ބޮޑަށް އުއްމީދު ގެއްލުމުން އޭނާގެ ބޮލަށް ވަދެފައިވާ ހިޔާލެކެވެ. ނަމަވެސް އޭނާ އަށް ފިރިހެން ކުއްޖާއާ ދުރު ނުވެވޭ ގޮތަށް ބަޔަކު ނުބައި ސިހުރެއް ހަދާފައި ހުރެދާނެ ކަމަށް ގަބޫލުކުރެވޭ ވަރަށް މި ވާހަކަ ވެސް ދިގެވެ.

“މީހަކަށް ދެއްކީމަ ބުނީ ހުރީ ކިޔެވެލިތަކެއް ކިޔަވާފަ ހުރި ފޮނި އެއްޗެހިތަކެއް ކާން ދީފައޭ. ދުވަހަކު ވެސް އަހަންނަކަށް އެހެން މީހެއް ގާތަކަށް ނުދެވޭނެޔޭ. އެ ވާހަކަ އެންމެ ފުރަތަމަ އަހަރެން ގަބޫލެއް ނުކުރަން،” މަރިޔަމް އަނެއްކާވެސް އޭނާގެ ވާހަކަ ފެށި އެވެ.

މަރިޔަމް މި ފިރިހެން ކުއްޖާއާ ރައްޓެހިވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭނާއާ ކައިވެނިކުރަން މަޖުބޫރުވުމުގެ އަސްލަކީ ފިރިހެން ކުއްޖާގެ މަންމަ އެވެ. އަދި ދެ މީހުންގެ ހަޔާތުގައި ފަނި އެޅުމުގެ އަސްލު ވެސް ގުޅިފައި ވަނީ މި މައިދައިތައާ އެވެ.

“އެއް ދުވަހަކު ގުޅާފަ ފިރިމީހާ ބުނީ އޭނާގެ ގެއަށް އާދެބަލާށޭ، އެއްވެސް ކަމެއް ނުކުރާނަމޭ. އޭރު ދެ މީހުން އުޅެނީ ވަކިން. އެއީ އޭނާ ހަމައިން ނެއްޓުނު ދުވަހެއްގައި އަހަރެން ވަރިކުރުމާ ގުޅިގެން،” މައިދައިތަގެ އަސްލަށް ވާސިލުވުމަށް މަރިޔަމް އޭނާގެ ވާހަކަ ފެށި އެވެ.

“ދެން ވަރަށް ބުނެގެން އަހަރެން އެގެއަށް ދިޔައީމަ އެނގުނީ އޭނާގެ މަންމަ އަހަރެންނޭ ކިޔާފަ ފާޑުފާޑުގެ ވާހަކަ ދައްކައިގެން ރުޅިއައިސްގެންކަން މި އުޅެނީ. ދެން އަހަރެން ގޮސް ވަންތަނުން، އައިގޮތަށް އައިސް ކޮޅުފައިން ޖެހީ އަހަރެންގެ އަތުގަ. އެ އެތިފަހަރާ އެކު އަތުގެ ކުޑަހުޅުން ބިންދައިގެން ދިޔައީ. އޭނާގެ މަންމަ ވެސް ހުރި، އަހަރެން ރޮއިގަތުމުން ވެސް އޭނާ އެއްވެސް ކަމެއް ނުކޮށް ހަމަ ހުރީ އަޅާވެސް ނުލާ.”

މަރިޔަމް އާއި އޭނާގެ ފިރިމީހާއާ ދެމެދު މައްސަލަ ޖެހޭ ގޮތަށް މަރިޔަމްއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ ފިރިހެން ކުއްޖާގެ މަންމަގެ އާދައެކެވެ. މީހުންގެ ދެމެދަށް ވަދެ ފިތުނަ އުފައްދައިގެން ދިރިއުޅުންތައް ހަލާކުކުރުމަކީ އޭނާގެ އާންމު ކަމެއް ކަމަށް މަރިޔަމް ބުނެ އެވެ.

