ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ބެންކޮކް (ޖެނުއަރީ 11) – ޖެނުއަރީ 5، ހޮނިހިރު ދުވަހު ވުޖޫދުވި ޓްވިޓާގެ އާ އެކައުންޓަކުން ބޮޑު ހާދިސާއެއް ކުރިމަތިވާން އުޅޭކަމުގެ ނިޝާންތައް ފެންނަމުން ދިޔަ އެވެ. ކުވޭތުގައި ތިބި އާއިލާގެ މެންބަރުން ދޫކޮށް ސައުދީ އަރަބިއާގެ އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލް ގުނޫން ބެންކޮކަށް ދަތުރު ކުރުމަށް ފަހު އޭނާ އަށް ކުރިމަތިވަމުން ދިޔަ ކަންކަން އެއާޕޯޓް ހޮޓަލުގެ ކޮޓަރިއެއްގައި ހުރެގެން ޓްވިޓާގައި ފުލުފުލުގައި ހިއްސާ ކުރަމުން ދިޔަ އެވެ. އޭރު އޭނާގެ އެކައުންޓް ފޮލޯކުރަމުން ދިޔައީ އެންމެ 24 މީހުންނެވެ.
“މިއީ އާއިލާ އަށް ފިލައިގެން ތައިލެންޑަށް ގޮސް ހުރި ކުއްޖެއް. އަހަރެމެން މިހުރީ ހަގީގީ ނުރައްކަލެއްގެ ތެރޭގައި. ސައުދީ އެމްބަސީން ދަނީ އަހަރެން ފޮނުވާލަން މަސައްކަތް ކުރަމުން،” އަރަބި ބަހުން އޭނާ ކުރި ފުރަތަމަ ޓްވީޓްގައިވެ އެވެ.

ދެން އޭނާ ކުރީ އަޅައި ނުލައި ދޫކޮށްލެވޭވަރުގެ ޓްވީޓެއް ނޫނެވެ. “އަހަރެން ބިރުގެންޖެ. އަހަރެންގެ އާއިލާ އިން އަހަރެން މަރާލާނެ،”
އޭނާގެ ޓްވީޓްތައް މީހުންނަށް ފާހަގަވެ #ސޭވްރަހަފް ހޭޝްޓެގް ވައިގައި ހިފަން ފެށި އެވެ. އޭގެ ފަހުން މިސްރު ދަރިކޮޅުގެ އެމެރިކާ އެކްޓިވިސްޓެއް ކަމަށްވާ މޮނާ އަލްތަހާވީ ވަނީ ރަހަފްގެ އަރަބި ޓްވީޓްތަައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް އޭނާގެ އެތައް ހާސް ފޮލޯވާސް އަށް ފޮނުވަން ފަށައިފަ އެވެ.
އޭގެ މަދު ގަޑިއިރުތަކެއް ފަހުން އެ ޓްވީޓްތައް ވަނީ ހިއުމަން ރައިޓްސް ވޮޗުގެ ސަމާލު ކަމަށް އައިސްފަ އެވެ. އަދި ބެންކޮކުގައި ހުންނަ ހިއުމަން ރައިޓްސް ވޮޗުގެ ޑިޕިއުޓީ ޑިރެކްޓަރު ފިލް ރޮބަޓްސަން ވަނީ ރަހަފްގެ ހާލަތާ ގުޅޭ ޓްވީޓެއް ކުރައްވައިފަ އެވެ.
އާދިއްތަ ދުވަހު ހެނދުނު ރޮބަޓްސަން ވަނީ ރަހަފްއާ ޓްވިޓާ އިން ޑައިރެކްޓް މެސެޖް ފޮނުވަން ފަށައިފަ އެވެ. އަދި އެއާޕޯޓުގެ އޮފިޝަލުންނާ ޑީލް ކުރަންވީ ގޮތުގެ އިރުޝާދު ދެމުން ދިޔަ އެވެ.
