ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އިންޑޮނީޝިއާގެ ސުންޑާ ސްޓްރައިޓުގެ އައްސޭރީގެ ހިސާބުތަކަށް ހޮނިހިރު ދުވަހު އެރި ސުނާމީގައި އެތައް ބަޔަކު މަރުވެފައިވާ އިރު މީގެ ތެރޭގައި އެ ގައުމުގެ މަޝްހޫރު ބޭންޑް “ސެވެންޓީން” ގެ މެމްބަރުންތަކެއް ވެސް ހިމެނިއްޖެ އެވެ.
ބޭންޑުގެ މެންބަރުން މަރުވީ ޝޯ ދެނިކޮށް ސުނާމީ އަރައި، ސްޓޭޖާ އެކު އޮޔާ ގޮސްގެންނެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.
ބޭންޑްގެ މެމްބަރުންގެ ތެރެއިން މަރުވެފައި ވަނީ ބޭންޑްގެ ބޭސިސްޓް ބާނީ އާއި ރޯޑް މެނޭޖަރު އޮކީ ވިޖާޔާގެ އިތުރުން ބޭންޑްގެ ކްރޫ އުޖަންގް އާއި ބޭންޑްގެ ގިޓަރިސްޓް ހާމަން އެވެ. ބޭންޑްގެ މެމްބަރުންގެ ތެރެއިން ސަލާމަތްވި ހަމައެކަނި މީހަކީ ލީޑް ވޯކަލިސްޓް ރީފިއަން އެވެ. އަދި ޑްރަމަރު އެންޑީ ވެސް ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
ޝޯ ދެނިކޮށް ސުނާމީ އަރަނީ
ރީފިއަން ބުނި ގޮތުގައި ސުންޑާ ސްޓްރައިޓުގެ އައްސޭރި ފަށަށް ބޮޑެތި ރާޅުތަކެއް ބިންދައިލީ އެ ސަރަހައްދުގައި އެ މީހުން މިއުޒިކް ކުޅެން ތިއްބަ އެވެ. އޭރު އެ މީހުންގެ ޝޯ ބަލައިލަން 200 ވަރަކަށް މީހުން ޖަމާވެފައި ތިއްބެވެ. ޝޯ އިންތިޒާމުކުރީ ސަރުކާރުގެ ކަރަންޓް ކުންފުނި ޕީއެލްއެންއިންނެވެ.
ރީފިއަން ބުނި ގޮތުގައި ބޭންޑްގެ މެންބަރުންތަކެއް މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އަދި މިއީ ހިތް ހަލާކުކޮށްލި ހާދިސާއެއް ކަމަށް ބުންޏެވެ.
“މި ހާދިސާގައި އަހަރެންގެ އަންހެނުން [ޑައިލަން] ވެސް ވަނީ ގެއްލިފައި. މިވަރުގެ ހިތްދަތިކަމެއް އަދި ދުވަހަކު ވެސް ކުރިމައްޗެއް ނުވޭ،” އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ރޮމުން ރީފިއަން ބުންޏެވެ. “އަހަރެން މުޅިން އެކަނިވެރިވެއްޖެ.”
ރީފިއަން އަންހެނުން ޑައިލަންއާ އެކު.
ރީފިއަން ބުނީ ހޯމަ ދުވަހަކީ އޭނާގެ އަންހެނުން އުފަން ދުވަސް ވެސް ކަމަށާއި އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ވެސް އޮތީ ނިންމައިފައި ކަމަށެވެ.
“ހެޔޮ ނުވާނެ އެނބުރި އަވަހަށް އާދޭ. އަހަރެން ބޭނުން ވަނީ ޑާލިންއާ ބައްދަލު ކުރަން،” އޭނާ ބުންޏެވެ.
ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު 280 އަށް ވުރެ އިތުރުވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފަ އެވެ. އަދި އެތައް ބަޔަކު ޒަހަމްވެގެން އަންނަނީ ފަރުވާ ދެމުންނެވެ.
Facebook Comments