ނަމަވެސް މަރިޔަމް ބުނަނީ އޭނާ އާއި ފިރިމީހާ ދުރުކުރުވުމުގެ ބަދަލުގައި ބޮޑަށް ގަބޫލުކުރެވެނީ، ދެ މީހުން ތަތްކޮށް މައްސަލަ އުފެއްދުމަށް މައިދައިތަ މަސައްކަތްކުރާ ކަމަށެވެ.

މަރިޔަމް އެހެން ވިސްނުމެއް ވެސް ގެންގުޅެ އެވެ.

“ބޮޑަށް ބެލެވެނީ އޭނާ ބަލަން ޖެހޭތީ އެކަން ނުކުރަން އޭނާގެ އާއިލާ އިން އަހަރެންގެ ބޮލަށް އޭނާ ޖަހާލައިގެން އުޅެނީއޭ ކޮންމެވެސް ކަހަލަ ކަމެއް އަހަންނަށް ހަދައިގެން. ދެ މީހުން އަވަހަށް ކައިވެނިކުރަން ބާރު އެޅީ ވެސް އެހެންވެގެންނޭ މިހާރު ހިތަށް އަރަނީ.”

އޭނާގެ ފިރިމީހާ އަކީ އެ އާއިލާގެ އެންމެ ބަލިކަށި މީހާ އެވެ. ދެން ތިބި އެންމެންނަކީ ހަމަޖެހޭ މީހުންނެވެ. އެހެންކަމުން މަރިޔަމް އަށް ގަބޫލުކުރެވެނީ ނަފްސާނީ ބަލިކަމުގައި ހަލާކުވެފައިވާ ފިރިހެން ދަރި އެއްލާލަން އޭނާގެ މަންމަ ރޭވުންތައް ރާވާ ކަމަށެވެ.

“މައްސަލަ އެންމެފަހުން ބޮޑުވެގެން އަހަރެންގެ އާއިލާ އިން އަހަރެން ގޮވައިގެން ގޮސް ފަންޑިތަވެރިޔަކަށް ދެއްކީމަ ބުނީ ފަންޑިތަ ހަދާފަހުރި ވާހަކަ،” މަރިޔަމްގެ ދިރިއުޅުން އަނެއް ފުށަށް ޖަހާލި ހިސާބަކީ މިއީ އެވެ.

ފިރިމީހާގެ އާއިލާ އިން އޭރު އޭނާއަކަށް އެހާ އަޅައެއް ވެސް ނުލަ އެވެ. ކަމެއް ދިމާވެގެން އެ އާއިލާގެ އެހީއަކަށް އެދުނަސް އޭނާގެ މަންމަ އަބަދުވެސް ދިން ޖަވާބަކީ “ތިޔައީ މިހާރު ކަލޭގެ މައްސަލައެއް” ކަމަށް ބުނެ ދިން ވަރިހަމަ ޖަވާބެވެ.

“އެންމެ ފުރަތަމަ ފަންޑިތައޭ ބުނީމަ އެ ވާހަކަ ގަބޫލެއް ނުކުރަން. އެކަމަކު ފަހުން ލަންކާ އިން ވެސް މީހުންނަށް ދެއްކީމަ ބުނީ މިއީ ހަމަ ފަންޑިތައޭ. އެމީހުން ބުނީ ޖެހޭނީ ސިހުރު ބާތިލުކުރާށޭ،” މަރިޔަމް ބުންޏެވެ.

އޭނާ ބުނީ ފިރިމީހާގެ މަންމަ މީހުންނަށް ގެއްލުން ދޭން ފަންޑިތަ ނެހެދިޔަސް ސިހުރުވެރިން ލައްވައި އެކަން ކުރުވާ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ. މީހަކަށް ފައިސާ ދީގެން މަންމަ ފަންޑިތައެއް ހަދާފާނެ ކަމަށް މަރިޔަމްގެ ފިރިމީހާ ވެސް ގަބޫލުކުރެ އެވެ. އެއީ އޭނާ ކޮންމެ ހާލެއްގައި އުޅުނަސް، އޭނާގެ މަންމަގެ އަސްލު ސޫރަ އޭނާ އަށް ރަނގަޅަށް ފެނިފައި ހުރީމަ އެވެ.

