ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު ސިފައިންގެއިން ވަކިކުރި ތިން މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަމުން ދަނިކޮށް ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު ވަޒީފާއިން ވަކިކުރީ މާޗު 4، 2018 ގަ އެވެ. ވަޒީފާ އިއާދަކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަލައިގެންފަ އެވެ.
ކުއްލި ހާލަތުގެ ތެރޭގައި އެ މީހުން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރި ޝާނީޒް ބުނީ ކޯޓަށް މައްސަލަ ހުށަހެޅީ ވަޒީފާ އަނބުރާ ލިބޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށެވެ.
ވަޒީފާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅިއިރު، ކުރީގެ ސަރުކާރުން ސިފައިންގެ އާއި ފުލުހުންގެ އިދާރާއިން ވަކިކުރި އިސް ބޭފުޅުންތަކަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި މޭޖަ ޖެނެރަލަކަށް ހުންނަވަނިކޮށް ވަކިކުރި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.
Facebook Comments