ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިންގިއަސް އިންތިޚާބުތަކުގައި އެ ހަމައިން ބޭރުވާ ކަމުގެ ޝަކުވާ ބޮޑެވެ؛ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެ ޕާޓީން ހުކުރުދުވަހު ބޭއްވި ޕްރައިމަރީއާ ގުޅުވައިގެން އަނެއްކާވެސް އެ އަޑުގަދަވެއްޖެ އެވެ.
ޕްރައިމަރީގައި އެމްޑީޕީގެ އިސްބޭފުޅުންގެ އަމަލުތައް ހުރީ، އެ ޕާޓީގެ ބައެއް މެމްބަރުން ސިފަކުރާ ގޮތުގައި، “ޚުދުމުހުތާރު” ކޮށެވެ. މިއީ، އެމްޑީޕީން އެންމެ ރުޅި އަންނަ ސިފަ އެވެ. އެކަމަކު ތުހުމަތުކުރާނެ ޖާގަ ލިބުނީ، އެ އުސޫލަށް އެ ޕާޓީގެ ބައެއް ކަންކަން ގެންގޮސްފައިވާތީ ކަމަށް މެމްބަރުން ބުނެ އެވެ.
ޕްރައިމަރީއާ މެދު ހިތްހަމަނުޖެހޭ ބައެއް މީހުން ބުނިގޮތުގައި، ޓިކެޓް ކަށަވަރުވާން ޖެހޭނީ ވަކި ކެންޑިޑޭޓުންތަކެއް ކަމަށް ލީޑަޝިޕުން ކަނޑައެޅުމަކީ މައްސަލަ އެކެވެ. އެއާއެކު އޭގެތެރެއިން ބައެއް ކެންޑިޑޭޓުންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވުން ވެސް ގޯހެވެ. އަދި ބައެއް ދާއިރާތަކުގައި ވޯޓު ހައްގުވާ މީހުންގެ ގާތު، ވަކި ކެންޑިޑޭޓުންތަކެއް ހޮވައިދޭން ލީޑަޝިޕްގެ ބައެއް ބޭފުޅުން އެދިވަޑައިގެންފައިވުމަކީ ވެސް މައްސަލައެއް ކަމަށް، ޕްރައިމަރީ ދިޔަ ގޮތް ކަމުނުދާ ކަމަށް ގަބޫލުކުރާ އެމްޑީޕީގެ މެމްބަރުން ދެކެ އެވެ.
އެ ޝަކުވާ ޕާޓީގެ އިސް ބައެއް ބޭފުޅުންނަށް ހުށަހެޅި އެވެ؛
އެއް ބަޔަކަށް ލިބުނު ޖަވާބަކީ، “ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުން ގޯސް ކަމަށާއި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުން ވެސް ގޯސް” ކަމަށެވެ.

ޕްރައިމަރީއާ ދިމާކޮށް، އިމެއް ނެތި ޕާޓީ އަށް މީހުން ވެއްދޭ ގޮތަށް އޮތުމަކީ ވެސް ވާދަކުރި ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. އޭގެތެރޭގައި، ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ތިބި ކަމުގެ ޝަކުވާ ވެސް ބޮޑެވެ.
“ބައެއް ދާއިރާތަކަށް ނުކުތް އެމްޑީޕީގެ ވަރުގަދަ ކެންޑިޑޭޓުން ކަޓުވާލަން އެބަހުރި ޕީޕީއެމް މެމްބަރުން ވައްދާފައި. އެއީ، އެ ދާއިރާ އިން މަޖިލީސް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ކާމިޔާބީ ހޯދައިދޭންވެގެން ކުރި ކަމެއް ކަމަށް ބެލެވެނީ،” ޕްރައިމަރީގައި ވާދަކުރި މެމްބަރަކު ބުންޏެވެ.
އެޕްރީލް މަހު އޮންނަ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހަށް 87 މެމްބަރުން ހޮވާނެ އެވެ. އެމްޑީޕީން ޕްރައިމަރީ ބޭއްވީ 77 ދާއިރާ އަށެވެ. އެ ޕްރައިމަރީގައި 80،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
މި އަދަދަށް ވޯޓުލުމުގެ ހައްގު ލިބޭ މީހުން ތިބި ކަމަށް އެ ޕާޓީން ބުނިއިރު، އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި ޖުލައި، 31، 2018، ގެ ނިޔަލަށް އެ ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދަކީ 29،008 މެމްބަރުންނެވެ.
އީސީގެ ދަފްތަރުގައި ރަޖިސްޓްރީ ނުކުރިއަސް ޕާޓީތަކުގެ ޕްރައިމަރީތަކާ ދިމާކޮށް، ވައްދާ މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ހުރިހާ ޕާޓީއަކުން ވެސް ދެ އެވެ.
ދެން އޮތީ ވޯޓު ގަތް މައްސަލަ އެވެ. އެމްޑީޕީގެ ބައެއް ދާއިރާތަކަށް ނުކުމެވަޑައިގަތް ކެންޑިޑޭޓުން ކާމިޔާބު ހޯދީ ފައިސާ ބަހައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންދިޔަ ކޮމެޓީން ބުނާގޮތުގައި ލީޑަޝިޕުން ނުފޫޒު ފޯރުވުން ނުވަތަ ފައިސާ ބެހި ކަމުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ. އިންތިޚާބު ބޭއްވީ ޕާޓީގެ އިސްބޭފުޅުންގެ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކުގައި ކަމަށް ވޯޓުގައި އިސްކޮށް އުޅުއްވި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް އަމާޒުވެފައިވާ ފާޑުކިއުންތަކާ އެކު ވެސް އާއްމު މެމްބަރުން ގަބޫލުކުރާ އެއް ހަގީގަތަކީ، ޑިމޮކްރަސީގެ ނަމޫނާ ދައްކާނީ އެ ޕާޓީން ކަމެވެ. އޭގެ އެއް މިސާލަކީ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީ ބޭއްވުމެވެ.
