ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް ޓިކެޓު ދީފައިވާ، ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުކަން ކުރެއްވި އާއިޝަތު އާޒިމާ ޝަކޫރު އޭނާގެ ކެމްޕޭން ހަރަކާތްތައް ހުއްޓަވައިލައްވައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުންނަށް ޕީޕީއެމްގެ ޓިކެޓް ދެއްވިއިރު އާޒިމާއަށް ވަނީ ނ.އަތޮޅު ހޮޅުދޫ ދާއިރާއަށް ވާދަކުރުމަށް ޓިކެޓް ދީފައެވެ. ޓިކެޓް ލިބިވަޑައިގަތުމުން އާޒިމާ ވަނީ މަޖިލިސް އިންތިޚާބަށް ތައްޔާރުވެވަޑައިގެންނެވުމުގެ ގޮތުން ކެމްޕޭން ފަށްޓަވައިފަ އެވެ.
އާޒިމާގެ ކެމްޕޭންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހަކާއި ހަވާލާދީ ބުނެފަިވަނީ އާޒިމާ ކެމްޕޭން ހަރަކާތްތައް ހުއްޓަވައިލެއްވީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށެވެ. އެހެން ނަމަވެސް މަޖިލީހަށް ކުރިމަތިނުލައްވާ ގޮތަށް ނިންމެވިކަން ޔަގީން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ޓިކެޓު ލިބިވަޑައިގެންނެވި ފަހުން އާޒިމާ ހޮޅުދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޮޅުދޫ، މިލަދޫ އަދި މަގޫދޫއަށް ވަޑައިގެން ކެމްޕޭން މަސައްކަތްތައް ކުރައްވައިފައިވާ ކަމަށެވެ. އޭގެ އިތުރުން މާލޭގައި ކެމްޕޭން ހަރަކާތްތައް ފަށްޓަވައިގެން ވަރަށް ބާރަށް ކުރިޔަށް ގެންދެވި ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.
އާޒިމާ ވަނީ ސްޓްރޯކެއް ޖެހިގެން 2013 ވަނަ އަހަރު އެކަމަށް ފަރުވާ ހޯއްދަވައިފަ އެވެ. އަދި ހަމަ އެހެންމެ ހިތުގެ މައްސަލައެއްގައި ދާދި ފަހުން ވަނީ ސިންގަޕޫރުން ވެސް ފަރުވާ ހޯއްދަވައިފަ އެވެ. އާޒިމާ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ބަންޑާރަނައިބު ކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ވެސް ހުންނެވީ ސިއްހީ ގޮތުން ވަރަށް ހާލު ދެރަކޮށް ކަމަށް އޭނާ ކުރިން މީޑިއާގައި ބުނެފައި ވެއެވެ.
އާޒިމާ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހުއްޓާލުމާއި ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބެއެވެ
Facebook Comments