#ސޭވްރަހަފް
އެއާޕޯޓުގެ ކޮޓަރިއެއްގައި ތާށިވެފައި ހުރި ނަމަވެސް ކޮންމެ މިނިޓަކުން ވެސް ދިޔައީ ރަހަފް ދިޔައީ ހިނގަމުން ދިޔަ ކަންކަމުގެ ޓްވީޓްތަކާއި ވީޑިއޯތައް ފޮނުވަމުންނެވެ. އޭނާ ފޮނުވަމުން ދިޔަ ޓްވީޓްތަކަށް ޓްވިޓާ ކޮމިއުނިޓީގެ ހަމްދަރުދީ އާއި ތާއީދު ލިބެން ފެށި އެވެ.

#ސޭވްރަހަފްގެ ޓްވީޓްތަކަށް މޮމެންޓަމް ލިބެމުން ދިޔަ އެވެ. އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް މި ހޭޝްޓެގުގެ ބައި މިލިއަނެއްހާ ޓްވީޓް ވަނީ ކޮށްފަ އެވެ.
މީހުން ކުރިން އަޑުވެސް ނާހާ ނުވެސް ދަންނަ ސައުދީ އަރަބިއާގެ ފުރާވަރުގެ އަންހެން ކުއްޖެއްގެ ޓްވިޓާ ފޮޮލޯވާސް 24 ގަޑިއިރު ތެރޭ ވަނީ 24 އިން 27،000 އަށް އިތުރުވެފަ އެވެ.
“ރަހަފް މުހައްމަދު ދީން ދޫކޮށްލައިފި ކަމަށް ބުނެ ބަޔާނެއް އާއްމުކުރި ހިސާބުން އަޅުގަނޑަށް އެނގިއްޖެ އޭނާ އަނބުރާ ސައުދީ އަށް ފޮނުވައިފި ނަމަ ކަންތައް ވަރަށް ގޯސްވާނެކަން،” ހިއުމަން ރައިޓްސް ވޮޗުގެ ފިލް ރޮބަޓްސަން ވިދާޅުވި އެވެ. “އެ ހިސާބުން އޭނާ އަށް އަޅުގަނޑުމެންގެ އެހީ ބޭނުންވާކަން ޔަގީންވެއްޖެ.”
ހޯމަ ދުވަހު ހެނދުނު ކަންކަން އިތުރަށް ގޯސްވާނެހެން ހީވި އެވެ. ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުން ރަހަފް ހުރި ކޮޓަރި އަށް ގޮސް އޭނާ ކުވޭތަށް ޑިޕޯޓްކޮށްލުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު ރަހަފް ދިޔައީ ހިއުމަން ރައިޓްސް ވޮޗުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކުރަމުންނެވެ. ހިއުމަން ރައިޓްސް ވޮޗުން ދިޔައީ ކޮންމެ ހާލެއް ދިމާވި ނަމަވެސް ރަހަފް ފޯނު ދޫކޮށްނުލުމުން ލަފާ ދެމުންނެވެ. ރަހަފް ދިޔައީ ކުވޭތަށް ދާން ދެކޮޅު ހަދަމުންނެވެ. އޭނާ ބެންކޮކަށް ދިޔައީ އޮސްޓްރޭލިއާ އަށް ދިއުމަށް ޓްރާންސިޓް ޕަސިންޖަރެއްގެ ގޮތުގަ އެވެ.
ހޯމަ ދުވަހަށް ފަހު ރަހަފްގެ ޓްވިޓާ ފޮލޯވާސް ޑަބަލްވެ 66،400 އަށް އަރައިފައިވެ އެވެ. ރަހަފްގެ ޓްވިޓްތަކަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ރަހަފް އަށް އެންމެ ފަހުން ވަނީ އދ.ގެ ރެފިއުޖީއެއްގެ ދަރަޖަ ލިބިފަ އެވެ. ފަސް ދުވަސް ތެރޭ އޭނާގެ ޓްވިޓާ ފޮލޯވާސް ވަނީ 126،000 އަށް އަރައިފަ އެވެ.
Facebook Comments