ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޕީޕީއެމްއާ ގުޅެން ޖެހިއްޖެ ހާލަތެއްގައި ގުޅޭނެކަން އެއީ ސާފުކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިގޮތަށް ވިދާޅުވީ، ޑރ. މުހައްމަދު ޖަމީލް އަހުމަދު އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާނުކޮށް، ފެއްޓި ކެންޕޭން ޖަލްސާގައި ވާހަކަދައްވަމުންނެވެ.
.ނާޒިމް ވިދާޅުވީ، ޖުމްހޫރީ ޕާޓިން ކޮންމެ ޕާޓީއަކާއިވެސް ގުޅެން ޖެހިއްޖެ ހާލަތެއްގައިވެސް ގުޅޭނެ ކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރާގޮތުގައި ގުޅެން ޖެހޭ ހާލަތެއް އައިސިއްޔާ ޖުމްހޫރީ ޕާޓީން ގުޅޭނެ. ވަރަށް ސާފު މައްސަލައެއް އެއީވެސް، އަޅުގަނޑު މި ދަންނަވަނީ އެވާހަކަ. ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެވަގުތެއްގައި ކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންމެ ކަމެއް ކުރަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން”. ނާޒިމް ވިދާޅުވިއެވެ.
އަދި ގައުމު ސަލާމަތް ކުރުމަށްޓަކައި ނުކުންނާނެ ހަމައެކަނި ބޭފުޅަކީވެސް ގާސިމް އިބްރާހިމްކަމަށް ނާޒިމް ވިދާޅުވިއެެވެ.
ނާޒިމް ވިދާޅުވީ، މި ސަރުކާރު ގެނެވިފައި އޮތީ އެންމެ ބޭފުޅެއްްގެ މަސައްކަތުން ނޫން ކަަމަށާއި، މި ސަރުކާރު ގެނެވިފައި އޮތީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ގާސިމް އިބްރާހިމްއަށްވުރެ ބޭނުންފުޅުވާ ބޭފުޅަކު ނުހުންނަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ގާސިމް މަސައްކަތް ކުރައްވާނެކަމަށާއި، އެއީ ޔަގީންކަމެއްކަމަށެވެ.
“މި ދައްކަވާ ވާހަކަފުޅުތައް ބަދަލުކޮށް ޓްވިސްޓްކޮށްގެން ގޮތްގޮތަށް މީޑިއާގައި ދައްކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅޭނެކަމެއް ނެތް”. ނާޒިމް ވިދާޅުވިއެވެ.
އަދި ގާސިމް ކޯލިޝަން ރޫޅާލުމަށްފަހު އެހެން ކަމެއް ނުކުރައްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
Facebook Comments