މިއީ ރާއްޖޭގެ އެހެން ޕާޓީތަކުން އާއްމުކޮށް އަމަލުކުރާ އުސޫލެއް ނޫނެވެ؛ މަޖިލީހުގެ އިންތިޚާބު ނުވަތަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރާނެ ކެންޑިޑޭޓުންނަށް ޓިކެޓް “ބަހަނީ” އެވެ.
އަންނަ އެޕްރީލް މަހު ހަވަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެސް ގިނަ ޕާޓީތަކުން ދެމުން އަންނަނީ ޕްރައިމަރީއަކާ ނުލަ އެވެ.
އެމްޑީޕީ އިސްލާހު ކުރަން ޖެހޭ!
ޕްރައިމަރީ ބާއްވައި ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކާ ކަމަށް އެމްޑީޕީ އަށް ދައުވާ ކުރެވެން އޮތީ، އެ ޕާޓީގެ އެތެރޭގައި މިހާރު ހުރި މައްސަލަތައް ވެސް ހައްލުކޮށްގެންނެވެ.
އެއް ކަމަކަށް، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭން ކުރުމުގައި ވެސް ހަމަހަމަ މާހައުލެއް އޮންނަން ޖެހެ އެވެ. ވަކި ކެންޑިޑޭޓުންތަކެއްގެ ފަހަތުގައި ޕާޓީގެ އިސް ބޭފުޅުން ތިއްބެވި ކަމަށް ދެއްކެވުމަކީ، އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓުންގެ ހައްގަށް ލިބޭނެ އުނި ކަމެކެވެ.
“ހުރިހާ ކެންޑިޑޭޓުން ކެމްޕޭން ކުރަން ހަމަހަމަ މާހައުލެއް ނޫން މި ޕްރައިމަރީގައި ފެނިގެން ދިޔައީ. ވަކި ބައެއްގެ މަސްލަހަތު އިސްކޮށް، ބަލިވާ ކެންޑިޑޭޓު މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނަރާނެ މިންވަރަށް ތަފާތުކުރުންތައް ގެންގުޅުނު،” އެކަކު ބުންޏެވެ.
ޕްރައިމަރީގެ ގޯސްތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީގެ ބާރުތައް އޮތީ ވަކި ގޮތަކަށް ބައްޓަންކޮށްފަ އެވެ. އެ އުސޫލާ ދެކޮޅު ހައްދާނެ ނުވަތަ ވަކި ބޭފުޅަކު އަންގަވާ ހުރިހާ ގޮތަކަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ނޯންނަ މީހުން ބާކީކޮށްލާ އުސޫލާ ވެސް އެމްޑީޕީން ދުރުވާން ޖެހެ އެވެ.
ލީޑަޝިޕްގެ ތާއީދު އޭނާ އަށް ނުލިބުނު އެއް ސަބަބަކީ އެއީ ކަމަށް ނިޒާރު ދެކެވަޑައިގަންނަވަ އެވެ.
“ޕާޓީ ރިފޯމްކުރަން ފުރުސަތެއް ނޯވޭ. ގަވައިދުތަކަށް ބަދަލެއް ނުގެނޭ،” ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ، ވެސް އިސްލާހު ކުރަން ޖެހޭ ސިފައެކެވެ.

އެމްޑީޕީގެ ޕްރައިމަރީ ދިޔައީ ރަނގަޅަށް ނޫން އެއް ބަޔަކު ދެކުނަސް، އިންތިޚާބާ ބެހޭ ކޮމެޓީން ބުނިގޮތުގައި، އެއީ، ޕާޓީގެ ލީޑަޝިޕުން ނަމޫނާ ދެއްކި ޕްރައިމަރީ އެކެވެ.
“އެކި މަރުހަލާތަކުގައި ޕާޓީގެ ޑިމޮކްރަސީ މިއަންނަނީ ވަރަށް ބޮޑަށް ފުރިހަމަވަމުންނޭ. މިހާރު އަޅުގަނޑުމެންނަށް ދަންނަވާލަން ކެރޭނެ، ކުރިއަށް އޮތް ތަނުގައި ވެސް ޕާޓީގެ މިހާރުގެ ޗެއާޕާސަނާއި ޕާޓީގެ ރައީސްވެސް އެ އޮތީ ނަމޫނާ ދައްކަވާފައި. އިންތިޚާބަށް ކުރިމަތިލެއްވުމަށް ފަހު އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތްތަކަކުން އެކަހެރިވެވަޑައިގަތީ،” ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީތަކުން ފެންނަ ގޯސްތައް އެމްޑީޕީން އިސްލާހު ކުރެ އެވެ.
“މި ޕްރައިމަރީގައި ވެސް ފެނިފައި އެބަހުރި ބައެއް ކަންކަން. މި ހުރިހާ ކަމެއް، ބަލައި ރިޕޯޓެއްގެ ގޮތުގައި ޕާޓީގެ ޗެއާޕާސަނަށް ހުށަހަޅާނަން. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި، މިފަހަރު ރަނގަޅު ކުރަން ޖެހޭ ކަންކަން ދެން އަންނަ ޕްރައިމަރީގައި ރަނގަޅުވާނެ،” ވަހީދު ވިދާޅުވި އެވެ.
Facebook Comments