“މިއީ ފަންޑިތައިގެ ކަމެކޭ ބުނިން ފިރިމީހާއާ ދިމާލަށް ވެސް. ދެ މީހުންނަށް ވަކިނުވެވިގެން މި އުޅެނީ. އެހެން ބުނީމަ އޭނާ ބުނީ، ހަތިމުގަ އަތްލާފަ، މަންމައަކީ ފަންޑިތަ ހަދާ މީހެކޭ، މަންމަ ހަދާފާނެޔޭ. މަންމަ ކުރާ ކަންތައް ލޮލުން ދެކުނީމޯ،” ފިރިމީހާއާ ހަވާލާދީ މަރިޔަމް ކިޔައިދިނެވެ.

މިހާ ހިސާބުން އަދި މި ވާހަކަ ނިމުނީއެއް ނޫނެވެ.

“ދެން އަހަރެންގެ މި ދެ އަތުން ވެސް އޭނާގެ މަންމަ ދިން އެއްޗެއް އާ ސަހަރާގެ މަހާނަ ގަލެއް ދަށުގަ ވެސް ވަޅުލިން. އަހަންނަކަށް މިހާރަކު ނޭނގޭ އެއީ އަހަންނަށް ހެދި އެއްޗެއް ނޫން ކަމެއް ވެސް. ބުނީ ކޮންމެ ވެސް ދެ މީހަކު ދުރުކުރުވަން ކުރާ ކަމެކޯ. އޭރު އަހަންނަށް 19 އަހަރު. މާ ބޮޑު އެއްޗެއް ނުވިސްނޭ،” ފިރިމީހާއާ ރައްޓެހިވެގެން އުޅުނު ދުވަސްތަކުގެ ހަނދާންތަކުން މަރިޔަމް ކިޔައިދިނެވެ. “އެހެންވީމަ މިހެން ކަންތައް ވެފަ ހުރީމަ އަހަންނަށް ވެސް މިހާރު ގަބޫލުކުރެވޭ މިއީ ވެސް ފަންޑިތަވެރިކަމެއް ހެން. އޭނާގެ މަންމަ އަކީ ގަވާއިދުން ފަންޑިތަ ހަދާ މީހުން ގާތަށް ދާ މީހެއް.”

މަރިޔަމް ބުނަނީ ފިރިމީހާ ދެކެ ކުރިންވި ލޯބި މިހާރު ނެތް ކަމަށެވެ. ނަމަވެސް އޭނާ ކައިރިން ވަރިވާން ވިސްނާ ކޮންމެފަހަރު ވެސް އެންމެފަހު ވަގުތު އަބަދުވެސް ހިޔާލު ބަދަލުކޮށްލަނީ ކަމަށެވެ.

“ވަރިވާން އެދިގެން މިހާރު ވެސް އެތައް ފަހަރަކު ކޯޓަށް ދެވިއްޖެ. އަނިޔާކުރާ މައްސަލަ އާއި އެހެން މައްސަލަތަކުގެ ވާހަކަ ބުނުމުން ކޯޓުން ބުނަނީ ބޭނުން ނަމަ ވަގުތުން ވެސް ވަރިކޮށްދީފާނަމޭ. އެކަމަކު ވެސް އެންމެފަހު ވަގުތު ހަމަ އޭނާ ދޫކޮށްލާފައި ނުދެވެނީ. ދެރަވަނީ އޭނާ ދޫކޮށްލަން.” މަރިޔަމް ބުންޏެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މައްސަލައަކީ ކުއްޔަށް އުޅެން މަޖުބޫރުވާގޮތަށް ”މާލޭ ސަރުކާރުން“ ސިޔާސަތު ރޭވުން!

ސުވާދީބު

“ޖިންނި ދިޔައީ ދަރިފުޅު މޫނުގައި ވަކި އަޅާފައި”

ސުވާދީބު

ހަޤީޤީ ޙާދިސާ: ޕީރިއަޑް ލަސްކުރާބޭހުގެ އަނދިރިފަރާތް އަންހެން ކަނބަލުން ސަމާލުވޭ

ސުވާދީބު
Share