ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ނުކޮށްގެން ޝަކުވާ ކުރަމުންދާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް އެބަ ތިއްބެވި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ޔާމީން ވެރިކަމުގައި ހުންނެވި އިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު މިދިޔަ ހޮނިހިރު ދުވަހު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ރިޔާސީ އިންތިހާބުން ޔާމީނަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ޕީޕީއެމް ދޫކޮށް ބައެއް މަޖިލިސް މެމްބަރުން އެހެން ޕާޓީތަކަށް ގޮސްފައިވާއިރު ރިޔާޒު ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވި ބައެއް މަޖިލިސް މެމްބަރުން ވެސް ޔާމީން ހައްޔަރުކުރާނީ ކޮން އިރަކުންތޯ އަހަމުންދާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ސަލާމަތެއް އޮތީ ޔާމީން ހައްޔަރުކުރުމުން ކަމަށްވެސް އެ މެމްބަރުން ވިދާޅުވަމުންދާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
“މަޖިލީހުގައި އެބަ ތިއްބެވި ޔާމީން ހައްޔަރުނުކޮށްގެން އެކަމާ ޝަކުވާ ކުރާ މީހުން ވެސް. މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ ގިނަ މެމްބަރުންނަކީ ޔާމީނަށް ވަފާތެރިވެގެން ތިއްބެވި ބޭފުޅުންނެއް ނޫން” ރިޔާޒު ވިދާޅުވިއެވެ.
ޔާމީން ހައްޔަރުނުކޮށްގެން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންތަކެއް ޝަކުވާ ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި ނަމަވެސް އެ ބޭފުޅުންގެ ނަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕީޕީއެމުން ވެސް ތައްޔާރުވަމުންދާއިރު، ޕީޕީއެމުން ވަނީ ޕްރައިމަރީއަކާއި ނުލައި މިހާރު އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންނަށް ޓިކެޓު ދިނުމަށް ނިންމާފައެވެ.
Facebook Comments