ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކާބޯތަކެތީގެ ވިޔަފާރީ ކުރަމުން އަންނަ މުހައްމަދު ތައުފީގު ނުވަތަ އާއްމު ނަމުން ނަމަ ސައުތު ތައުފީގު ފާހަގަކުރެވިފައިވަނީ އިޖުތިމާއީ އެކި ކަންކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭފުޅެއްގެ ގޮތުގަ އެވެ. ބޭސްފަރުވާއިން ފެށިގެން ތައުލީމް ފޯރުކޮށްދިނުމާ ހަމައަށް ވެސް އެ އާއިލާގެ އެހީތެރިކަން ލިބެމުން ދެ އެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި އެކަންތައް ކުރިއަށް ގެންދިއުމަށް “ސައުތު ފައުންޑޭޝަން”ގެ ނަމުގައި ވަނީ ފައުންޑޭޝަނެއް އުފައްދައިފަ އެވެ.
ތައުފީގުގެ ދަރިކަނބަލުން އަދި އެ ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ރިޒްވީން ވިދާޅުވީ 2016 ވަނަ އަހަރު ފައުންޑޭޝަން އުފެއްދުމަށް ފަހު ހަރުދަނާ ގޮތެއްގައި އެހީތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ކޮންމެ ހަފުތާއަކު ވެސް 5-3 މީހުން ސައުތު ފައުންޑޭޝަންގެ އެހީއަށް އެދޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސައުތު ފައުންޑޭޝަންގެ ބައްދަލުވުމުގެ ތެރެއިން.-
“ބައްޕަ އަބަދު ވެސް ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނާތީ ލަފާދިނީ ބައްޕަ އާއި މަންމަގެ ނަމުގައި ފައުންޑޭޝަނެއް ހަދައި ވީހާ ވެސް ހަރުދަނާ ގޮތެއްގައި އެކަންތައް ކުރިޔަށް ގެންދަން. އޭގެ ފަހުން ފައުންޑޭޝަން ރަޖިސްޓްރީކޮށް ތަފާތު އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން މި އަންނަނީ،” ރިޒްވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ ތަނަވަސްކަން ނެތް މީހުންނަށް، އެ މީހުން ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ބަލައި އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެއީ އެ ފައުންޑޭޝަންގެ މޮޓޯކަމުގައި އަބަދު ވެސް ބަލާކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ވެސް، ދެވެން އޮތް މިންވަރަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވިދާޅުވި އެވެ.
ގުރުއާން ކިޔަވައިދިނުމަށް ސައުތު ފައުންޑޭޝަނުން ހިންގި ޕްރޮގްރާމުގެ ތެރެއިން.-
ސައުތު ފައުންޑޭޝަނުން މިހާރު އަންނަނީ ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ބޮޑު ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން 300 ކުދިންނަށް މިސްކިތުގައި ހިލޭ ގުރުއާން ކިޔަވައިދެމުން އަންނައިރު، އެ މަސައްކަތް ކުރަނީ އެކަމަށް ޓީޗަރުން ހާއްސަކޮށް އެ މީހުންނަށް މުސާރަ ދީގެންނެވެ. އަދި އެކި ރޮނގުން ތައުލީމް ހާސިލްކުރަމުން އަންނަ މީހުންނަށް ވެސް މާލީ އިނާޔަތްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމު ފެށީ އެކަމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލުމަށްފަހު އެއަށް ކުރިމަތިލި ދަރިވަރުންނާ އެކުގަ އެވެ.
ގުރުއާން ކިޔަވައިދިނުމަށް ސައުތު ފައުންޑޭޝަނުން ހިންގި ޕްރޮގްރާމުގެ ތެރެއިން.-
“އަޅުގަނޑުމެން އަބަދުވެސް ބަލަން ގަލޮޅުގެ ރައްޔިތުންނަށް ވީ ވަރަކުން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭތޯ. އަޅުގަނޑުމެންނަކީ ގަލޮޅަށް ނިސްބަތްވާ ބަޔަކަށް ވާތީ އަދި އަވަށްޓެރިންނަށް އޯގާތެރިވުމަކީ ދީން ވެސް ބާރުއަޅާ ކަމެއް،” ރިޒްވީން ވިދާޅުވި އެވެ.
މިދިޔަ އަހަރުން ފެށިގެން ސައުތު ފައުންޑޭޝަނުން އަންނަނީ ޔޫއެންޑީޕީން ހިންގާ ގްރީން އައިލެންޑް ޕްރޮޖެކްޓަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރިޒްވީން ވިދާޅުވި އެވެ.
Facebook Comments